ސަރުކާރުން ސިއްރުކުރާވަރަަކަށް އިންވެސްޓަރުންގެ އިތުބާރު ގެއްލޭ: ފައްޔާޒު

އިތުބާރު ހޯދޭނީ ދެފުށް ފެންނަ އުސޫލުތަކާއި، ސާފު ގާނޫނީ އޮނިގަނޑެއްގެ ތެރެއިން

ސަރުކާރުން ސިއްރުކުރާވަރަަކަށް އިންވެސްޓަރުންގެ އިތުބާރު ގެއްލޭ: ފައްޔާޒު

ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ހޯދޭނީ ދެފުށް ފެންނަ އުސޫލުތަކާއި، ސާފު ގާނޫނީ އޮނިގަނޑެއްގެ ތެރެއިން ކަންކަން ކުރެވިގެން ކަމަށް ކުރީގެ އިގުތިސޯދީ ވަޒީރު އޮނަރަބަލް ފައްޔާޒު އިސްމާއީލް ވިދާޅުވެއެވެ. އެހެން ނަމަވެސް މުއިއްޒު ސަރުކާރުން އީގަލް ހިލްސްއާއެކު ސޮއިކޮށްފައިވާ 'ކޮމާޝަލް ޓާމްސް އެގްރީމަންޓް' ގެ އެއްވެސް ތަފްސީލެއް މިއަދާ ހަމައަށް އާންމުކޮށްފައި ނުވާ ކަމަށާއި އިންވެސްޓަރުގެ ޒިންމާތަކަކީ ކޮބައިކަމެއް، ބިން އަނބުރާ ދައުލަތަށް ލިބޭނެ ގޮތެއް ރައްޔިތުންނަށް އެގެން ނެތްކަމަށް ފައްޔާޒު ވިދާޅުވެއެވެ.

މާލެއާ ކައިރިން 500 ހެކްޓަރުގެ އަގުބޮޑު ބިން އީގަލް ހިލްސް ކުންފުންޏަށް ދިނުމަށް ރަސްމާލެ މަޝްރޫއުގެ ދަށުން ވެފައިވާ އެއްބަސްވުމުގައި ބޮޑެތި ސުވާލުތަކެއް އުފެދޭ ކަމަށް ފައްޔާޒް ފާހަގަކުރެއްވިއެވެ. ރަސްމާލޭގައި އީގަލް ހިލްސް ލައްވާ ހިންގާން އުޅެނީ "އާދައިގެ ފަތުރުވެރިކަމުގެ މަޝްރޫއެއް" ކަމަށް ސަރުކާރުން ސިފަކުރާއިރު، އާ ރިއަލް އެސްޓޭޓް ބިލެއްގެ ވާހަކަ ދައްކަވަނީ ކީއްވެގެންތޯ ސުވާލުކުރައްވަމުން ފައްޔާޒު ވިދާޅުވަނީ އީގަލް ހިލްސްގެ ހިސާބުތަކާއި ސަރުކާރުގެ ހިސާބުތައް ދިމާނުވާކަމަށެވެ. 

އެހެން އެކަން އޮތް އިރު ރަސްމާލޭގައި ހިންގުމަށް ރާވާފައިވާ މަޝްރޫއު ހިނގަމުން ދާނީ އެކުލަވާލަމުން އަންނަ ރިއަލް އެސްޓޭޓް ގާނޫނުގެ ދަށުން ކަމަށާއި މަޝްރޫއު ފެށުމުގެ ކުރިން ގުޅުންހުރި ގާނޫނުތައް މަޖިލީހުން ފާސްކުރަންޖެހޭނެ ކަމަށާއި ރިއަލް އެސްޓޭޓު ގާނޫނު ބޭނުން ވަނީ މިހާރު ރާއްޖޭގައި ނެތް ސިނާއަތެއް ތައާރަފުކުރަން މަސައްކަތް ކުރަމުން ދާތީ ކަމަށް ބަންޑާރަ ނައިބު ވިދާޅުވާކަން ފައްޔާޒު ފާހަގަ ކުރައްވައެވެ. 

ޓޫރިޒަމް ޕްރޮޑަކްޓަކަށް ނުވާ ރިއަލް އެސްޓޭޓް މާކެޓެއް ރާއްޖޭގައި އުފެއްދެވުމުގެ މަސައްކަތް ކުރާކަމަށް އެއްކޮޅުން ސަރުކާރުން ބުނާއިރު މި ޕްރޮޖެކްޓަކީ ޓީޖީއެސްޓީގެ ގޮތުގައި ބޮޑު އާމްދަނީއެއް ވަންނާނެ ގޮތަށް ފަރުމާކޮށްފައިވާ ޕްރޮޖެކްޓެއް ކަމަށާއި ސަރުކާރުން އެއްވެސް އަގެއް ނުނަގާ ރަސްމާލޭގެ 500 އަށް ވުރެ ބޮޑު ހެކްޓަރުގެ ސަރަހައްދެއް ދޫކޮށްލި ސަބަބަކީ ލިބެން އޮތް އާމްދަނީ ކަމަށް ބުނާކަން ފައްޔާޒު ފާހަގަކުރައްވައެވެ. އެހެންކަމުން، ރަސްމާލެ ޕްރޮޖެކްޓަކީ ޓޫރިޒަމް ނޫން ރިއަލް އެސްޓޭޓް މާކެޓެއް ތައާރަފުކުރާ ޕްރޮޖެކްޓެއް ކަމަށް ސަރުކާރުން ދައްކާ ވާހަކަ ދެކޮޅެއް ނުޖެހޭކަމަށް ފައްޔާޒު ވިދާޅުވިއެވެ. 

ސަރުކާރުން ދައްކާ ވާހަކައިގައި ހުރި ފުށުއެރުންތަކުގެ އިތުރުން، ހުށަހަޅާފައިވާ އަދަދުތަކުގައި ވެސް ބޮޑެތި މައްސަލަތަކެއް ހުރިކަން ފައްޔާޒު ފާހަގަކުރައްވައެވެ. ހަމައެއާއިއެކު ފައްޔާޒް ފާހަގަކުރެއްވި އެންމެ ބޮޑު ކަންބޮޑުވުމަކީ ބިން ކުއްޔަށް ދޫކުރާ މުއްދަތާ މެދު އުފެދިފައިވާ އޮޅުންބޮޅުމެވެ. އީގަލް ހިލްސްގެ ފުރަތަމަ ބަޔާނުގައި ބުނެފައިވަނީ 99 އަހަރުގެ ކުލީގެ މުއްދަތު ކޮންމެ ފަހަރަކު ވިއްކާލާއިރު ނުވަތަ ވާރުތަވާއިރު އަލުން ފެށޭނެ ކަމަށެވެ. ފާޑުކިޔުން އަމާޒުވުމުން، އީގަލް ހިލްސްއިން ވަނީ ބަޔާނުން އެ ބައި އުނިކޮށްފައެވެ.

އަލްބޭނިއާ އާއި ސާބިއާ ފަދަ ގައުމުތަކުގައި އީގަލް ހިލްސްއިން މަޝްރޫއުތައް ހިންގާއިރު، އެ ގައުމުތަކުގެ ސަރުކާރުން އެއްބަސްވުންތައް އާންމުކޮށް، ކުންފުނީގެ ހިއްސާވެސް ހޯދާފައިވާކަން އޭނާ ފާހަގަކުރައްވަމުން ފައްޔާޒު ވިދާޅުވަނީ ދިވެހި ސަރުކާރުން މިކަން ކުރަނީ ނުހަނު ސިއްރުވެރިކޮށްކަމަށެވެ.