ޔާމީނަށް ލިބޭ އަދަބަކީ އަނިޔާއެއް ނޫން
ޖަލުހުކުމް ތަންފީޒު ކުރެވެނީ އާއްމު ކުށްވެރިއަކަށްވުރެ އިއްޒަތުގަ
ފޭރުމާ ވައްކަމާ ހިޔާނާތާ ރިޝްވަތާ މީހުން މެރުން ފަދަ ކުށްކުށަކީ ދުނިޔޭގެ ހުރިހާ ތާކުވެސް އަދަބުދެވޭ ބޮޑެތިކުށެވެ. އިސްލާމުދީނުގައި ވެސް އުގޫބަތް ކަނޑައެޅިފައިވާ ކުށްކުށެވެ. މީހެއްގެ މައްޗަށް އެފަދަ ކުށެއް ސާބިތުވެ އަދަބު ކަނޑައެޅި ތަންފީޒު ކުރުމަކީ އަނިޔާއެއް ނޫނެވެ. އަދަބެވެ. ތަރައްގީވެ ކުރިއަރާފައިވާ މުޖުތަމައުތަކުގައި ވެސް އަދަބަކީ ދެވޭ އެއްޗެކެވެ.
މަސްވެރިއަކަސް ދަނޑުވެރިއަކަސް މުދިމަކަސް މުދައްރިސަކަސް ރައީސަކަސް ކުށެއް ސާބިތުވުމުން އެކަމަކަށް ގާނޫނުއި ބުނާ އަދަބެއް ކަނޑައަޅާ އަދަބު ދެއެވެ. ދިފާއުވުމަށް ފުރިހަމައަށް ފުރުސަތު ދީގެން ކުރެވޭ ޝަރީއަތެއްގައި ދިފާއު ނުވެވި ކުށްވެރި ވުމުން އަދަބު ދިނުމަކީ އަނިޔާއެއް ނޫނެވެ. ކިތަންމެ ބަޔަކު ކުށްކުރިޔަސް އަދަބު ދެވެނީ ޝަރީއަތް ކުރެވި ކުށް ސާބިތުވާ މީހުނަށް އެކަންޏެވެ. މީހެއްގެ މައްޗަށް ޝަރީއަތް ނުހިނގުމަކީ ޝަރީއަތް ހިންގާ މީހެއްގެ މައްޗަށް ކުށް ސާބިތު ވުމުން އަދަބު ތަންފީޒު ނުކުރެވެންވީ ސަބަބެއް ނޫނެވެ.
ކުރީގެ ރައީސް ޔާމީނުގެ މައްޗަށް ވެސް ދައުވާ ތަކެއް އުފުލި ޝަރީއަތް ކުރެވެނީ ތުހުމަތު ކުރެވި ހެކި ލިބިފައިވާ ކަންތައް ތަކެއްގެ މައްޗަށެވެ. ދިފާއުވުމަށް ފުރިހަމައަށް ފުރުސަތު ލިބި ދީގެންނެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން ރައީސް ޔާމީނަށް ތުހުމަތު ކުރެވޭ އެތައް މައްސަލައެއް އެބަ އޮތެވެ. މައްސަލަ ތަކުގައި ދައުވާ ކުރެވުމުން ދިފާއު ވުމަށް ފުރުސަތު ދީގެން ކުރި ޝަރީއަތް ތަކަކުން ކުށް ސާބިތުވެގެން ދެމައްސަލައެއްގައި ވަނީ ހުކުމް އައިސްފައެވެ. ލިބިވަޑައިގެން އިސްތިއުނާފީ ހައްގުގެތެރެއިން އެއް މައްސަލައިގެ ހުކުން އެންމެ މަތީ ކޯޓުން އެވަނީ ބާތިލު ކޮށްފައެވެ. ދެވަނަ މައްސަލައިެ ހުކުމް ދަނީ ތަންފީޒު ކުރެވެމުންނެވެ.
ޝަރީއަތުގައި ކުށުން ބަރީއަ ވުމަށް ކުރެއްވި ދިފާއީ މަސައްކަތުގެ ނަތީޖާ ވޮޑަމުލާ މައްސަލައިގައި ރައީސް ޔާމީނަށް ފެނިވަޑައިގަތީ ރަނގަޅަށެވެ. ސްޕްރީމް ކޯޓުން ދަށުކޯޓުގެ ހުކުމް ބާތިލުކޮށް އެ މައްސަލާގައި ޔާމީނު ކުށްވެރި ނުވާކަމަށް ކަނޑަ އެޅިއެވެ. އަނިޔާވެރި ވުމުގެ ވިސްނުން މުޅި ނިޒާމުގައި ނެތްކަން އެކަމުން ވަރަށް ރަނގަޅަށް ސާފުވެއެވެ.
