ޖުޑީޝަރީގެ ހުރުމަތް ކެނޑި މުއިއްޒު ބާލަންޖެހޭ!
ވެރިކަމަށް އައުމަށްޓަކައި ޝަރުއީ ނިޒާމުގެ އިތުބާރު ކަނޑުވާލި
ދައުލަތުގެ ތިން ބާރުން އެއްބާރަކީ ޖުޑީޝަރީއެވެ. ޖުޑިޝަރީއަކީ އަދުލު އިންސާފު ގާއިމު ކުރުމުގެ އެންމެ އިސްފަރާތެވެ. ދައުލަތުގެ ކަމަކާ ހަވާލުވެ ހުރި މީހަކަށް ވިޔަސް ޝަރީއަތުގެ ކަމަކާ ބެހި ފާޑުކިޔާ ނުފޫޒު ފޯރުވާ ހެދުމަކީ ގާނޫނު އަސާސީ މުޅިން މަނާކުރާ ކަމެކެވެ. ޝަރީއަތުން ކުރާކަމަކާ ބެހި ފާޑުކިޔާ މުޅި ނިޒާމްގެ އިތުބާރު ކަނޑުވާލަން މަސައްކަތް ކުރުމުގެ ބާރެއް އެކަކަށްވެސް ލިބިގެނެއް ނުވެއެވެ.
ޝަރީއަތުން ކުރާ ހުކުމަކާ ހިތް ހަމަ ނުޖެހުނަސް މަގުމައްޗަށް ނިކުމެ ހަޅޭފަޅޭޖަހާ ޝަރުއީ ނިޒާމްގެ އިތުބާރު ކަނޑުވާލަން މަސައްކަތް ކުރުމަކީ ގާނޫނު އަސާސީއާއި ހިލާފަށް ކުރާ ބޮޑުކުށެކެވެ. ޝަރީއަތުން ކުރާ ހުކުމަކާ ހިތް ހަމަ ނުޖެހޭނަމަ އިސްތިއުނާފް ކޮށްގެން ހުކުން ބަދަލުކުރުވުމުގެ ޖާގަ ޝަރުއީ ނިޒާމުގައި އޮވެއެވެ. އެކި މަރުހަލާގެ ކޯޓުތައް ހުންނަނީ އެހެން ވެގެންނެވެ.
ޝަރުއީ ނިޒާމުގައި ހުންނަ އުނިކަންކަން ރަނގަޅު ކުރެވޭނީ ގާނޫނީ އޮނިގަނޑު އިސްލާހު ކޮށްގެން ގާނޫނީ ނިޒާމްގެ ތެރެއިންނެވެ. ރައްޔިތުންގެ މަޖިލީހުން ހަދާ ގާނޫނު ތަކުންނެވެ. މަގުމައްޗަށް ނިކުމެ ހުކުން ހަރާން ކޮށްގެނެއްނޫނެވެ.
ފަހުގެ ތާރީހުގައި ރާއްޖޭގެ ޖުޑިޝަރީގެ ހުރުމަތް ކެނޑުމުގެ އެންމެ ކުރީގައި ހުރި މީހަކީ ރައީސުލްޖުމްހޫރިއްޔާ ކަމުގައި މިހާރު އެހުރި ޑރ. މުއިއްޒެވެ. ވެރިކަމަށް ހުވާކުރުމަށް ފަހު އެންމެ ފުރަތަމަ ގައުމާ މުހާތަބްކޮށް ދިން ތަގުރީރުގައިވެސް ރާއްޖޭގެ ޖުޑީޝަރީގެ ހުރުމަތް އޭނާ ވަނީ ކަނޑާލާފައެވެ. ވެރިކަން ހޯދީވެސް ޖުޑިޝަރީގެ ހުރުމަތް ކަނޑައިގެންނެވެ.
ޑރ. މުއިއްޒު ވެރިކަމަކަށް ހުވާކޮށްފާ ގައުމާ މުހާތަުކޮށް ދެއްކި ވާހަކާގައި ބުނެފައިވަނީ އޭނާ ވެރިކަމަށް އެރީ ސަރުކާރުން، ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވުން މި ހިނދުން މި ހިނދަށް ނިންމުމަށް ކަމަށެވެ. "އެކަން މި ނިންމީ" ކަމަށް އޭނާ ބުންޏެވެ. އެވަރުގެ ބޮޑު އެހާމެ ނުރައްކާތެރި ތުހުމަތެއް ކުރީގެ ސަރުކާރު ތަކަށް އޭނާ ކުރިއިރު ކުރީ ސަރުކާރު ތަކުން ޖުޑިޝަރީއަށް ނުފޫޒު ފޯރުވިކަން އޭނާ ސާބިތު ކޮށްދީފައެއްް ނެތެވެ. އަނެއްކޮޅުން ވެރިކަމަށް އައުމަށް ފަހު އެބުނާ ނުފޫޒެއް ފޯރުވިޔަ ނުދޭން ކުރިއެއްވެސް ކަމެއް ފެންނާކަށް އަދި ނެތެވެ.
