އަދުރޭ ލިސްޓްގެ އެންމެ ކުރީގައި ސައްލެ؟
ސައްލެއަށް އޮތް ލޯތްބާއި އިތުބާރެއް ނައްތައެއް ނުލެވޭނެ
މަޖިލީހުގައި ތިބެގެން ނުވާނެ ވިހި މީހެއްގެ ވާހަކަ މުއިއްޒުގެ އިސްވަޒީރު އަދުރޭ ދެއްކީ ދާދި ފަހުންނެވެ. ކޮންބައެއްކަން ނުބުނެ އަދުރޭ އެބުނާ 20 މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އަހުމަދު ސަލީމު (ސައްލެ) ހިމެނޭކަން ޔަގީން ވެއްޖެއެވެ. ހަމައެކަނި ލިސްޓްގައި ހިމެނެނީއެއް ނޫނެވެ. ލިސްޓްގެ އެންމެ ކުރީ ދެތިންނަމުން ނަމަކަށް ސައްލެގެ ނަން ވާކަން ކަށަވަރެވެ. ކޮންމެ އަގެއް ދައްކައިގެންވެސް ސައްލެ މަޖިލީހަށް ވަނަ ނުދިނުމަކީ މުއިއްޒުގެ އަމާޒެކެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އަހުމަދު ސަލީމު (ސައްލެ) ދެކެ މުއިއްޒު މިގަންނަނީ ހާދަހާ ބިރެކެވެ. ސައްލެއަށް ހޯރަފުށީގައި އޮތް ތާއީދު ފެނި މުޅި ސަރުކާރު އޮތީ މޭކަރަކަރައެވެ. ސައްލެއާ ދެކޮޅަށް ކުރެވެން އޮތް ހުރިހާ ކަމެއް ދަނީ ކުރަމުންނެވެ. އެހެނަސް ސައްލެގެ ކެންޕޭނަށް ހުރަސް އަޅަން ސަރުކާރު ހިންގާ ކޯލިޝަނުން ކުރަމުންދާ މަސައްކަތް ދަނީ ބޭކާރުވަމުންނެވެ.
ސަލީމުގެ މައްޗަށް ކުރި ނުހޯދި ސަރުކާރަށް ގޮތްހުސްވެ ހޯރަފުށީ ކައުންސިލްގެ ބާރު ކަނޑުވާލުމުގެ މަސައްކަތް ފާޅުގައި ވަނީފަށަފައެވެ. ސައްލެގެ ކެންޕޭނުގައި ހޯރަފުށީ ކައުންސިލުން ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރާކަމަށް ބުނެ ދޮގު އިލްޒާމް ސަރުކާރު ހިންގާ ޕީއެންސީ ކޯލިޝަނުން އެޅުވީ ދެވަނަ އެއްވެސް ގޮތެއް ނެތިގެންނެވެ.
ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްގެން ރާއްޖޭގެ ކަންކޮޅުތަކުގައި ކެންޕޭނު ކުރަނީ ކޮންބައެއްކަން ރައްޔިތުންނަށް ވަރަށް ސާފެވެ. ރައްޔިތުންގެ ހާލު ބެލުމުގެ ނަމުގައި ދައުލަތުގެ ވަސީލަތް ބޭނުންކޮށްގެން ރައީސް މުއިއްޒު ދެފައި އެއްތާ ނުޖަހާ އެކުރަނީ ކީއްކަން އޮޅިގެން އުޅޭ މީހަކު ނޫޅެއެވެ. ވަޒީރުންނާއި ދައުލަތުގެ އިސްވެރިން އެމީހުންގެ އޮފީސްތައް ދޫކޮށްނިކުމެ ރާއްޖޭގެ އެތަން މިތާ ރަސްމީގަޑީގައި އެކުރަނީ ކެންޕޭނު ނޫން ކޮން އެއްޗެއް ހެއްޔެވެ.