ވ. އާރަށު މައްސަލާގައި ކްރިމިނަލް ކޯޓުގައި ރައީސް ޔާމީނުގެ ޝަރީއަތް ހީންގީވެސް ދިފާއު ވުމަށް ފުރުސަތު ދެވިގެން ވަރަށް ބޮޑަށް ހުޅުވާ ލެވިގެންނެވެ. ތުހުމަތުން ބަރީއަނުވެވި ޝަރީއަތް ނިމުނީ މަނީލޯންޑަރ ކުރުމުގެ ކުށާއި ރިޝްވަތު ހިފުމުގެ ކުށް ރައީސް ޔާމީނުގެ މައްޗަށް ސާބިތު ވެގެންނެވެ. އަދަބެއްގެ ގޮތުގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވާ އެ ހުކުމް އެ ދަނީ ތަންފީޒު ކުރެވެމުންނެވެ. ދަށުކޯޓްގެ ހުކުމް ބަދަލު ކުރުމަށް އިސްތިއުނާފީ ހައްގު ވަނީ ލިބިދީފައެވެ. މައްސަލަ ދަނީ އިސްތިއުނާފް ކުރެވެމުންނެވެ. ދަށުކޯޓުގެ ހުކުމް މަތީ ކޯޓަކުން ބަދަލު ކުރެވެންދެން ދަށުކޯޓުގެ ހުކުމް ތަންފީޒު ކުރެވެނީ ވަކި މީހެއް ވެގެނެއް ނޫނެވެ.
ރައީސް ޔާމީނަށް އިއްވާފައިވާ ޖަލު ހުކުމް ތަންފީޒު ކުރެވެނީ އާއްމު ކުށްވެރިއަކަށް ވުރެ އިއްޒަތުގައެވެ. ހާއްސަ އިމްތިޔާޒްތަކަކާއި ފުރުސަތުތައް ލިބިދީގެނެވެ. ރައީސްކަން ކުރައްވަފައިވާ ބޭފުޅަކަށް ވާތީއެވެ. އެކަހެރިކޮށް ޖަލުގައި ހުންނެވުން ފިޔަވާ އެހެން ކުށްވެރިންނާ ހިލާފަށް ރައީސް ޔާމީނަށް މަދުވާކަމެއް ނެތެވެ. ކޮންމެ ދުވަހަކުވެސް އަނބިކަބަލުންނާ އެއްތަންވެ ވަޑައިގެންނެވެއެވެ. ބޭނުންފުޅުވެ ވަޑައިގަތުމުން ދިފާއީ ވަކީލުންނާ ބައްދަލުވެ ވަޑައިގަތުމަށް ހުރަހެއް ނެތެވެ. ފަރިއްކުޅުވަނީ ބޭނުންފުޅުވެ ވަޑައިގަންނަވާ މެނޫ އަކަށެވެ. ބޭސްފަރުވާ އަކަށް ލަހެއް ފަހެއް ނުވެއެވެ. ޖަލު ބަންދުގައި ހުންނަވަނީ އަމާން ރައްކާތެރި ގަނޑުވަރެއް ފަދަ ހާއްސަ ސެލްއެއްގައެވެ.
އަދަބަކީ ކުށެއްކޮށްގެން އެކުށް ސާބިތުވެއްޖެނަމަ ކޮންމެ މީހަކަށްވެސް ލިބޭނެއެއްޗެކެވެ. ކުށުގެ އަދަބަކީ އަމިއްލައަށް ލިބިގަންނަ އެއްޗެކެވެ. ރައީސް ޔާމީނު ވެސް އަދަބު ލިބި ވަޑައިގަތީ އަމިއްލަފުޅަށެވެ. 100 ދުވަސް ކީއްކުރަން ހެއްޔެވެ. 100 އަހަރުވިޔަސް މަތީ ކޯޓަކުން ހުކުމް ބާތިލު ކުރެވެންދެން ނުވަތަ ގާނޫނީ ހަމަތަކުން މާފު ލިބެންދެން ރައީސް ޔާމީނަށް ވެސް ހުކުން ތަންފީޒު ކުރެވޭނެއެވެ. ސާބިތުވެފައިވާ ކުށާއި ގުޅިގެން އިއްވާ ހުކުމެއް ތަންފީޒު ކުރުމަކީ އަނިޔާއެއް ކަމަކަށް ނުވާއެވެ. ރައީސް ޔާމީނު ތަހައްމަލު ކުރައްވަނީ އަމިއްލަފުޅަށް ކުރެއްވި ކަންކަމުގެ ނަތީޖާއެވެ.