ހީރަސް ރެސިޕީ: ރިހާކުރު ރިހަ

ހީރަސް ރެސިޕީ: ރިހާކުރު ރިހަ

ހީރަސް ރެސިޕީ މިއަދު ރިހާކުރު ރިހައަށް ހާއްސަކޮށްލަމެވެ. ރިހާކުރު ރިހަ މިހާރަކަށް އައިސް ފެންނަނީ ތަންކޮޅެއް މަދުން ނަމަވެސް މިއީ ކުރީއްސުރެ ރާއްޖޭގައި ތައްޔާރުކޮށްއުޅޭ ރިހައެކެވެ. ބައެއް މީހުން މި ރިހަ ތައްޔާރު ކުރަނީ އައްޑޫ ހަވާދު އަޅައިގެންނެވެ. އަދި އެނޫން ހަވާދު ތަކުގައިވެސް މިރިހަ ތައްޔާރުކޮށް އުޅެއެވެ.

ބޭނުންވާތަކެތި:

2 ފިޔާ

15 ހިކަނދިފަތް

6 އިންޗީގެ ރާނބާފަތް ކޮޅެއް

3 މޭޒުމަތީ ސަމުސާ ނުމުގުރާހުރި ކޮތަނބިރި

½ 1 މޭޒުމަތީ ސަމުސާ ނުމުގުރާހުރި ދަވިއްގަނދު

1 މޭޒުމަތީ ސަމުސާ ނުމުގުރާހުރި ދިރި

7 ހިކި މިރުސް (ނޫނީ ބޭނުން ވަރަކަށް)

1 ސައިސަމުސާ ނުމުގުރާހުރި އަސޭމިރުސް

1 ލޮނުމެދު

½ ގިތެޔޮ މިރުސް (ނޫނީ ބޭނުން ވަރަކަށް)

1/3 ޖޯޑު ހުނި

3/4 ޖޯޑު ކޮށާފައިހުރި ވަޅޯމަސް

2 މޭޒުމަތީ ސަމުސާ ތެޔޮ

2/3 ޖޯޑު ފެން (ރިހަ ކެއްކުމަށް)

8 މޭޒުމަތީ ސަމުސާ ފެން (ހަވާދަށް)

½ ޖޯޑު ބޯކިރު

3 މޭޒުމަތީ ސަމުސާ ރިހާކުރު (ނޫނީ ބޭނުން ވަރަކަށް)

1 ބިލަމަގު (ނޫނީ ބޭނުން ވަރަކަށް)

ހަދާނެގޮތް:

  • ތަންކޮޅެއް ބޮޑެތިކޮށް ފޮތިތައް ހުންނާނެ ގޮތަށް އެއްފިޔާ ކޮށާލާށެވެ.
  • ބޮޑު ތަވައެއް އުދާ އެ ރަނގަޅަށް ހޫނުކުރުމަށްފަހު އެއަށް ކޮތަނބިރިކޮޅާއި ދަވިއްގަނދުކޮޅާއި ދިރިކޮޅާއި އަސޭމިރުހާއި ލޮނުމެދާއި ހުންޏާއި 10 ހިކަނދިފަތާއި ރާނބާފަތްކޮޅުގެ ދެބައިކުޅައެއްބަޔާއި ހިކިމިރުސްކޮޅާއި ކޮށިފިޔާކޮޅު އަޅާށެވެ.
  • މެދުމިނެއްގައި ގިނި ބަހައްޓައިގެން ހުނިކޮޅަށް މުށިކުލަ އަރަންދެން ތެލީގައިހުރި ތަކެތި ހަނާކުރާށެވެ. ހަނާވަމުންދާއިރު ތަވާތެރޭގައިވާ ތަކެތި ދޭތެރެ ދޭތެރެއިން ދޭފަތަކުން ހާވާލަންވާނެއެވެ. އެއީ އެއްވެސް އެއްޗެއް އެނދިޔަ ނުދިނުމަށެވެ.
  • ތަވައިން އެތަކެތި ނަގާށެވެ.
  • ނެގި ތަކެތި ހިހޫވީމައި 8 މޭޒުމަތީ ސަމުސަލުގެ ފެނާއިއެކު ކަރަންޓު މިކްސަރު ބޭނުން ކޮށްގެން މުގުރާށެވެ. މުގުރާނީ އޮމާން ޕޭސްޓް ގަނޑެއް ހެދެންދެނެވެ.
  • ބާކީ އޮތްފިޔާ ތުނިކޮށް ކޮށާލާށެވެ.
  • ތެއްޔަކަށް ތެޔޮކޮޅު އަޅާލާފައި ތެޔޮކޮޅު ހޫނުވުމުން އޭގެތެރެއަށް ތުނިކޮށްކޮށި ފިޔާކޮޅާއި، 5 ހިކަނދިފަތާއި، ގިތެޔޮމިރުހާއި ބާކީއޮތް ރާނބާފަތްކޮޅު އަޅާލާފައި ފިޔާކޮޅު ރަތްވާން ފަށަންދެން ކައްކާލާށެވެ.
  • ކުރިން ތައްޔާރުކުރި ހަވާދު ޕޭސްޓްގަނޑު ތެއްޔަށް އަޅާލާފައި ރަނގަޅަށް އެއްކޮށްލުމަށްފަހު މިނެޓެއްހާއިރު ކެކިލަން ބަހައްޓާލާށެވެ.
  • ފެނާއި ވަޅޯމަސްކޮޅު ތެއްޔަށް އަޅައި އެއްކޮށްލާފައި ބޮކިޖަހާލަންދެން ކައްކާލާށެވެ.
  • ބޯކިރުކޮޅާއި ބިލަމަގު އަދި ރިހާކުރުކޮޅު ތެއްޔަށް އަޅާލާށެވެ. ބިލަމަގު އަޅާނީ ފަޅާލާފައެވެ.
  • ރަނގަޅަށް އެއްކޮށްލުމަށްފަހު ތެލީގައި މަތިޖަހާފައި ގިނި މަޑުކޮށް ވިއްސަކަށް މިނެޓު ކައްކާލާށެވެ.
  • އުނދުން ނިވާލުމުގެ ކުރިން ރަހަބަލާލާފައި ބޭނުންވާ ގޮތަކަށް ރަހަ ހެޔޮވަރުކޮށްލަން ވާނެއެވެ.
  • ރިހާކުރުކޮޅުން އަހަރުމެން ބޭނުންވާ ވަރުގެ ލޮނުރަހައެއް ލިބޭތީ މި ރިހައަކަށް ލޮނެއް ނުލަމެވެ. ނަމަވެސް ބޭނުމިއްޔާ ލޮނުކޮޅެއް އަޅާލެވިދާނެއެވެ.