ޖިންސީ ގޯނާގެ ތުހުމަތުގައި ހަކީމީގެ މައްޗަށް ޝަރީއަތް ފަށަނީ
ޕެރިސް ސެއިންޓް ޖާމަން (ޕީ.އެސް.ޖީ) އަށް ކުޅެމުން އަންނަ އަޝްރަފް ހަކީމީގެ މައްޗަށް އުފުލާފައިވާ ރޭޕްގެ ތުހުމަތާ ގުޅިގެން، އޭނާގެ މައްޗަށް ޝަރީއަތް ހިންގުމަށް ނިންމައިފިއެވެ.
މޮރޮކޯގެ ގައުމީ ޓީމުގެ ކެޕްޓަން ހަކީމީ، 2023 ވަނަ އަހަރު ފްރާންސްގެ ވެރިރަށް ޕެރިހުގައި ހުންނަ އޭނާގެ ގޭގައި އުމުރުން 24 އަހަރުގެ އަންހެނަކު ރޭޕްކުރި ކަމަށް އެ އަންހެން މީހާ ވަނީ ތުހުމަތުކޮށްފައެވެ. ނަމަވެސް، ހަކީމީ މި ތުހުމަތުތަކަށް މުޅިން އިންކާރު ކުރެއެވެ.
ޕެރިހުގެ އަވަށެއް ކަމަށްވާ ނަންޓެރޭގެ ޕްރޮސެކިއުޓަރ އޮފީހުން މި މައްސަލައިގެ ފުރަތަމަ ތަހުގީގު ފަށާފައިވަނީ 2023 ވަނަ އަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ.
މިކަމާ ގުޅިގެން ހަކީމީ "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، "މިއަދު، ރޭޕްގެ ތުހުމަތެއް އޮތުމަކީ ޝަރީއަތަކަށް ދިއުމަށް ފުދޭވަރުގެ ކަމެއް" ކަމަށެވެ.
އޭނާ އިތުރަށް ބުނެފައިވަނީ، "މިއީ ކުށެއް ނެތް މީހުންނަށާއި، އަދި ހަގީގީ އަނިޔާ ލިބިފައިވާ ފަރާތްތަކަށް ވެސް ކުރެވޭ ބޭއިންސާފެއް. އަހަރެން މި ހުރީ ވަރަށް ހަމަޖެހިގެން މި ޝަރީއަތަށް އިންތިޒާރުކޮށްގެން. އޭރުން ހަގީގަތް ހާމަވެގެންދާނެ" ކަމަށެވެ.
މި މައްސަލައިގެ ޝަރީއަތް ބާއްވާނެ ވަކި ތާރީހެއް އަދި ކަނޑައަޅާފައެއް ނުވެއެވެ.
ހަކީމީގެ ވަކީލު ނެރުއްވި ބަޔާނެއްގައި، ޝަރީއަތް ކުރިއަށް ގެންދިއުމަށް އަމުރުކޮށްފައިވާކަން ކަށަވަރުކޮށްދެއްވަމުން ވިދާޅުވީ، އިންސާފު ގާއިމުވުމަށް އެދި ވަރުގަދަ އަޒުމަކާއެކު ޝަރީއަތަށް އިންތިޒާރު ކުރަމުންދާ ކަމަށެވެ.
ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ބުރުގެ ޕްލޭ-އޮފްގެ ދެވަނަ ލެގުގައި ބުދަ ދުވަހު ޕީ.އެސް.ޖީ އާއި މޮނާކޯ ބައްދަލުކުރާނެއެވެ. މި މެޗަށް މިދިޔަ އަންގާރަ ދުވަހު އާންމުކުރި ޕީ.އެސް.ޖީގެ ސްކޮޑުގައި ހަކީމީގެ ނަން ވަނީ ހިމަނާފައެވެ.
އުމުރުން 27 އަހަރުގެ ހަކީމީ އުފަންވީ ސްޕެއިން އަށެވެ. ނަމަވެސް، އޭނާ ބައިނަލްއަގުވާމީ ފުޓްބޯޅަ ކުޅެނީ މޮރޮކޯ އަށެވެ. އޭނާ މިހާތަނަށް ވަނީ ޕީ.އެސް.ޖީ އަށް 194 މެޗު ކުޅެދީފައެވެ.




