ރަސްމާލެ ހިޔާނާތް: ދައުލަތުގެ ވައުދުތަކަށްވުރެ އީގަލް ހިލްސްގެ ނުފޫޒާއި ސިޔާސީ މަންފާ އިސްކުރުން
ދިވެހިރާއްޖޭގެ ބިންބިމަކީ އަބަދުވެސް ސިޔާސީ ގޮތުން ބޮޑު ބަރުދަނެއް އުފުލާ އެއްޗެކެވެ. ނަމަވެސް، މުއިއްޒު ސަރުކާރުން ރަސްމާލޭގެ ބިން ބަހާލުމަށް ވެފައިވާ އެއްބަސްވުމަކީ، ރައްޔިތުންގެ ކަންބޮޑުވުންތައް އިންތިހާއަށް ބޮޑުވެފައިވާ ކަމެކެވެ. ބިންވެރިކަމަށް ފެންބޮވައިގެންފައިވާ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް ދައުލަތުން ހިންގާ މަޝްރޫއެއްގެ ގޮތުގައި ފުރަތަމަ އިޢުލާންކުރި ނަމަވެސް، މިހާރު މި މަޝްރޫއު ބަދަލުވެފައިވަނީ ޔޫ.އޭ.އީ ގެ އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލާފައިވާ ބޮޑު މަންފާއަކަށެވެ. މިއީ ބިލިއަނަރު މުޙައްމަދު އަލައްބާރު އިސްވެ ހުންނަވައިގެން ހިންގާ ކުންފުންޏެކެވެ.
ގިނަ ދިވެހިންގެ ނަޒަރުގައި، މި ބަދަލަކީ ރައްޔިތުންނަށް ވެވުނު ބޮޑު ޚިޔާނާތެކެވެ.
ރައްކާތެރިކަމުގެ ހީލަތްތެރި ކުލަވަރު
މި އެއްބަސްވުމުގެ ދިފާއުގައި ސަރުކާރުގެ އިސްވެރިންނާއި ސިޔާސީ ބައިވެރިން ދައްކަނީ ގާނޫނީ އޮނިގަނޑުގެ ވާހަކައެވެ. މިގޮތުން، ކުރީގެ ބަންޑާރަނައިބު ފާތިމަތު ދިޔާނާ ސައީދު ވަނީ ސަރުކާރުގެ ނިންމުންތަކަށް ގާނޫނީ ހުއްޖަތްތަކެއް ދައްކަވާފައެވެ. ގާނޫނުއަސާސީގެ 2 ވަނަ މާއްދާ، 9 ވަނަ މާއްދާގެ (ރ) އަދި 251 ވަނަ މާއްދާގެ ދަށުން ރާއްޖޭގެ މިނިވަންކަމާއި އިސްލާމީ އުސޫލުތައް ރައްކާތެރިކުރެވިފައިވާ ކަމުގެ ޔަގީންކަން އޭނާ ދެއްވައެވެ. މުސްލިމް ނޫން މީހުންނަށް ރައްޔިތުންގެ ފުރުސަތު ނެތުމާއި، ބޭރުގެ ފަރާތްތަކަށް ބިން މިލްކު ނުކުރެވޭނެ ކަމާއި، ކުލީގެ މުއްދަތު 99 އަހަރަށްވުރެ އިތުރު ނުކުރެވޭނެ ކަމަށް އޭނާ ފާހަގަކުރައްވައެވެ.
ނަމަވެސް، ދިޔާނާ މި އެއްބަސްވުމަށް ދެއްވި އަވަސް ތާއީދަކީ ގިނަ ބަޔަކު ހައިރާންވި ކަމެއް ނޫނެވެ. އެއްްއިރެއްގައި ގާނޫނުއަސާސީ އިސްލާހުކުރުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ވަކާލާތުކުރެއްވި ދިޔާނާ، ސަރުކާރަށް ފާޑުކިޔާ ބޭފުޅެއްގެ ގޮތުން ސަރުކާރުގެ ސަޕޯޓަރަކަށް ބަދަލުވެގެން ދިޔައީ، ބެލްޖިއަމް އަދި ވިލާތުގެ އިއްތިހާދަށް ކަނޑައަޅާ ސަފީރުގެ މަގާމާ އެކުގައެވެ.
ފާޑުކިޔާ ފަރާތްތަކުން ދެކޭ ގޮތުގައި، ނޫސްވެރިކަމުގެ މިނިވަންކަމާއި މަދަނީ ހައްގުތަކުގެ މައްސަލައިގައި އޭނާ ހަނުހުންނަވަނީ ސިޔާސީ މަގާމެއްގެ ބަދަލުގައެވެ. މީގެ އަލިގަދަ ހެއްކަކީ ދިޔާނާއަށް މުހިއްމުވަނީ އުސޫލުތަކަށްވުރެ ސިޔާސީ މަންފާ އިސްކުރުންކަމެވެ. މިއީ ދިޔާނާގެ ސިޔާސީ ސަގާފަތެވެ.
