ގާސިމް އެއްބަސްވީ ދައުރު ތެރޭގައި ރައީސާ ވާދަކުރާކަށް ނޫން!
މުޅިން އާ ބާވަތެއްގެ ދުސްތޫރީ އަޚްލާގެއް
ކޯލިޝަނަކީ ގާނޫނު އަސާސީއާއި ގާނޫނު ތަކުގައި އޭގެ ނަންވެސް ނުގަންނަ އެއްޗެކެވެ. އެކަމަކު އެއީ މި ދައުލަތުގެ ހުރިހާ އެއްޗަކަށްވުރެ މާމަތީގައި ދެމިއޮންނަ އެއްޗެކޭ ހީވާ ވަރަށް އެބަ ވާހަކަ ދައްކައެވެ.
ނަންހުރި ތަންދޮރު ދަންނަ ކަމަށް ހެދިގެން ރަށުތެރޭގައި ބަސް ބުނަން ނުކުމެ އުޅޭ މީހުންނަށް ކަންއޮތް ގޮތުގެ ވަހުމެއް ހިލަމެއް ވާހެނެއް ވެސް ހިއެއް ނުވެއެވެ.
މުޅިން އާ ބާވަތެއްގެ ދުސްތޫރީ އަޚްލާގެއް ކުރިއަށް ނެރެގެން ދައްކާ ވާހަކައިގަ ފެނެއް ނުހިފައެވެ.
ކޯލިޝަނޭ ކިޔާފައި ވެރިކަމެއް ފަށައިފިއްޔާ ކެބިނެޓް މި އޮންނަނީ އެކިކުލައިގެ އެކި ސައިޒުގެ ފޮތިން ފޮތިކޮށް ބައި ކޮށްފައެވެ. އެކަމަކު ކެބިނެޓަކީ އެއަށް އިސްކުރުމާ ވަކި ކުރުމުގެ ބާރު ސައްތައިން ސައްތައަށް ރައީސުލްޖުމްހޫރިއްޔާ އާ މަތިވެފައި އޮންނަ ދައުލަތުގެ މުގައްދަސް ޒިންމާ އެެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާޖިބާ މަސްއޫލިއްޔަތު އަދާ ކުރުމުގައި އެ މަނިކުފާނަށް ވާގިވެރިވާން ތިބޭ ބައެކެވެ. ސިޔާސީ ޕާޓީއާ ކުލަ އަކީ ކެބިނެޓާ ގުޅިފައި އޮންނަ އެއްޗެއް ނޫނެވެ. ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތު އަދާ ކުރުމުގައި އެ މަނިކުފާނަށް އިތުބާރު ކުރެވޭ ކޮންމެ ދިވެއްސަކު ކެބިނެޓަށް ލެވިދާނެއެވެ. އަދި އެމަނިކުފާނުގެ އިތުބާރު ގެއްލިއްޖެ ކޮންމެ މީހަކު ކެބިނެޓުން ވަކި ކުރުމަކީ އެ މަނިކުފާނުގެ މުތުލަގު ބާރެކެވެ.
ކެބިނެޓުން ވަކި ކޮށްގެން އެ މަގާމު އަނބުރާ އެ މީހަކަށް ލިބިދޭނެ އެންމެ ފަނޑިޔާރުގެއެއް ވެސް ދުނިޔޭގައި ނެތީ ކަމެއް ވީމައެވެ.
މި ރާއްޖޭގައި މި ވަނީ އެހެންނެއް ނޫނެވެ. ކޯލިޝަނުގެ ކޫދުން ކޯވަރެއް ބޮއެގެން ކެބިނެޓަށް ވަދެވިއްޖެ މީހަކު އެހުރީ ހުރިހާ ގާނޫނަކަށްވުރެ މަތީގައި ފަދައެވެ.
ހީވާ ގޮތުން ދައުރުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އާ ވާދަކުރަން އޮތީ ގާނޫނުގައި ކަނޑައަޅާފައޭ ހީވެއެވެ.
ކޮންތާކު ހެއްޔެވެ. ރައީސުލްޖުމްހޫރިއްޔާ އާ ވާދަވެރި ސިޔާސީ މަސައްކަތެއްގައި އުޅެން ބޭނުމިއްޔާ ވަތްދޮރުން ނުކުމެގެން ގޮސް އެ މަސައްކަތް ކޮށްގެން ތިމާ ބޭނުންމީހާ ވެރިކަމަށް ގެނެސްގެން އޭނާގެ ކެބިނެޓަށް އަންނާށެވެ.
އިދިކޮޅިއްޔާ އަދުރޭމެން ގޮތަށް ސަރުކާރާ ފޭގަައި ތިބެގެން ސަރުކާރާ ވިއްދާށެވެ. އަދުރޭ ވެސް އެހުރީ ރައީސް ސޯލިހުގެ ކެބިނެޓަކު ނޫނެވެ.
ވިޔަފާރި ސޭޓަކު ރާއްޖޭގެ ވެރިކަމަށް އަންނަން އުޅޭ އުޅުމާ ހެދި މި ރާއްޖޭގެ ދުސްތޫރީ އަޚްލާގު މިވަނީ އޮޅުން ބޮޅުންކޮށް ބޮއްސުން ލައްވާާލާފައެވެ. ދިވެހި ރައްޔިތުން ސަލާމަތްވާންޖެހޭ ވަކި އެ އަށްވުރެ ބޮޑު މުޞީބާތެއް ނެތޭ ހީވާވަރު ކުރާތާ ކިތަންމެ އަހަރެއްވީއެވެ.