ހީރަސް ރެސިޕީ: ކަނޑުމަހު މުސަންމަ

ހީރަސް ރެސިޕީ: ކަނޑުމަހު މުސަންމަ

ހީރަސް ރެސިޕީގައި މި ހިމަނާލަނީ ކަނޑުމަހު މުސަންމަ ރިހައެވެ. މުސަންމަ އަކީ ދިވެހި ރިހަ ތަކުގެ ތެރެއިން ވަރަށް ނަންހިނގާ ހާއްސަ ރިހައެކެވެ. ކަނޑުމަހު މުސަންމާ ތައްޔާރުކޮށްލާށެވެ.

ރެސިޕީއިން މުސަންމާ ތައްޔާރު ކުރެވޭނީ 4-5 މީހުންނަށް ވާވަރަށެވެ.

  •  ބޭނުންވާ ތަކެތި

300 ގްރާމް ކަނޑުމަސް

4 މޭޒުމަތީ ސަމުސާ ނުމުގުރާހުރި ކޮތަނބިރި

10 ހިކި މިރުސް

1 ސައިސަމުސާ ނުމުގުރާހުރި އަސޭމިރުސް

4 ކާފޫރުތޮޅި

6 އިންޗީގެ ފޮނިތޮށި (ދެބުރި ކޮށްލާފައި)

2 ލޮނުމެދު

2 ބޮޑު ފިޔާ

5 މޭޒުމަތީ ސަމުސާ ތެޔޮ

½ 2 މޭޒުމަތީ ސަމުސާ ނުމުގުރާހުރި ދަވިއްގަނދު

½ 1 މޭޒުމަތީ ސަމުސާ ނުމުގުރާހުރި ދިރި

¼ އިންޗީގެ އިނގުރުކޮޅެއް

¼ ސައިސަމުސާ ރީނދޫ

9 މޭޒުމަތީ ސަމުސާ ފެން (ހަވާދު ހެދުމަށް)

½ ޖޯޑު ކާށި ކިރު

2/3 ޖޯޑު ފެން (ރިހަ ކެއްކުމަށް)

1/3 ޖޯޑު ކަނަމަދު

1/3 ޖޯޑު ހިކި މޭބިސްކަދުރު

12 އިންޗީގެ ރާނބާފަތް (މަސްކޮޅު ބަނުމަށް)

6 އިންޗީގެ ރާނބާފަތް (ރިހަ ކެއްކުމަށް)

10 ހިކަނދިފަތް

1 ސައިސަމުސާ ލޮނު 

  •  ހަދާނެގޮތް

ފިޔަވަޅު 1 : ހަވާދުގަނޑު ހެދުން

ހ.

  1. ތަވައެއް އުދައި އެ ރަނގަޅަށް ހޫނުކުރާށެވެ.
  2. ހޫނުވުމުން އޭގެތެރެއަށް ކޮތަނބިރި، ދަވިއްގަނދު، ދިރި، ހިކިމިރުސް، އަސޭމިރުސް، ކާފޫރުތޮޅީގެ އޮށް، ފޮނިތޮށި، ލޮނުމެދު އަދި އިނގުރުކޮޅު އަޅާލާށެވެ.
  3. ކޮތަނބިރިކޮޅަށް ރަންމުށިކުލަ އަރަންދެން ހަނާކުރާށެވެ.
  4. ހަނާވުމުން ތަވައިން އެތަކެތި ނަގާ އެއްޗަކަށް އަޅާފައި ހިހޫކުރަން ބަހައްޓާށެވެ.
  5. ހަނާކުރި ތަކެތި ހިހޫ ވިމާ ރީނދުލާއި، ½ ސައިސަމުސާ ލޮނާއި، 9 މޭޒުމަތީ ސަމުސާ ފެނާއިއެކު މުގުރާށެވެ. މުގުރާނީ އޮމާން ޕޭސްޓް ގަނޑަކަށް ވަންދެނެވެ.

ށ.

  1. ފިޔާ ތުނިކޮށް ކޮށާލާށެވެ.
  2. 3 މޭޒުމަތީ ސަމުސާ ތެޔޮ ތަވައަކަށް އަޅައި ހޫނުކުރާށެވެ.
  3. ހޫނުވުމުން، ކޮށި ފިޔާކޮޅުގެ ދެބައިކުޅަ އެއްބައި ތެޔޮކޮޅުގެ ތެރެއަށް އަޅާފައި ރަންމުށިކުލަ އަރަން ފަށަންދެން ކައްކާށެވެ.
  4. ކަނަމަދާއި ހިކި މޭބިސްކަދުރުކޮޅު ތެއްޔަށް އަޅާލާށެވެ.
  5. މޭބިސްކަދުރުތައް ފުފި ފިޔާކޮޅު ރަތް ވަންދެން ކައްކާށެވެ.
  6. ކެކުނީމައި ބޯތަށްޓަކަށް ނަގާށެވެ.
  7. ނެގުމަށްފަހު މާބޮޑަށް ތެޔޮކޮށް ހުރިހެން ހީވަންޏާ ޓިޝޫކޮޅެއް ބޭނުންކޮށްގެން ތެޔޮކަން ކުޑަކޮށްލާށެވެ.
  8. ފިޔާތައް އެޅި ބޯތަށީގެ ތެރެއަށް ކުރިން ތައްޔާރުކުރި ހަވާދު ޕޭސްޓްގަނޑު އަޅައި އެއްކޮށްލާފައި ބަހައްޓާށެވެ.

