ކެމްޕޭނެއް ބޯމަތިވުމުން މީހުން އެއްކޮށްގެން ޑްރާމާ ނުކުޅުއްވާާ.

ކެމްޕޭނެއް ބޯމަތިވުމުން މީހުން އެއްކޮށްގެން ޑްރާމާ ނުކުޅުއްވާާ.

ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް މާލޭ އަވަށް އަވަށުގެ މީހުންނާ ބައްދަލު ކުރެއްވުމުގެ ސިލްސިލާއެއް ރައީސް މުއިއްޒު ވަނީ ފައްޓަވާފައެވެ. ބައްދަލުވުންތައް ކުރިއަށް ގެންދަވަނީ އެއްވެސް ހިފެހެއްޓުމެއް ނެތި ބޭނުންހާ ވާހަކައެއް ދެއްކުމަށް އާއްމުންނަށް ފުރުސަތު ދެއްވައިގެންނެވެ. ކެރޭ މީހުން ތެދުވެ އުދާސްތައް ދަނީ ބަންޑުން ކުރަމުންނެވެ. 

ރައީސް މުއިއްޒު މިކަން މިކުރައްވަނީ ކޮންކަމެއް އެނގިވަޑައިނުގެން އޮވެގެން ހެއްޔެވެ. ކޮން ނަތީޖާއެއް ނެރެދެވޭނެ ކަމަށް ހެއްޔެވެ. ދައުލަތް ހިންގުމަކީ ކިރަށް ރޯ ދަރިންނަށް މައިން ބުއްޖައްސާހެން ކުރާކަމެއް ހެއްޔެވެ. 

ރައީސް މުއިއްޒަށް މާލޭގެ ބޯހިޔާވަހިކަމުގެ އެނގިވަޑައިނުގެން އޮތީ ކޮން ހާލަތެއް ހެއްޔެވެ. ވެރިކަމަށް އަރާވަޑައިގެން ފަހުން އަލަށް ފްލެޓެއް ނޭޅުއްވޭތާ އަޅާފައިވާ ފްލެޓްތައް ދީފައިވާ މީހުންނާ އެތަންތަން ހަވާލުކޮށް ނުދެއްވާ ދެ އަހަރުވީއެވެ. މާލެ ސަރަހައްދުން ދީފައިވާ ގޯތިތައް ދިންތާކުން ދިންގޮތަކަށް ދެއްވަން ވިދާޅުވި ވެރިކަމަށް ދެ އަހަރުވީއެވެ. ނުދެއްވުނެވެ ދެއްވޭކަމަކަށް ނުހެއްދެވިއެވެ.

ރައީސް މުއިއްޒުގެ ވެރިކަމަށް މިވީ 2 އަހަރުތެރޭގައި ކަމެއް ހައްލުކުރައްވަން އުޅުއްވިނަމަ ކުރީގެ ވެރިކަން ނިމުނުއިރު ނުހިކިއޮތް 600 ގޯތި ހިއްކާ ހުޅުމާލެއާއި ގުޅީފަޅާއި ގިރާވަރުފަޅުން ދިން ގޯތިތައް އޮތް ސަރަހައްދުގައި އަސާސީ ހިދުމަތް ގާއިމުކޮށް ނިންމުނީހެވެ. ކުރީ ސަރުކާރުން ނިންމާފައި އޮތްކަމެއް އެ ނިންމި ގޮތަށް ހަވާލު ކުރެއްވިނަމަ ގައިމުވެސް މާލޭގެ 9000 އާއިލާއެއްގެ މީހުން ގޯތި ނެތިގެން ޝަކުވާއެއް މިހާރަކު ނުކުރީހެވެ. މި ހުރިހާ ދުވަސް ވެގެން ދާއިރު ފްލެޓްތައް ހަވާލު ކުރެއްވިނަމަ 4000 ހާސް އާއިލާއަކުން ފްލެޓް ނެތިގެން ޝަކުވާއެއް ނުކުރީހެވެ. 

މާލެ ސިޓީ ކައުންސިލްގެ މޭޔަރ އާދަމް އާޒިމް އިސްނަންގަވައިގެން ރެޔާދުވާލު ކުރެއްވި މަސައްކަތުން ސިޓީ ކައުންސިލުން އޮޅުހިޔާ އެހުރީ ބިނާކޮށްފައެވެ. އޮޅުހިޔާ ސަރުކާރަށް ނުނަންގަވާ ސިޓީކައުންސިލުން ބުޅަލުގެ މައްސަލަ ހައްލުކުރަން ދޫކޮށްލެއްވިނަމަ ބުޅާ ގުއިން މާލެ ސިޓީ މިހާރު އޮތީހީ ސަލާމަތް ކުރެވިފައެވެ. 

ބަހަނާ ނުދައްކަވާށެވެ. ކުރައްވަން ބޭނުންފުޅު ވީމާ މާލޭ ބޮޑުތަކުރުފާނު މަގުން ބައެއް ފުޅާކޮށްލެއްވުން ބޮޑުކަމަކަށް ނުވިއެވެ. ރަސްމާލެ ހިއްކަން ދުނިޔޭގެ އެންމެ ބޮޑު ޖައްރާފު ގެންނާކަށް ވެސް އުނދަގުލެއް ނުވިއެވެ. ބޭނުންފުޅުވުމުން ނުކުރެއްވޭ ކަމެއްނެތެވެ. ކެމްޕޭނެއް ބޯމަތިވުމުން ރައްޔިތުން ތަންތަނަށް އެއްކުރައްވައިގެން ޑްރާމާ ނުކުޅުއްވާާށެވެ.