ކޮންމެ ގޮތަކަށް ނިމުނަސް އެޕްރީލް 4ގެ ފަހުން އިނދަޖައްސާލާނެ

މުއިއްޒު ވެރިކަމަށް ގެނަސްގެން ކާންއުޅުނު ރާކަނިމަސް ނިކަން ރަނގަޅަށް މިފަހަރު ކެވޭނެ

ކޮންމެ ގޮތަކަށް ނިމުނަސް އެޕްރީލް 4ގެ ފަހުން އިނދަޖައްސާލާނެ

ޑރ. މުއިއްޒު ވެރިކަމަށް އެރީއްސުރެ ހަރަދު ކުޑަކުރުމަށް އަންނަނީ ގޮވާލެވެމުންނެވެ. ދުނިޔޭގެ މާލީ އިދާރާތަކާއި އެހީ ދޭ ގައުމުތަކުން ހުއްޓާނުލާ ބުނަމުން އައީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށެވެ. ދައުލަތުގެ ހަރަދު ބޮޑުވެ ބަނގުރޫޓު ހާލަތަކަށް ހިނގައިދާނެ ކަމުގެ އިންޒާރު ރާއްޖެއަށް ދެމުންދާތާ ކިތަންމެ ދުވަހެކެވެ. 

އެންމެ ފަހުން ހުޅަނގު އޭސިޔާގައި ބޮޑު ހަނގުރާމައެއް ފެށި އިގުތިސޯދު އިނދަޖެހޭ ވަރަށް ކަންކަން މިވަނީ ގޯސްވެފައެވެ. އެހެނެއް ކަމަކު ބޯހަރު މުއިއްޒުގެ ސަރުކާރުން އެއިން އެއްވެސް ކަމަކަށް ނުވިސްނައެވެ. ފިޔަވަޅެއް ނާޅައެވެ. މިވަގުތަށް ކުރަން ނުޖެހޭ ބޮޑެތި ބޭކާރު ހަރަދުތައް ކުރަމުން ދަނީ ފަތުއަޑު ކިޔާފައެވެ. 

ބޭނުން ނުވާވަރަށް ބޮޑު މުސާރައިގެ ސިޔާސީ މަގާމުތައް ބެހުމަކަށް ހުއްޓުމަކަށް ނާދެއެވެ. ކައުންސިލް އިންތިހާބު ކާމިޔާބުކުރުމަށް ދައުލަތުގެ ފައިސާ ތަޅާ ބުރުއްސަނީ ސުމާރެއް ނެތިއެވެ. އީދު ބޮކި ދިއްލުމާއި ކުޅިވަރު ހަރަކާތްތަކަށާއި ހަވާއެރުވުން ފަދަ ކޮންމެހެން ނުކޮށް ވާންއޮތް ކަންކަމަށް ހޭދަކުރުމުގައި ހައްދެއް ނެތެވެ. 

ވެރިކަމަށް އެރިގޮތަށް ވަޒިރު ބޭފުޅުންނަށް އަގުބޮޑު ވިއްސަކަށް ކާރުގަތުމާއި ހުއްޓާނުލާ ރައީސާއި މަތީފެންވަރުގެ ފައުޖުތައް ރާއްޖޭން ބޭރަށް ދަތުރު ކުރުމާއި ޑްރޯނު ގަތުމާއި ހަތިޔާރު ގަތުންފަދަ ކަންކަމަށް ނެތްވަރުން ހަރަދުތައް ވަނީކޮށްފައެވެ. ދުނިޔޭގެ އެތަން މިތާހުރި ރާއްޖޭގެ ޑިޕޮލޮމެޓިކް މީޝަންތަކައް ސުމާރެއް ނެތްވަރަށް މީހުން ލައިގެން ދައުލަތުގެ ފައިސާ ދަނީ އިސްރާފު ކުރަމުންނެވެ.