ފިޔަވަޅު 2 : މަސްފޮތި ތައްޔާރުކުރުން 

  1. ކަނޑުމަސްކޮޅު ފުޅާމިނުގައި 2 އިންޗި، ދިގުމިނުގައި 4 އިންޗި ހުންނާނެ ތުނި ފޮތިތަކަކަށް ކަނޑުމަސްކޮޅު ފޮތިކޮށްލާށެވެ. ބޯމިން ބަހައްޓާނީ އެތެރެއަށް ހަވާދުގަނޑު އަޅާފައި އޮޅާލަން ފަސޭހަވާނެ ވަރަށެވެ. ނުވަތަ ކަނޑުމަސްކޮޅު 2 އިންޗީގެ ގޮޅިގޮޅިއަށް ކޮށުމަށްފަހު އޭގެ ތެރެއިން ތޫނު ވަޅިއެއް ވަށާ ހިންގާލައިގެން މަސްކޮޅު ފަތާވެސް ކޮށްލެވިދާނެއެވެ.
  2. 12 އިންޗީގެ ރާނބާފަތްކޮޅު ހިމަ ދިގު އެތިކޮޅުކޮޅަށް ކޮށާލާށެވެ. މި ރެސިޕީއަށް 12 އިންޗީގެ ދިގުމިން ހުރި 6-8 އެތިކޮޅު ބޭނުންވާނެއެވެ.
  3. ކަނޑުމަސް ފޮއްޗެއް ތަށްޓެއްގައި ބާއްވާ ފަތާކޮށްލާށެވެ.
  4. ފަތާކުރި ފޮތީގެ މެދަށް ކުރިން ކަނަމަދާއި ފިޔައާއި ހަވާދާއި އެއްކޮށްގެން ތައްޔާރުކުރި އެތީގެ ސައިސަމުސަލެއްހާ އެތިކޮޅެއް އަޅާފައި ސަމުސަލުން ކުޑަކޮށް މަސްކޮޅު މަތީގައި އެ ފަތުރާލާށެވެ.
  5. ދެން އޮޅާލާފައި ރާނބާފަތް ކޮޅަކުން ބަނދެލާށެވެ. ހުޅުވިދާނެ ހެން ހީވަންޏާ ދަތްކޮށްޓިއެއްވެސް ހަރާލެވިދާނެއެވެ.
  6. ހުރިހާ މަސްފޮތި ތަކެއް ހުސްވަންދެން މިހެން ހަދާށެވެ. ހަވާދުކޮޅެއް ބާކީވާނެއެވެ. އެ ބޭނުން ކުރާނީ ރިހަ ކައްކާއިރުއެވެ.

ފިޔަވަޅު 3 : ރިހަ ކެއްކުން

  1. 2 މޭޒުމަތީ ސަމުސަލުގެ ތެޔޮ ތެއްޔަކަށް އަޅައި ހޫނު ކުރާށެވެ.
  2. ތެޔޮކޮޅު ހޫނުވުމުން ކޮށި ފިޔާކޮޅުގެ ބާކީހުރި ބަޔާއި، 6 އިންޗީގެ ރާނބާ ފަތާއި، ހިކަނދިފަތް ތެއްޔަށް އަޅައި ފިޔާކޮޅު މަޑުވެ ރަންކުލަ އަރަން ފަށަންދެން ކައްކާށެވެ.
  3. މަސް ފޮތިތަކަށް ހަވާދު އަޅައި ނިމުންއިރު ބާކިވެފައި ހުރި ހަވާދު ކޮޅު ތެއްޔަށް އަޅާލާށެވެ.
  4. ކާށިކިރުކޮޅާއި، 2/3 ޖޯޑު ފެނާއި، ½ ސައިސަމުސަލުގެ ލޮނު ކޮޅެއްވެސް އަޅާލާ ރަނގަޅަށް އެއްކޮށްލާށެވެ.
  5. ބޮކިޖަހާ ކެކިގަންނަންދެން ކައްކާލާށެވެ.
  6. ބޮކިޖަހާ ކެކެން ފެށުމުން ގިނި މަޑުކޮށްލާށެވެ.
  7. ރާނބާފަތުން ބަނދެ ތައްޔާރުކުރި މަސްކޮޅުތައް ތެލިތެރޭގައި ރީއްޗަށް އަތުރާލާށެވެ.
  8. ތެލީގެ މަތިޖަހާފައި މަސްކޮޅު ރޯފިލަންދެން ކައްކާށެވެ. ގާތްގަނޑަކަށް 20 ވަރަކަށް މިނެޓު ވާނެއެވެ.

ސަމާލުކަމަށް: ކެކެމުން ދާއިރު އެއްގޮތަކަށްވެސް ދޭފަތުން ހަލާ ނުހަދައްޗެވެ. ހަލާލަން ބޭނުން ވެއްޖިއްޔާ ތެލި އުފުލާލާފައި ކުޑަކޮށް ތަޅުވާލާށެވެ.  ކޮންމެހެން މަސްކޮޅެއް ފުށުން ޖަހަން ބޭނުންވެއްޖިއްޔާ އެކަން ކުރާނީ ދެ ސައިސަމުސާ ބޭނުން ކޮށްގެން ވަރަށް މަޑު މަޑުންނެވެ. އަދި އެކަން ކުރަންވާނީ ކެއްކުމުގެ ވީހާވެސް ފަހުކޮޅުގައެވެ.