އެނބުރުނަސް ބުރުނޭގޭ ވަރަށް ނޭބުރޭތި!

ޗާގޯސްގެ މައްސަލައިގައި ސަރުކާރާ ދެކޮޅަށް ބޭއްވި ބައްދަލްވުން ދިޔައީ ޗޮކުން

އެނބުރުނަސް ބުރުނޭގޭ ވަރަށް ނޭބުރޭތި!

ޗާގޯސްގެ މައްސަލައިގައި ސަރުކާރާ ދެކޮޅަށް ކުރީގެ ބައެއް ބަންޑާރަ ނައިބުންނާއި ސިޔާސީ ޕާޓީތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އުޝާމް ވިދާޅުވީ ޗާގޯސް މައްސަލައިގައި ދިވެހިންނަށް ލިބުނު ފައިދާއެއް ނެތްކަމަށެވެ. އެގޮތުން މި ކަމުގައި އުޅުއްވި ބޭފުޅުންނާ ދެކޮޅަށް ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދާނެކަމަށް އުޝާމް ވިދާޅުވިއެވެ. ސިޔާސީ ގޮތުން ތަންމައްޗައް ހީސްލާވަރު ޅަކުދިން މިކަހަލަ ވާހަކަ ދައްކަވާނެއެވެ. 

އިޓްލޮސްގެ ނިންމުން ގޯސް ކަމަށް ތުހުމަތު ކުރައްވައި ނަޝީދުވެސް މަސައްކަތް ކުރެއްވީ މިމައްސަލަ ވެސް އޮޅުއްވާލައްވާށެވެ. ޗާގޯސްގެ ރަށްތަކުގެ ސިޔާދަތީ ބާރު ދޫކޮށްލެއްވީ ކަމަށާއި އޭގެ ސަބަބުން ދިވެހި އިގްތިސާދީ ސަރަހައްދުން ބައެއް ގެއްލުނީ ކަމަށް އެ މަނިކުފާނު ވެސް ވިދާޅުވިއެވެ. އިޓްލޮސްގައި ހިނގީ ޗާގޯސްގެ މިލްކުވެރިކަމާ ގުޅިގެން ކުރި ދައުވާއެއް ނޫނެވެ. ޗާގޯސްގެ މިނިވަންކަމާއި މިލްކުވެރިކަމާ މެދު މޮރިޝަސް އާއި އިނގިރޭސިން އަރާރުންވާތާ އެތައް އަހަރެއް ވެއްޖެއެވެ. ރާއްޖެއިން ދުވަހަކު ވެސް އެ ރަށްތަކުގެ މިލްކުވެރިކަމަށް ދައުވާއެއް ނުކުރެއެވެ. ނަޝީދުގެ ވެރިކަމުގައި ވެސް އެކަން ކުރެއްވީ އެ މަގުންނެވެ. ވެރިކަމުގައި ހުންނެވިއިރު، ނަޝީދު ވެސް މި މައްސަލައިގައި ގެންގުޅުއްވީ ހަމަ މިސިޔާސަތެވެ. މިއަދު، އެ މަނިކުފާނުގެ ވިސްނުންފުޅު ބަދަލުވެ، ޗާގޯސް އަކީ ދިވެހިންގެ ތަނެއް ކަމަށް ވިދާޅުވަނީ ހަމައިގަވެސް ނެތީމަކަށް ވެދާނެއެވެ. މިހާތަނަށް މިމައްސަލަގައި ރާއްޖެއިން އަމަލުކޮށްފައިވާ ގޮތަށް ބަލާއިރު 1992 ވަނަ އަހަރު ރައީސް މައުމޫންގެ ވެރިކަމުގައި އިނގިރޭސި ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު މަޝްވަރާކޮށް ކޮށްފައިވާއިރު 2010 ވަނަ އަހަރު ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި މޮރިޝަސްގެ ސަރުކާރާއެކު މަޝްވަރާކޮށް އެއްބަސްވެފައިވެއެވެ. 