ދަރާ ބޯހިކެންނެތް ރާއްޖޭން މޫނަކަށް ކަނދުރާއަކަށް ނުބަލާ ހިތުހުރި ގޮތަކަށް ދައުލަތުގެ ފައިސާ ކައި ހުސްކުރާއިރު ދުނިޔޭގެ ފޯރާ މުއްސަދި ގައުމުތަކުންވެސް އީރާނު ހަނގުރާމަ ފެށުނު ފަހުން ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އެދަނީ އަޅަމުންނެވެ. އެކަމަކު ރާއްޖޭގެ މާލީ ވަޒީރަށް ހަރަދު ކުޑަކުރުމުގެ ޕްލޭނެއް ރައީސާ ހަމައަށް ގެންދެވޭ ވަރުވާނީވެސް އަދިވެސް ހަފްތާއެއްހާ ދުވަސް ފަހުން ކަމަށްވެއެވެ.

މާލީ ވަޒީރުގެ ހަރަދު ކުޑަކުރުމުގެ ޕްލޭން ފެށޭމަހު 4 ގައި އޮންނަ އިންތިހާބު ކުރިން ގެންގޮސް އަމަލީ ފިޔަވަޅެއް ނާޅާނެއެވެ. އެޕްރީލް 4 ގެ ފަހުން ހަރަދު ކުޑަކުރުމުގެ ޕްލޭން ހިންގާނީ އާއްމު ރައްޔިތުންގެ މައްޗަށެވެ. އަގު ބޮޑުކޮށް ހިދުމަތް ކަޑާ ހަދާނީ ރައްޔިތުންގެ އަސާސީ ހިދުމަތާ ގުޅުން ހުރި ކަންކަމުންނެވެ. 

އެޕްރީލް ހަތަރެއްގެ ފަހުން ޝެޑިއުލުކޮށްގެން އެކި ހިސާބުތަކުން ކަރަންޓް ކަނޑަން ފަށާނެއެވެ. މުސްކުޅިންނާއި އެކަނިވެރި މައިންނަށްދޭ އިނާޔަތް ކަނޑާލާނެއެވެ. ރާއްޖޭން ބޭރުން އާސަންދައިގެ ހިދުމަތް ދިނުން ނިމުމަކަށް ގެންނާނެއެވެ. އަމިއްލަ ކުލިނިކްތަކާއި އަމިއްލަ ބޭސް ފިހާރަތަކުން އާސަންދަ ކަނޑާލާނެއެވެ. ކަރަންޓާއި ފެނުގެ ހިދުމަތުގެ އަގު ބޮޑު ކުރާނެއެވެ. މިހާރަށް ވުރެވެސް ތެލުގެ އަގު ބޮޑުކުރާނެއެވެ. ނަތީޖާއެއްގެ ގޮތުން އާއްމު ދަތުރު ފަތުރުގެ އަގު ކެތްނުވާ ވަރަށް ބޮޑުވެ އާއްމު ދަތުރު ފަތުރު ހުއްޓޭނެއެވެ. 

ސިޔާސީ މަގާމުތައް މަދުނުކޮށް އޮފީސްތައް މަދުކޮށް ސިވިލް ސާރވިސްގައި މަސައްކަތްކުރާ އެތައް ބަޔަކު ވަޒީފާއިން ވަކިކުރާނެއެވެ. ރަސްމާލެ ނޫން ހުރިހާ ޕްރޮޖެކްޓެއް ހުއްޓާލާ މުއިއްޒުގެ މަސްލަހަތުނެތް ހުރިހާ އަމިއްލަ ކުންފުނިތަކާޢި ވިޔަފާރިތައް ފުޑާލާނެއެވެ. މުއިއްޒު ވެރިކަމަށް ގެނަސްގެން ކާންއުޅުނު ރާކަނިމަސް ނިކަން ރަނގަޅަށް މިފަހަރު ކެވޭނެއެވެ.