2023: ފޮނި އުންމީދުތަކެއް ހާސިލު ކުރެވޭނެ އަހަރެއް

ޓެކްހާއި އިންފްލޭޝަންގެ ވާހަކައަކީ އުފައްދާ ފިތުނަ

2023: ފޮނި އުންމީދުތަކެއް ހާސިލު ކުރެވޭނެ އަހަރެއް

2023 ވަނަ އަހަރަކީ އުންމީދު ތަކެއް ގެނުވާނެ އަހަރެއް ކަމާ މެދު ޝައްކެއް ނެތެވެ. އުންމީދު ތަކެއް ގެނުވާނީ އެކަންޏެއް ނޫނެވެ. ފޮނި އުންމީދުތަކެއް ހާސިލު ކުރެވޭނެ އަހަރަކަށް 2023 ވެގެން ދާނެއެވެ. ޓެކްހާ އިންފްލޭޝަންގެ ވާހަކަ ދައްކައިގެން ރައްޔިތުން ނުތަނަވަސް ކުރުވަން ސިޔާސީ ގޮތުން ޕީޕީއެމްއާއި ރައީސް ނަޝީދު އުޅުއްވިޔަސް މި އަހަރަކީ ދިވެހިންނަށް އުފާ ފާގަތި އަހަރަކަށް ވާނެއެވެ.

މުޅި ރާއްޖެ އާރުޓީއެލް ފެރީ ނިޒާމުން ގުޅި ދަތުރު ފަތުރު ކުރުމަށް ރައްޔިތު މީހާގެ ޖީބުން ކުރަމުން އައި ބޮޑު ހޭދަ ނުކޮށް އާމްދަނީގެ ބޮޑު ބައެއް ރައްކާ ކުރެވޭނެއެވެ. އެއް ރަށުގައި އުފައްދާ ތަކެތި މުޅި ރާއްޖޭގެ އެތަން މި ތަނަށް ފޯރުކޮށް ދެވި އާމްދަނީ ހޯދުމުގެ މާކެޓް ފުޅާވެ ޖީބުތައް ތިޔާގި ވާނެއެވެ. ގޭގައި ހުންނަ ކޮޓަރި ކުއްޔަށް ދީގެން ކުޑަ ރަށުގެ ހުންނަ މިހާއަށް ވެސް އާމްދަނީ ހޯދަން މަގު ފަހިވާނެއެވެ.

ސާފު ބޯފެނާއި ނަރުދަމާގެ ހިދުމަތް ނުލިބޭ އެންމެ ރަށެއް ވެސް ނުއޮންނާނެއެވެ. ހުރިހާ ރަށެއްގެ ބަނދަރު ޒަމާނީ ފެންވަރަށް ހެދި ގިނަ ރަށް ރަށުގައި މަގުތައް ހެދި ޖަޒީރާ ވަންތަ ފާގަތި ދިރިއުޅުމެއް ދިވެހިންނަށް ފަހިވެގެން ދާނެއެވެ.

ރަށުގައި ތިބެ އަދާކުރާނެ ވަޒީފާތައް ކޮންމެ ރަށެއްގައި އުފެދި ކޮންމެ ގޭބިސީއެއްގައި މަހު މުސާރަ ލިބޭ މީހަކު ހުރިކަން ކަށަވަރު ވާނެއެވެ. އާމްދަނި ހޯދާނެ މަސައްކަތްތަކާއި ގޮތައް ކޮންމެ ރަށެއްގައި ހުޅުވިގެން ދާނެއެވެ. ސިއްހީ ދާއިރާގެ ހުރިހާ މުއައްޒަފުންގެ މުސާރަތައް ބޮޑުވެ މުސާރައިގެ ތަފާތުތައް ކުޑަ ކުރެވި ރަށްރަށުގައި ދައުރުވާ ފައިސާގެ ނިސްބަތް ގުނަގުނަވެގެން ދާނެއެވެ.

ގްރޭޓް މާލޭ އޭރިޔާ ބުރިޖުން ގުޅި މާލޭގެ ރައްޔިތުންގެ އެތައް ބަޔަކު ބިން ވެރިވެ ތޮއްޖެހިގެން އުޅޭ ގޭބިސީ ތަކަށް ހިޔާވަހިކަން ލިބި ހިތްތައް އުފަލުން ފޮޅޭނެއެވެ. މާލޭގެ އިތުރަށް އައްޑުއާއި ބޮޑުތިލަދުންމައްޗާއި ހައްދުންމަތި އިގްތިސާދީ މައި ހަބު ތަކަކަށްވެ ފަތުރުވެރި ކަމުގެ ނަފާ މުޅިރާއްޖެއަށް ފެތުރިގެން ދާނެއެވެ.

ތަފާތު ކުރުމެއް ނެތް ހަމަހަމަ ވެރިކަމެއްގެ ފޮނިމީރުކަން ރައްޔިތުންނަށް ލިބި ރައީސް ސާލިހު ދެވަނަ ދައުރަކަށް ރައީސްސުލްޖުމްހޫރިއްޔާ ކަމަށް ހޮވުމުގެ ހިތް ހަމަ ޖެހުމާއި އުފާވެރިކަން ރައްޔިތުން ހޯދާ އަހަރަކަށް 2023 އިރާދަ ކުރެއްވިއްޔާ ވާނެއެވެ.