ރާއްޖޭގެ ފަނޑިޔާރުންނާއި މުޅި ޖުޑިޝަރީ ނުފޫޒުގެ ދަށުވެފައި އޮތްކަމަށް ބުނެ އެކަން ސާބިތުކޮށް ނުދެވޭ މީހަކަށްވުރެ ބޮޑަށް ކޯޓުގެ ހުރުމަތް ކެނޑި މީހަކު ނުހުންނާނެއެވެ.
ވެރިކަމަށް އައުމަށްޓަކައި ޝަރުއީ ނިޒާމުގެ އިތުބާރު ކަނޑުވާލުމަށް މަގު މައްޗަށް މީހުން ނެރެގެން ހަރާން ހުކުމޭ ގޮއްވުމުގައި އެންމެ އިސްކޮށް ހުރި އެކަކީ މުއިއްޒެވެ. ރައީސް ޔާމީނަށް ހުކުމް ކުރުމާއެކު އެހުކުމަށް ހަރާން ހުކުމުގެ ނަންދިން އަދުރޭ ހުރީ ޑރ. މުއިއްޒުގެ އެންމެ އިސް މުޝީރުގެ ގޮތުގައެވެ. ވޯޓްހޯދަން ދިޔަހާ ތާކަށް ގޮސް ކުރިހާ ކެންޕޭނެއްކުރީ ވެރިކަމަށް އައުމާއެކު ޝަރުއީ ހުކުމެއްގައި ހުރި މީހަކު މިނިވަންކުރާނެ ކަމުގެ ދޮގު ވައުދު ވަމުންނެވެ. ބަންދުގައި ހުރި މީހެއްގެ ފޮޓޯ ގާނޫނާ ހިލާފަށް ބޭނުން ކޮށްގެންނެވެ.
ރައީސް ޔާމީނު ބަންދުގައި ހުންނެވީ އަނިޔާވެރި ކަމާއެކު ކުރި ހަރާން ހުކުމެއްގެ ސަބަބުން ކަމަށް މުއިއްޒު ބުނެފައިވަނީ އެއްތާކު ދެތާކު ނޫނެވެ. އެއް ޖަލްސާއަކު ދެޖަލްސާއަކު ނޫނެވެ. އެއް ފަހަރަކު ދެފަހަރަކު ނޫނޫނެވެ. އެކަކު ދެމީހަކު ގާތަކު ނޫނެވެ. ރައީސް ޔާމީނު މިނިވަން ކުރުމަށް އޮތް ލަހަކީ މުއިއްޒު ވެރިކަމަށް ހުވާކުރަންވާ ލަހެއް ކަމަށް އޭނާ ބުނަމުން ދިޔައެވެ. ވެރިކަމުގެ ހުވާ ކުރާނީ ރައީސް ޔާމީނު މިނިވަން ކޮށްގެން އެމަނިކުފާނުގެ އަތްޕުޅުގައި ހިފައިގެން ހުރެ ކަމަށްވެސް އޮތީ ބުނެފައެވެ.
މީހަކަށް ކޯޓުތަކާއި މުޅި ޖުޑިޝަރީގެ ހުރުމަތް ކެނޑޭނީ މިހާކަށް ވަރަށެވެ. ދައުލަތުގެ އެއްބާރުގެ ހުރުމަތް ތަކުރާރުކޮށް ކަނޑާލާފައި ހުރި މީހަކު ދައުލަތުގެ އެންމެ މަތީވެރިޔާގެ ގޮތުގައި ހުރުމަކަށް ކުފޫ ހަމައެއް ނޫނެވެ. ރައްޔިތުންގެ ވޯޓުން ހޮވިފަހުން ވެސް މުއިއްޒު އެހުރީ ޖުޑިޝަރީގެ ހުރުމަތް ކަނޑާ ގާނޫނު އަސާސީގެ ބާރު ކަނޑުވާލާފައެވެ. އެހެން ކަމުން އޭނާ އަޒުލު ކުރަން ޖެހެއެވެ.