ރައްޔިތުންގެ ބާރު ދަމަހައްޓަން އިންތިހާބުތައް މުހިންމު: ފައްޔާޒު
ރައްޔިތުންގެ ބާރު ދަމަހައްޓަން އިންތިހާބުތައް މުހިންމު ކަމަށާއި ސަރުކާރުން ބޭނުންވާ ގޮތަށް އިލެކްޝަން ސައިކަލްއަށް ގެންނަ ބަދަލުގެ ސަބަބުން ބާރުތައް ވަކިވެފައި އޮންނަން ޖެހޭ މި ނިޒާމުގެ ބެލެންސް އެއްކޮށް ގެއްލޭނެ ކަމަށް އަލްއުސްތާޒު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ. އަދަދު ނޫހުގައި ފައްޔާޒު މިހެން ވިދާޅުވީ ދެއިންތިހާބު އެއްކޮށްލުމަށް ރައީސް މުއިއްޒު ސަރުކާރުން ކުރަމުންދާ މަސައްކަތާ ދެކޮޅު ހައްދަވާ ލިޔުއްވި އާޓިކަލެއްގައެވެ.
ފައްޔާޒު ވިދާޅުވާ ގޮތުގައި ސަރުކާރުން ބޭނުންވާ ގޮތަށް އިލެކްޝަން ސައިކަލްއަށް ގެންނަ ބަދަލުގެ ސަބަބުން މިހާރު ވެސް ދިވެހިންގެ ތެރޭގައި ވަކި ހިއްޕާލާފައި އޮތް ޕޮޕިއުލިސްޓު ރެޓޮރިކަށް އިތުރު ދިރުމެއް ލިބިގެންދާނެއެވެ. ފައްޔާޒު ވިދާޅުވާ ގޮތުގައި ދުރު މުސްތަގުބަލަށް ފައިދާކުރާ ނިންމުންތަކަކީ ބައެއް ފަހަރު އާންމުންގެ މެދުގައި މަގުބޫލު ނިންމުންތަކެއް ނޫނެވެ.
އެހެން ނަމަވެސް، ރައްޔިތުންގެ ވިންދަށް ނުބަލާ ވެރިންނަށް ދޭނެ އިތުރު ދޫތަކެއް އަޅުގަނޑުމެން (ރައްޔިތުން)ގެ އަތަކު ނެތްކަމަށް ވިދާޅުވަމުން އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ވިދާޅުވަނީ ގިނަ ފަހަރު އިންތިހާބު ކުރާ މަންދޫބުންނާއި ވެރިން ރައްޔިތުންގެ މަސްލަހަތު އިސް ނުކުރާ ކަމަށާއި އިސްކުރަނީ އަމިއްލަ މަސްލަހަތު ކަމަށެވެ.
ރައްޔިތުންގެ އިތުބާރު ހޯދައި، އުނދަގޫ ނިންމުންތައް ނިންމުމަށް ބޭނުންވާ ޖާގަ ރައްޔިތުންގެ ފަރާތުން ހޯދުމަކީ ވެރިއެއްގެ ޒިންމާއެއް ކަމަށާއި ބުރަދަނެއް ނެތް ބަހަނާތައް ދައްކައިގެން، ބާރުގައި ތިބޭ މީހުން، އެ މީހުން ޖަވާބުދާރީވާން ޖެހޭ ރައްޔިތުންނާ ދުރުކޮށް، އެކަހެރިކުރުމަކީ ހަގީގީ ޑިމޮކްރަސީއާ މުޅިން ހިލާފު، ހީލަތްތެރި ކަމެއްކަމަށް ގާނޫނީ ވަކީލް ފައްޔާޒް އިސްމާއީލް ވިދާޅުވެއެވެ.
ގާނޫނުއަސާސީ ބަދަލުކުރުމަކީ ލުއިފަސޭހަ ގޮތަކަށް އޮންނަން ޖެހޭ ކަމެއް ނޫން ކަމަށް ވިދާޅުވަމުން ފައްޔާޒު ވިދާޅުވީ އެއީ ދިވެހި ދައުލަތް އޭގެ މައްޗަށް ބިނާވެފައިވާ ބިންގާ ކަމަށެވެ. ގާނޫނުގެ ވެރިކަމާއި، ޗެކްސް އެންޑް ބެލެންސްގެ އުސޫލުތަކާއި ހަމަތައް ދެމިއޮންނަނީ އެ ބިންގަލުގެ މަތީގައި ކަމަށާއި ގާނޫނުއަސާސީ އަކީ ރައްޔިތުންގެ ކަންކަން ބެލެހެއްޓުމަށް ހަވާލުކުރާ ފަރާތްތަކާއި (މަޖިލިސް، ކޯޓުތައް، ސަރުކާރު) ރައްޔިތުންނާ ދެމެދު ވެވޭ އަހުދުނާމާއެއް ކަމަށް ކުރީން މަޖިލިސް މެންބަރުކަންވެސް ކުރައްވާފައިވާ ފައްޔާޒު ވިދާޅުވެއެވެ. ފުޅާ ދާއިރާއެއްގައި މަޝްވަރާނުކޮށް، މަދު ގަޑިއިރުތަކެއް ތެރޭ ގާނޫނުއަސާސީއަށް ބަދަލު ގެނައުމަކީ މި އަހުދުނާމާއާ ކަނޑައެޅިގެން ހިލާފުވުން ކަމަށް ފައްޔާޒް ސިފަކުރެއްވިއެވެ. އެއީ ގާނޫނީ، ސިޔާސީ އަދި އިޖުތިމާއީ ހާލަތަށާއި، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށްގެން ފުންކޮށް ވިސްނައިގެން ކުރަންޖެހޭ ކަމެއް ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވަނީ، މި ގައުމުގެ ގަނޫނުތަކާއި ޑިމޮކްރަސީގެ އުސޫލުތަކަށް އެމަނިކުފާނު އިހުތިރާމް ނުކުރާކަން ތަކުރާރުކޮށް ދައްކަވާފައި ކަމަށް ވިދާޅުވަމުން ފައްޔާޒު ވިދާޅުވީ މިއަދުގެ ސަރުކާރާއި އަދި އެ ފިކުރަކީ ވެސް ޑިމޮކްރަސީ ގަބޫލުކުރާ ބައެއް ނޫން ކަމުން ކަންވާނީ ވެސް އެހެން ކަމަށެވެ. ކޮންމެ ނަމެއް ކިޔަސް އެ ފިކުރުން އުފަންވި ސިޔާސީ ޕާޓީތަކުން މަސައްކަތް ކުރަނީ ޑިމޮކްރަސީ މި ގައުމުން ފޮހެލުމަށް ކަމަށް ފައްޔާޒު ތުހުމަތު ކުރެއްވިއެވެ. ޑިމޮކްރަސީ ގަބޫލުނުކުރާ ކަމަށް ސާފު އިބާރާތުން ސަރުކާރު ހިންގާ ޕާޓީއަށް ނިސްބަތްވާ ބޭފުޅުން އެ ގެންދަވަނީ ވަކާލާތު ކުރައްވަމުން ކަމަށް ކުރީން އިގުތިސޯދީ ވަޒީރުކަން ވެސް ކުރެއްވި ފައްޔާޒު ވިދާޅުވެއެވެ.




