ހީރަސް ރެސިޕީ: ސޫޖީ

ހީރަސް ރެސިޕީ މިއަދު ހާއްސަކޮށްލާނީ ސޫޖީއަށެވެ. ސޫޖީއަކީ ވަރަށް މޭ ހެޔޮކުރާ މީރު ފޮނި ބުއިމެކެވެ. ރޯދަ ވީއްލާ ގަޑިއަށާއި ތަރާވީސް ދަމަށް ރޯދަ މަހު ސޫޖީއަަކީ ވަރަށް އާއްމު ބުއިމެކެވެ.
ސޫޖީއަކީ ފޮނި ބުއިމެއް ނަމަވެސް ހީރަސް ރެސިޕީގައި ހަކުރެއް ބޭނުމެއް ނުކުރަމެވެ. ސޫޖީހަދަން ބޭނުން ކުރާ ގެރިކިރަކީ ނިކަން ފޮނިގަދަ އެއްޗަކަށް ވީމާ ަކުރު ނުހިމަނަނީއެވެ. އެހެން ނަމަވެސް ބޭނުމިއްޔާ ހަކުރުކޮޅެއް އަޅާލާށެވެ. ބޭނުމިއްޔާ ހީރަސް ރެސިޕީގައި ބުނާ ވަރަށްވުރެ އިތުރަށް ފިނިފެން ވެސް އަޅާލެވިދާނެއެވެ.
ސޫޖީ ތައްޔާރު ކުރާއިރު ފިޔާކޮޅާއި ހިކި މޭބިސްކަދުރުކޮޅާއި ކަނަމަދުކޮޅު ރަނގަޅަށް ރަތްކޮށްލުމަކީ ވަރަށް މުހިއްމު ކަމެކެވެ.
ހީރަސް ރެސިޕީއިން ތައްޔާރު ކުރެވޭނީ ގާތްގަނޑަކަށް: 6 – 8 މީހުންނަށް ވާ ވަރަށެވެ.
- ބޭނުންވާ ތަކެތި
- 1 ޖޯޑު ކަނަމަދު
- 1 ބޮޑު ފިޔާ
- ½ ޖޯޑު ހިކި މޭބިސްކަދުރު
- ½ ޖޯޑު ރަވާ (ސެމޮލިނާ)
- ½ 2 މޭޒުމަތީ ސަމުސާ ގިތެޔޮ
- 1 ދަޅު ގެރިކިރު
- 5 ކާފޫރުތޮޅި
- 6 އިންޗީގެ ރާނބާފަތްކޮޅެއް (ދެ ބުރި ކޮށްލާފައި)
- 6 އިންޗީގެ ފޮނިތޮށި (ދެ ބުރި ކޮށްލާފައި)
- 5 ޖޯޑު ފެން
- 1 ސައިސަމުސާ ފިނިފެން (ރޯޒް ވޯޓަރ)
- ހަދާނެގޮތް
- ފިޔާކޮޅު ތުނިކޮށް ކޮށާލާށެވެ.
- ތެއްޔަކަށް މޭޒުމަތީ ސަމުސަލެއްގެ ގިތެޔޮ އެޅުމަށްފަހު އެ ހޫނުކުރާށެވެ. ގިތެޔޮ ކޮޅު ހޫނުވެ ވިރުމުން ފިޔާކޮޅާއި ކާފޫރު ތޮޅިކޮޅު އަޅާލާށެވެ. ކާފޫރު ތޮޅިކޮޅު އަޅާނީ ކޮޅުން ހުޅުވާލާފައެވެ.
- މެދު މިންވަރެއްގައި ގިނި ބަހައްޓައިގެން ފިޔާކޮޅު ރަތްވަންދެން ކައްކާށެވެ.
- ފިޔާކޮޅާއި ކާފޫރު ތޮޅިކޮޅު ތެލިން ނަގައި އެއްޗަކަށް އަޅާފައި ބަހައްޓާށެވެ.
- ހަމަ އެ ތެއްޔަށް ދެން ހިކި މޭބިސްކަދުރު ކޮޅު އަޅާލާފައި މޭބިސްކަދުރު ކޮޅުގެ މުށިކުލަ އިތުރަށް ގަދަވެ އެ ފުފެން ފަށަންދެން ކައްކާށެވެ.
- މޭބިސްކަދުރު ކޮޅު ވެސް ތެލިން ނަގައި އެއްޗަކަށް އަޅާފައި ބަހައްޓާށެވެ.
- ދެން ތެއްޔަށް ½ މޭޒުމަތީ ސަމުސާ ގިތެޔޮ އެޅުމަށްފަހު ކަނަމަދުކޮޅު އަޅާލާށެވެ. ހިކި މޭބިސްކަދުރަށް ހެދިގޮތަށް ކަނަމަދު ކޮޅުވެސް ކުލަ ބަދަލުވަންދެން ކައްކާށެވެ.
- ކަނަމަދުކޮޅު ތެލިން ނަގައި އެއްޗަކަށް އަޅައިފައި ބަހައްޓާށެވެ.
- އަނެއްކާވެސް ތެއްޔަށް މޭޒުމަތީ ސަމުސަލެއްގެ ގިތެޔޮ އަޅާފައި އޭގެތެރެއަށް ރަވާކޮޅު އަޅާށެވެ. ރަވާކޮޅު ކައްކާނީ އެއަށް ރަންކުލަ އަރަންދެންނެވެ.
- ދެން ފެނާއި، ފޮނިތޮށްޓާއި ރާނބާފަތާއި ކުރިން ތައްޔާރުކުރި ފިޔާކޮޅާއި، ކާފޫރު ތޮޅިކޮޅާއި ހިކި މޭބިސްކަދުރުކޮޅާއި ކަނަމަދުކޮޅު ތެއްޔަށް އަޅާލާނީއެވެ.
- ރަނގަޅަށް އެއްކޮށްލާފައި ތެލީގައި މަތި ޖަހާށެވެ. ދެން މެދު ގިނީގައި ބަހައްޓައިގެން ތެލީގައިވާ ތަކެތި ބޮކިޖަހާ ކެކިގަންނަންދެން ކައްކާށެވެ.
- ދެން ގެރިކިރު ކޮޅާއި ފިނިފެންކޮޅު އަޅައި ރަނގަޅަށް އެއްކޮށްލާފައި އިތުރު ދެ މިނެޓެއްހާއިރު ތަންކޮޅެއް މަޑު ގިނީގައި ކައްކާލާށެވެ.