ރައީސް ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރުގެ އޮކްޓޫބަރު 21ގައި މޮރީޝަސްގެ ކެބިނެޓް ސެކްރެޓަރީ ރާއްޖެއަށް ކުރެއްވި ޒިޔާރަތުގައި ރާއްޖޭގެ އޭރުގެ ފޮރިން މިނިސްޓަރު އަހްމަދު ޝަހީދާއި ބައްދަލުކުރައްވާ މަޝްވަރާކުރައްވާފައިވާއިރު ޗާގޯސްއަކީ މޮރީޝަސްގެ ސިޔާދަތީ ބާރު އޮތްތަނެއްކަން އެ މަޝްވަރާތަކުގެ ތެރޭގައި ރާއްޖެއިން އެއްބަސްވެފައިވެއެވެ. 23 އިއްތިހާދުގެ ޗެއާމަން ޤާސިމް ކަލޭފާނު ވެރިކަމަށް ކުރިމަތިލަނީ ޗާގޯސް އާއި ، މަލިކާއި ވެސް ދިވެހިންނަށް ހޯދާދޭނެ ކަމުގެ ވައުދާއެކުގައެވެ. މެނިފެސްޓީއަކީވެސް ، މޮޓޯއަކީވެސް ޗާގޯސް އާއި ، މަލިކުވެސް ހޯދުމެވެ. މިމީހުންގެ ފެންވަރު ދިވެހިންވަނީ ކޮވިޑުގެ ބަލިމަޑު ކަމުގެ ތެރޭގައިވެސް ތަޖުރިބާ ކޮށްފައެވެ. އެބުނާ ލީޑަރސިޕާއި ގަފޮޅުކަންވެސް ވަނީ ފެނިފައެވެ. އެތައް ހާސް ދިވެހި މުވައްޒަފުންނަށް މުސާރައެއްގެ ގޮތުގައި އެންމެ 1000 ރުފިޔާދީ މަގުމަތިކޮށްލިއެވެ. ނުވިތާކަށް ކޮވިޑައް ފިލަން އެ މަނިކުފާނު ގޮސްހުރީ ރިސޯރޓްގައެވެ. މަޖިލިސްގެ ގޮނޑި އިނީ ހިރަފުސް ފޮޅަން ބައިންދާފައެވެ. މިވަރުގެ ގައްދާރު ފަރަންޖީނަށް ދިވެހިންގެ ހައްޤުތައް ހޯދައިދެވޭނީ ކިހިނަކުން ހެއްޔެވެ. އެޔެއް މިއެއް ނޭގޭ ވަރަށް ބުރުނޭގޭ ވަރަށް އެނބުރެމުން ދިވެހިނަށް ހޯދައިދެވޭނީ ކޮށް ފޯޅަވައްސަކާއި މަލިކެއްހެއްޔެވެ. ހޯދިފަ ހުރިއެއްޗެހި މެނޭޖު ކުރެވޭތޯބަލާށެވެ. އަދި އެއްވާހަކައެވެ. މިހާތަނަށް ރާއްޖޭގެ ތާރީހުގައި ރާއްޖެއިން ބައެއް ވިއްކަން ފައި ވިއްދާފައި ހުރީ އެންމެ ވެރިއެކެވެ. އެއީ ފ އަތޮޅު ވިއްކާލަން އުޅުނު މައްސަލައެވެ. އެކަންވެސް ދިފާއުކޮށް ފ އަތޮޅަކީ އެތަނުގެ ވަޒަންވެރިންގެ ތަނެއްގެ ގޮތުގައި ބޭއްވުމަށް އެންމެ ބޮޑަށް ވަކާލާތުކުރީ އެމްޑީޕީންނެވެ. މިހާރު ދެން މިކަމުގައި އިދިކޮޅުން ދައްކާނެ ވާހަކައެއް ނެތެވެ. ކުރެވޭނެ ކަމެއްވެސްނެތެވެ. 

ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސް އަށް ލިބުމަށް ރާއްޖެއިން ތާއީދުކުރުމަކީރާއްޖެއަށް މުހިންމު ، ސަބަބުވެރި އިންސާނެއްގެ ސިކުނޑިން ވިސްނާއިރު ރަނގަޅު ސަބަބުތަކެއް އޭގައި އެކުލެވޭ ނިންމުމެކޭ ބުނެވިދާނެއެވެ. އެކަމަކު އަމިއްލަ ސިކުނޑިން ވިސްނާބަޔަކަށެވެ.