ހޯރަ ކިޔަންޏާ މާހޯރައަކަސް ވަރިހަމައެވެ. ދުވަހަކު ހޯރަފުށި ލޮލުން ނުދުއްޓަސްހެވެވެ. ހެދުނު ގޮތެއް ހަދައިގެން ސައްލެ ފެއިލްކޮށްލަން އެރުވުނު މީހަކު ހޯރަފުއްޓަށް ސަރުކާރުން ދަނީ އަރުވަމުންނެވެ. އެގޮތުން ކަޅުދަބަސް ހިފައިގެން ހޯރަފުއްޓަށް އަރާ ރައީސް އޮފީހުގެ ކޮމިނިކޭޝަން މިނިސްޓަރު ހެއްޔަބޯ ހަލީލު އެބަހަނީ މުސްހަފެއް ނޫނެވެ. ދިންނަވާނޭ މަގެއްވެސް ނޫނެވެ. ހަކުރެއް ރިހާކުރެއް ނަގުދެއް ނޫންކަމެއް ނޭގެއެވެ.
އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމް އެތައް ދުވަހެއް ވަންދެން ހޯރަފުށީގައި ހުރެގެން އެ ހިންގަނީ އައިޖީއެމްއެޗް ހެއްޔެވެ. އައިޖީއެމްއެޗް މިހާރު ހުންނަނީ ހޯރަފުށީގައި ހެއްޔެވެ. އައިޖީއެމްއެޗްގައި ތިބި ބަލިމީހުނަށް ފަރުވާނުދެވި އަޅާލުން ނުލިބި ހޮސްޕިޓަލްގެ އިހުމާލުން މީހުންގެ ފުރާނަ ދާއިރު ސީއީއޯ އުޅުއްވަނީ ޕީއެންސީ ކެންޕޭނުގައެވެ.
ހިނގާލާފައި ޑޮކްޓަރަށް ދައްކަން މިދިޔަ ހުކުރު ދުވަހު މެންދުރު އައިޖީއެމްއެޗަށް ދިޔަ އެކަކީ ހޯރަ އިއްބެއެވެ. ހޮސްޕިޓަލްގެ އީއާރަށް ވަނތްތާ ދެތިން ގަޑިއިރު ފަހުން އިއްބެގެ ގަބުރު ހޮސްޕިޓަލުން ނެރެން ޖެހުނީ ޕީއެންސީއަށް ހޯރަފުށިން ނުލިބޭ ވޯޓެއް ކަމަށް ސީއީއޯ ހޯރަފުށީގައި ހުރެ އަންގައިގެން ހެއްޔެވެ.
ކުރާށެވެ. ކުރާށެވެ. ސައްލެއަށް އޮތް ތާއީދު ނަގާލަން ކުރެވުނު ކަމެއް ކުރާށެވެ. ކިތަންމެ ފޮނެއް އެރުވިޔަސް ކަންކަން ކުރެވޭނީ މިންވަރުގެ ކޮޅަށެވެ. އަހުމަދު ސަލީމުގެ ހިންމަތާ މިންނަތުން ދާއިރާއަށް ހޯދާދީފައިވާ ކުރިއެރުން ދިރިދިރި ދާއިރާއިން އެހުރީ ފެންނާށެވެ. ހޯރަފުށީ ދާއިރާގެ ރައްޔިތުންނަށް އެކަމެއް ނޯޅޭނެއެވެ.
ކޮންމެ އަގެއް ދައްކައިގެންވެސް އަހުމަދު ސަލީމް (ސައްލެ)ގެ ސިޔާސީ ހަޔާތުގައި މޫނު އަޅަން މުއިއްޒު ސަރުކާރުން މަރުފަލި ޖަހަނީކަން އެނގެއެވެ. އިލްމީ ގާބިލު ދޫ ފަސޭހަ ތަޖުރިބާކާރު މީހުން މަޖިލީހުގައި ތިބެންޖެހޭ ކަމަށް ގަބޫލުކުރާ އެއްވެސް ރައްޔިތަކު ސައްލެ އެއްލައެއް ނުލާނެއެވެ. މުއިއްޒަށް އަޅުވެތިވެ ހަމްދު ސޮލަވާތް ކިޔަވަން ރަނގަޅަށް ނޭގޭ މީހަކު އަތުގައި ހިފައިގެން ނިކުމެ ސައްލެ ފުނޑާލަން ހޯރަފުށީ ހަލީލު މެން ނިކުތީމާ ހޯރަފުއްޓައްވެސް ހުތުރެވެ. ފުލުފުލުން ކަޅު ދަބަސް އެރުވިޔަސް ހޯރަފުށީ ދާއިރާގެ ރައްޔިތުންގެ ހިތުގައި ސައްލެއަށް އޮތް ލޯތްބާއި އިތުބާރެއް ނައްތައެއް ނުލެވޭނެއެވެ.