ފައްޔާޒުގެ ހިދުމަތަށް ޝާހިދުގެ ޝުކުރު
އެމްޑީޕީގެ ޗެއާޕާސަންގެ ހައިސިއްޔަތުން އަލްއުސްތާޒު ފައްޔާޒު އިސްމާއީލް އެމްޑީޕީއަށް އަދާކޮށްދެއްވި ހިދުމަތްތެރިކަމާއި ހިއްސާކުރެއްވި މުހިންމު ކަންތައްތަކަށް އެމްޑީޕީގެ ރައީސް އޮނަރަބަލް އަބްދުއްލާ ޝާހިދު އިހުލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވައިފިއެވެ.
ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ހުރި ދުވަސްވަރެއްގައި އެމްޑީޕީގެ ލީޑަރޝިޕުގައި ފަސްޖެހިވަޑައިނުގެން ފައްޔާޒު އިސްމާއީލް ކުރެއްވި މަސައްކަތްޕުޅުތަކުގެ އަގުވަޒަން ކުރައްވާ ކަމަށް ޝާހިދު ވިދާޅުވެއެވެ.
އެމްޑީޕީގެ ގަބޫލުކުރުންތަކާއި ހަމަތައް ދެމެހެއްޓެވުމަށް ޗެއަރޕާސަންގެ ހައިސިއްޔަތުން ކުރެއްވި މަސައްކަތްޕުޅުތަކުގެ އަގުވަޒަން ކުރައްވާކަމަށް ޝާހިދު ވިދާޅުވެއެވެ.
އެމްޑީޕީ ކުރިއަށް ގެންދިޔުމަށް ކުރިއަށް އޮތްތާ ކުރަންހުރި މަސައްކަތުގައި އިރުޝާދާއި ތާއީދާއި އެއްބާރުލުން ދެއްވުމުގައި ފައްޔާޒު އިސްމާއީލް ދެމިހުންނަވާނެ ކަމަށް ޔަގީންކުރައްވާ ކަމަށްވެސް އެމްޑީޕީގެ ރައީސް ޝާހިދު ވިދާޅުވެއެވެ.
އެމްޑީޕީގެ ޗެއަރޕާސަން ކަމުން އަލްއުސްތާޒު ފައްޔާޒު އިސްމާއީލް އިސްތިއުފާ ދެއްވީ ރޭގައެވެ. ފައްޔާޒު މަގާމުން އިސްތިއުފާދެއްވީ ރިޔާސީ އިންތިހާބަށް ވާދަކުރުމުގެ ހަމަހަމަ ފުރުސަތު ދެއްވުމުގެ ގޮތުން ކަމަށްވެއެވެ.

