އަޒާނުގެ ގޮނޑި ނުގެއްލުމަކީ ވިޕް ބްރޭކްކުރަން ހުޅުވޭ ދޮރެއް!

އަޒާނުގެ ގޮނޑި ނުގެއްލުމަކީ ވިޕް ބްރޭކްކުރަން ހުޅުވޭ ދޮރެއް!

ކޮންމެ ކަމެއްގައިވެސް ހެޔޮބަސްއަހާ ހެޔޮބަސް ގަބޫލު ކުރުމަކީ އެންމެ ރަނގަޅުގޮތެވެ. އައްޑޫ ހިތަދޫ މެދުދާއިރާގެ މެންބަރ އަހުމަދު އަޒާން މިއަދު ދެއްކެވީ ރީތި ނަމޫނާއެކެވެ. ސްޕްރޯމް ކޯޓުގެ ބެންޗް ހަތަކުން ފަހަކަށް ކުޑަކުރުމަށް އަޒާން ތާއީދު ނުކުރެއްވާ ތަޅުން ދޫކުރައްވާ ނިކުމެ ވަޑައިގަތުމުން އަޒާންގެ ހިތްވަރު ގަދަކަމަށް ތައުރީފް ކުރަންޖެހެއެވެ. 

މަޖިލީހުގެ ތަޅުން ދޫކުރައްވާ ނިކުމެ ވަޑައިގަތް އިރުވެސް އެ އިސްލާހު މަޖިލީހުން ފާސްކުރާނެކަން އަޒާނަށް އެނގިވަޑައި ގަންނަވާނެއެވެ. ބެންޗު ކުޑަކުރާ ބިލަށް ވޯޓު ނުދެއްވައިގެން ޕާޓީން ފިޔަވަޅު އެޅުމުގެ ފުރުސަތު އޮތްކަންވެސް އެނގިވަޑައިގަންނަވާނެއެވެ. ޕާޓީ އަޅާ ފިޔަވަޅަކުން މަޖިލީހުގެ ގޮނޑީ އަޒާނަސް ގެއްލުމުގެ ފުރުސަތު އޮތްކަންވެސް އަޒާނަށް ވިސްނިވަޑައި ގަންނަވާނެއެވެ.

ސަރުކާރާއެކު ހުރުމަކީ އަދި ސަރުކާރަށް ތާއީދު ކުރުމަކީ ސަރުކާރުން ބޭންވާހާކަމެއް ބޭނުން ވާހާގޮތަކަށް ކޮށްދިނުން ނޫންކަން އަޒާން އެދައްކަވާދެއްވީ އަމަލުންނެވެ. ސަރުކާރަށް ތާއީދުކުރާ ކޮންމެ މެންބަރަކީވެސް އަޒާނުގެ މިސާލުން މިސާލުނަގަންޖެހޭ މެންބަރެއްކަން އަޒާން އެ ސާބިތުކޮށްދެއްވީއެވެ. 

ގޮނޑި ގެއްލުނަސް އަޒާން އިސްކުރެއްވީ ހަމަޔާ އިންސާފެވެ. ދާއިރާ ރައްޔިތުންގެ މަސްލަހަތެވެ. ދުނިޔޭގެ ބެސްޓް ޕްރެކްޓިސްއެވެ. ޑިމޮކްރެޓިކް ހަމައެވެ. ރައްޔިތުންގެ ބާރެވެ. އަޒާންގެ އެ ނިންމެވުމަށް ގިނަބަޔަކު ސެލިއުޓް ކުރެއެވެ. 

މަޖިލީހަށް ހުށަހެޅިފައިވާ އިސްލާހަށް ތާއީދު ނުކުރައްވަން އަޒާން ނިންމެވި ސަބަބުތައް ވަރަށް ސާފުކޮށް ވިދާޅުވެދެއްވިއެވެ. އަޒާން ވިދާޅުވާ ގޮތުގައި ސަރުކާރުން ބޭނުންވެގެން ސްޕްރީމްކޯޓުގެ ބެންޗުކުޑަކުރުމަށް ގާނޫނަށް ގެނައި އިސްލާހަށް ތާއީދު ނުކުރެއްވީ ނާއީދުނުކުރުމަށް އެތައް ބައެއްގެ ލަފާ ލިބިވަޑައިގަތުމުންނެވެ. އޭގެތެރޭގައި މަޖިލިހަށް އިންތިހާބު ކުރި ދާއިރާގެ ރައްޔިތުންނާއި ދިވެހިރާއްޖޭގެ ގާނޫނީ ދާއިރާގައި މަސައްކަތް ކުރައްވަމުން ގެންދަވާ ވަރަށްގިނަ ވަކީލުންގެ ލަފާ ިލިބިވަޑައިގަތް ކަމަށްވިދާޅުވެއެވެ. އަޒާނަށް ލަފާދެއްވި ފަރާތްތަކުގެ ތެރޭގައި ދައުލަތުގެ ވަކީލުންނާއި ޕްރައިވެޓް ޕްރެކްޓިސްގައި މަސައްކަތް ކުރައްވާ ގާނޫނީ ވަކީލުންންގެ އިތުރަށް ކުރީގެ ފަނޑިޔާރުން އަދި ޝަރުއީ ދާއިރާގައި ދިގު މުއްދަތަކަށް މަސައްކަތް ކުރެއްވި ފަރާތްތަކާއި މިހާރު ވެސް ޝަރުއީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތައްވެސް ހިމެނި ވަޑައިގަނަވައެވެ. 

ރައީސް މުއިއްޒުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ވަޒީރުންވެސް އިސްލާހަށް ތާއީދު ނުކުރެއްވުމަށް އެދިވަދައިގެން ކަމަށް އަޒާން ވިދާޅުވެއެވެ. އަނެއްކޮޅުން ދިވެހި ގައުމަށް ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ފަރާތްތަކުން ވެސް އަޒާނަށް މަޝްވަރާ ދެއްވީ އެއްގޮތަށް ކަމަށް އަޒާން ވިދާޅުވެއެވެ. 

ސުވާލަކީ އަޒާން އަމަލު ކުރެއްވި ގޮތުން ޕީއެންސީން އަޒާނާމެދު ފިޔަވަޅުއަޅާ މަޖިލީހުގެ ގޮނޑި އަޒާނަށް ގެއްލުވާލަފާނެ ހެއްޔެވެ. އަޒާންގެ ގޮނޑި ގެއްލޭވަރުގެ ފިޔަވަޅެއް އަޅުއްވަން މުއިއްޒަށް ކެރިވަޑައެއް ނުގަންނަވާނެއެވެ. ބަސްނޭހުމުން އަޒާނު ކަހަލަ އެންމެ މެންބަރެއްގެ ގޮނޑި ގެއްލުވާލެވެން އޮވެ ގޮނޑި ގެއްލުވާލަން ނުކެރިއްޖެނަމަ ސަރުކާރުގެ ނިންމުމާ ދެކޮޅަށް ބަސްބުނެ ވޯޓުދިނުމަށް އެހެން މެންބަރުންނަށް ހުޅުވޭ ދޮރަކަށް އެކަން ވެގެންދާނެއެވެ. އަޒާނަށް ފިޔަވަޅުއަޅަން ނުކެރިއްޖެނަމަ ޕީއެންސީގެ ވިޕް މުގުރާލަން އެހެން މެންބަރުނަށް ދޮރުހުޅުވިގެންދާނެއެވެ.