އެއްބައިވަންތަކަމުގެ ދުވަހުގެ ހަމްދަރުދީ ރައީސް ޔާމީނަށް
ކޮންމެ މީހަކަސް ވެސް އެމީހަކު ކުޅަކަމެއްގެ ނަތީޖާއާއި ފަހުން ނަމަވެސް އެމިހަކާ ބައްދަލު ކުރާނެ
ބަޔަކު ނަފްރަތާއި ފަސާދައިގެ ފޮނު އެރުވިޔަސް އެއީ ސައިބޯނި ބޮކިތަކެކެވެ. ގައުމީ އެއްބައިވަންތަ ކަމުގެ ދުވަހު ވެސް ނަފްރަތާ ފަސާދައިގެ ހުޅު ފަޅަފަޅައިގެން ދަނީ ހަމަޖެހުމާ އިންސާފަށް ލޯބި ނުކުރާ އަމިއްލަ އެދުމުން ފޯވެފައި ތިބި ބައެއްގެ ކިބައިންނެވެ. ތިމާމެން އެދޭގޮތް ނޫން ގޮތަކީ ނެތް ގޮތެއް ކަމަށް ދެކިގެން ހަމަ ގަބޫލު ނުކުރާ ބަޔަކަށް ހަމައެއް ލަމައެއް ނޯންނާނެއެވެ. ބޭ އިންސާފަކީ އިންސާފުކަމަށް ދެކި އަރާބާރުގައި ތިބިއިރު ބޭއިންސާފުން ކަންކުރި ބަޔަކަށް އިންސާފުން ކުރާކަމެއް ކަމަކު ނުދާނެއެވެ.
ރާއްޖޭގެ ޖަލު ތަކުގައި ހުކުމް ތަންފީޒު ކުރާ އެތައް ބަޔަކު އެ ތަންތާ އެތިބީ ހިތުން ރުހުމުން ގޮހެއް ނޫނެވެ. އެ އެންމެން ވެސް ހުކުމަށް ތަބާވެ އެތިބެނީ ދިފާއުނުވެވި ހުކުމެއް ތަންފީޒު ކުރަން ޖެހުނީތީއެވެ. ހުކުމާ މެދު ނުރުހޭ މީހުންނަށް ނިހާއީ ހުކުމަށް ވާސިލު ވުމަށް އެކި މަރުހަލާގެ ކޯޓުތައް އެބަހުއްޓެވެ.
ހުކުމް ތަންފީޒު ކުރެވޭ ކޮންމެ މީހެއްގެ ވެސް އާއިލައަކާއި ލޯބިވާ ބަޔަކު ތިބޭނެއެވެ. އެކި މީހުންގެ ތިބެނީ އެކިވަރަށެވެ. ގިނަ ބަޔަކު މީހަކު ދެކެ ލޯބިވުމަކީ އެމީހެއްގެ މައްޗަށް ޝަރީއަތް ހިންގަން ޖެހޭ ކަމެއްގައި ޝަރީއަތް ނުހިންގާ ތަންފީޒު ކުރަން ޖެހޭ ހުކުމެއް ތަންފީޒު ނުކުރަން އޮތް ހުއްޖަތެއް ނޫނެވެ. އެކަމުގައި މަސްވެރިއެއް ކަނބުރެއް މުދިމެއް ރިޔާސީ ކެންޑިޑޭޓެއް ތަފާތެއް ނުވާނެއެވެ.
ކުރީގެ ރައިސުންނާ ފަނޑިޔާރުންނާއި ވަޒީރުންނާ ވެސް ޖަލުގެ ގޮޅިތަކުގެ ތޭރިތަކުގެ ފަހަތައް ދާން ޖެހުނީމާ ހުރީ ގޮއްސައެވެ. ނިހާއީ ހުކުމް ތަކުން ކިތަންމެ ބަޔަކު ކުށުން ބަރީއަ ވެފައިވެސް އެބަތިއްބެވެ. އެކަމުގައި ރައީސް މައުމޫނެއް ނަޝީދެއް ޔާމީނެއްގެ ތަފާތެއް ނެތެވެ. ތަފާތު ވަނީ އެމީހުނަށް ޖަލުގައި ދެވޭ އިމްތިޔާޒު ތަކެވެ. ރައްޔިތުންގެ ގިނަ ބައެއްގެ ލޯބި ލިބިތިބި ބަޔަކަށް ވާތީއެވެ.
ގައުމީ އެއްބައިވަންތަ ކަމުގެ ދުވަހާ ދިމާކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީނު އަބްދުލްގައްޔޫމަށް ޖަލު ހުކުމެއް ތަންފީޒު ކުރައްވަން ޖެހިވަޑައިގަތީ ތީ ހިތާމަކޮށް ހަމްދަރުދީ ފާޅުކުރަމެވެ. ރައީސް ޔާމީނުގެ ސަޕޯޓަރުންނަށް ކެތްތެރިކަން ދެއްވާށިއެވެ. ކޮންމެ މީހަކަސް ވެސް އެމީހަކު ކުޅަކަމެއްގެ ނަތީޖާއާއި ފަހުން ނަމަވެސް އެމީހަކު ބައްދަލު ކުރަން ޖެހޭނެއެވެ. ދުނިޔޭގެ ސުންނަތަކީ އެއީއެވެ. މިއީ ދުނިޔެއެވެ. މަހުޝަރު ބިމެއް ނޫނެވެ. ދުވަހުގެ ހެޔޮ އެދުންތައް ފޮނުވަމުން އެއްބައިވަންތަ ކަމާއެކު ގައުމުގެ ސުލްހަ މަސަލަސްކަން ދެމެހެއްޓުމުގައި މުޅިގައުމު އެކަތިގަނޑަކަށްވެ ގާނޫނީ ސަރުކާރާ އަތުގުޅާލުން ފިތުނަ ފަސާދައަށްވުރެ ހެޔޮކަން ބޮޑެވެ.