އެމްއެމްޕީއާރުސީ ހިޔާނާތުން ބަލަނީ ޔާމީނު މައްސަލަ އެކަނިތަ!

ކަމުގެ ބޮޑުކަމާއި ބައިވެރިންގެ ގިނަކަމާއި ރޭވުމުގެ ވަގުކަމަށް ބަލާއިރު ހާސިލުކުރެވިފައިވާ މިންވަރު ކުޑައެއްނޫން.

އެމްއެމްޕީއާރުސީ ހިޔާނާތުން ބަލަނީ ޔާމީނު މައްސަލަ އެކަނިތަ!

ޔާމީނާ ބައިވެރިވެގެން ދައުލަށް ދަވާލަން އުޅުނު މީހުން ވެސް ދޭތެރެ ދޭތެރެއިން އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލަ ނުބެލޭ ވާހަކަ ދައްކައެވެ. ކުރިން އެ ވާހަކަ ދެއްކި މީހުންނަށް ވުރެ މާބާރަށް މާގިނައިން ރީތި ވާހަކަ އަކަށް ވެގެން ދައްކަނީ ޔާމީނުގެ އައުވާނުންނެވެ. ޔާމީނުގެ އިގްތިސާދީ ވަޒީރަކަށް ހުރި ތުރާކުނު ސައީދެވެ. ފައިނު އާދަނުގެ ހަޔާތެއްވެސް މިކަމުގައި ވަކި ކުޑައެއް ނޫނެވެ. ނައިފަރު ޝިޔާމާއި އަދުރޭގެ އަޑެއް ވަކިމަޑެއް ނޫނެވެ. ނަސީބަކުން ޝިއުނީމެން ލިބުނު މޮޅައިގެން ހަނުތިބޭކަން ރަނގަޅެވެ.

ރައީސް ސާލިހުގެ ނާގާބިލުކަން ދެއްކެވުމަށް އެމްޑީޕީގެ ރައީސް ނަޝީދު އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ވާހަކަ ދައްކަވާލެއް ފުކެއްވެސް މަދެއް ނޫނެވެ. އަބްދުﷲ ގާޒީ ރަހީނުކުރި މައްސަލާގައި އިއްވާފައި ހުކުމުން ބޯދަންމަވައި ގަތުމަށް ރައީސް ޔާމީނާ އެކު ޑީލް ހައްދަވައިގެން ރިޝްވަތު ހޯއްދަވާ ދެއްވައިގެން އެމްޑީޕީގެ ނަން ހަރާބު ކުރުމުގައި އިސްވެ ހުންނެވީ އެމްޑީޕީގެ ރައީސް ނަޝީދެވެ.

ބައެއް މީހުންގެ ނަޒަރުގައި ރައީސް ސާލިހަށް ވެރިކަމުގައި އޮތްހާވެސް ކަމަކީ އެމްއެމްޕީއާރުސީގެ ހިޔާނާތް ބެލުމެވެ. ހެކި ނައްތާލުމާ ހެކިފޮރުވުމާ މައުލޫމާތު ނުދިނުމާ ދެނަހުރި ކަމަށް ނުހެދުމުގައި ވަކި މީހެއްނެތެވެ. އެމްއެމްޕީއާރުސީ މައްސަލައަކީ ކޮޅެއް މެދެއް ނެތް އޮޅުބޮޅުން ބޮޑު ކަމެކެވެ. އެމެރިކާގެ ވޯޓަރގޭޓް މައްސަލައަށް ވުރެން ވަކީން ސަހަލު ކަމެއް ނޫނެވެ.

ރައީސް ސާލިހު ވެރިކަމުގެ ފުރަތަމަ ދުވަހު ރިކަވަރީ ކަމިޝަން ހައްދަވާ އެ ހޯދުންތައް ހޯއްދަވަން ފެއްޓެވިއެވެ. ކަމުގެ ބޮޑުކަމާއި ބައިވެރިންގެ ގިނަކަމާއި ރޭވުންތަކުގެ ވަގުކަމަށް ބަލާއިރު ނަތީޖާ ހާސިލުކުރެވިފައިވާ މިންވަރެއް ވަކި ކުޑައެއް ނޫނެވެ. ދުނިޔެ އޮތްހާ ދުވަހު ބެއްޔަސް ބަލާ ވަރަށް އެމްއެމްޕީއާރުސީގެ ހިޔާނާތް ބޮޑުވެފައި ފުނެވެ.  

އެމްއެމްޕީއާރުސީ ހިޔާނާތާއި ގުޅިގެން ބަލަނީ ޔާމީނުގެ މައްސަލަތައް އެކަންޏެއް ނޫނެވެ. ގަބޫލު ކުރިޔަސް ނުކުރިޔަސް އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅޭ 14 މައްސަލައެއް ކޯޓަށް ހުށަހަޅާފައިވާއިރު އޭގެތެރެއިން 5 ފަރާތަކަށް ޖުމްލަ 43 ދައުވާއެއް ކޯޓުގައި ސާބިތުވެފައިވެއެވެ. 7 ފަރާތަކާއި 2 ކުންފުންޏެއްގެ މައްސަލަ ކޯޓުގައި ކުރިއަށް އެބަ ދެއެވެ. އަނެއްކޮޅުން އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅޭ 53 މައްސަލަ އޭސީސީ އިން މިހާރުވެސް ތަހުގީގު ކުރަމުން އެބަގެންދެއެވެ. ދައުލަތަށް ގެއްލިގެން ދިޔަ ފައިސާ ހޯދުމުގައި 11 ފަރާތަކަށް މަދަނީ ދައުވާ ކުރުމާ ގުޅޭ ކަންކަން ކުރިއަށް ދެއެވެ. އެހެނެއް ކަމަކު ތަހުގީގަށް ސާބިތުވެ ޝަރީއަތަށް ސާބިތުވިޔަސް ކުރާ ހުކުން ވަނީ ހަރާމެވެ.  

މައްސަލައިގެ ހައްސާސްކަން އެގެނީ އިއްޔެ ހަރުއަޑުން ވަގަށް ގޮވަން ނިކުމެ ރޭނިދި ނުނިދިގެން އުޅުނު ޖަމީލުމެން ނިކުމެ އެ ތިބީ ބޮޑުވަގުގެ ދިފާއުގައެވެ. އެއޮތް ތަނުން ފަޅަކާ މިއޮތް ތަނުން ގިރިއެއް ނަހަމަ ގޮތުގައި ވިއްކައިގެން މާތްކަލާކޯއޭ ވިދާޅުވެ އިންސާފާ ކުރިމަތިލާން ޔާމީނަށް ގޮވާލައްވަމުން ގެންދެވި ރައީސް ނަޝީދު ވެސް ޔާމީނުގެ ޝަރީއަތް ހިންގާތީ އެ ހުންނަވަނީ މޭނުބައިކޮށްފައެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ބައިވެރިން އެންމެ ރަނގަޅަށް އެނގި ވަޑައިގަންނަވާ ބޭފުޅަކީ ރައީސް ނަޝީދު ކަމަށް ވިދާޅުވެފައި ވަނީ ވެސް މަދެއްކޮށް ނޫނެވެ. އަދީބުގެ ލެޕްޓޮޕާއި ފޯނުކޯލް ރެކޯޑިންތަކާއި ބަދަލުކުރެވިފައިވާ މެސެޖްތައްވެސް އޮންނަނީ ރައީސް ނަޝީދު އަތްޕުޅުގައެވެ. ރައީސް ނަޝީދު ވަގެކޭ ވިދާޅުވާ ކޮންމެ މީހަކީ ވަގެކެވެ.

ހުރިހާ މައުލޫމާތެއް ހުރެމެވެ ލިބި ހުންނެވި ހުރިހާ މައުލޫމާތެއް ރައީސް ނަޝީދު ބޭނުންފުޅު ކުރައްވަނީ ސިޔާސީ ހަތިޔާރެއްގެ ގޮތުގައެވެ. އެވަގުތަކު އަބުރު ކަތިލައްވާ ލައްވަން ބޭނުންފުޅުވާ މީހުންގެ އަބުރު ކަތިލާ ލެއްވުމަށެވެ. ބައެއްގެ ތެރޭގައި މިހާވަރަށް ފަސާދަ އުފެދި އެންމެން އެންމެނަށް ވަގަށް ގޮވާތަނެއްގައި އިންސާފު ނުލިބިގެން އެންމެ ބާރަށް ވާހަކަ ދައްކަނީ ވެސް އެހާމެ ބޮޑެތި ވަގުންނެވެ.