އަބަދުވެސް ދިޔާނާއަކީ އެވަގުތަކު އޮންނަ ސަރުކާރަކަށް ކޮޅު އެއްލަވާގެން އުޅުއްވާ ބޭފުޅެކެވެ. ޑިމޮކްރަސީގެ ނަމުގައި ދިވެހިރާއްޖޭގައި ވެރިކަމުގެ ނިޒާމު، 2008ގެ ފަހުން ހިންގަންފެށީން ސުރެން ދިޔާނާއާ ޖާބިރު – އެކެއްގެ އަގުގައި ދެމީހުން ލިބޭ އުސޫލުން، މިދެބޭފުޅުން ހިއްސާ ނުވާ ސަރުކާރެއް އަދި ދިވެހި ފަސްގަނޑަކު އުފަންނުވެއެވެ.
ބަލިކަށި މުއައްސަސާތަކާއި ބޮޑެތި ކުންފުނިތަކުގެ ބާރު
ގާނޫނީ އުސޫލުތަކަކީ ތަންފީޒީ ނިޒާމު ބަލިކަށި ތަނެއްގައި މާބޮޑު އަގެއް ހުރި އެއްޗެއް ނޫނެވެ. ބިލިއަނުން ފައިސާ ހުރި ބޭރުގެ ކުންފުންޏަކަށް އެތައް ސަތޭކަ ހެކްޓަރެއްގެ ބިން ގިނަ އަހަރުތަކަކަށް ދޫކޮށްލުމުން، ހަގީގީ ބާރު އޮންނަނީ ކުންފުނީގެ އަތްމަތީގައެވެ. ބޮޑެތި ކުންފުނިތަކުގެ ނުފޫޒު ވަނުމުން، ގާނޫނީ ހުރަސްތަކާއި ވައުދުތައް އޮންނަނީ އިތުރު އެއްބަސްވުންތަކާއި، ސިއްރު އާބިޓްރޭޝަންތަކުގެ ތެރެއިން ބަދަލުކޮށްފައެވެ.
އަބަދުވެސް، އިދިކޮޅު ފަރާތްތަކުން ދަނީ މިފަދަ ނޭދެވޭ މުއާމަލާތާ މެދު އިންޒާރު ދެމުންނެވެ.
އެމް.ޑީ.ޕީ ގެ މެންބަރު މީކާއީލް ނަސީމް ވަނީ ރަސްމާލޭގެ އެއްބަސްވުން ސިއްރުކުރާތީއާއި އޭގެ އުސޫލުތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ގޮވާލައްވަނީ އާމްދަނީގެ ތަފްޞީލު ހާމަކުރުމަށާއި، ސިޔާސީ މަންފާއަށްޓަކައި ގައުމީ މަސްލަޙަތު ގުރުބާން ނުކުރުމަށެވެ.
ހަމައެއާއެކު، މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވަނީ، ދައުލަތުގެ ބޮޑު ހަރަދުގައި ހިއްކާ ބިމަކީ މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ހާއްސަ ކުރަންޖެހޭ ތަނެއް ކަމަށާއި، އެއީ ބޭރުގެ ވިޔަފާރިތަކަށް ދޫކުރަންޖެހޭ ތަނެއް ނޫން ކަމަށެވެ.
މި ޝައްކުތައް އުފެދެނީ ހަމައެކަނި އިދިކޮޅު ފަރާތްތަކުގެ މެދުގައެއް ނޫނެވެ. މިސަރުކާރުގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ. ޢަބްދުއްލާ ހަލީލް ވަނީ އެކްސް މެދުވެރިކޮށް މި އެއްބަސްވުމުގެ ދެފުށް ފެންނަ މިންވަރާ މެދު ސުވާލު އުފައްދަވާފައެވެ. އޭނާ ވަނީ ބިން ހިއްކުމުގެ ހަރަދާއި، އީގަލް ހިލްސްއަށް ދޫކުރި ބިމާއި ފަޅުގެ އަގާއި، ދައުލަތަށް ލިބޭނެ އާމްދަނީއާ ގުޅޭގޮތުން ސާފު މަޢުލޫމާތަށް އެދިވަޑައިގެންފައެވެ. އަދި ބިންތައް އަލުން ވިއްކާއިރު 99 އަހަރުގެ މުއްދަތު އަމިއްލައަށް އާވެގެންދާނެތޯ އާއި، ދައުލަތުގެ އަސާސީ ހައްގުތަކަށް އުނިކަމެއް އަންނާނެތޯ ވެސް އޭނާ ސުވާލު ކުރެއްވިއެވެ.
ގެއްލެމުންދާ މިނިވަންކަމުގެ ސިފަތައް
ރައްޔިތުންގެ މި ކަންބޮޑުވުމަކީ މާޒީގައި ކަން ހިނގާފައިވާ ގޮތުގެ ސަބަބުން އުފެދިފައިވާ ކަމެކެވެ.
އަސްކަރީ ނުފޫޒު: ގައުމީ ސަލާމަތާ ގުޅޭގޮތުން ގާނޫނުއަސާސީގައި ކަންކަން އޮތް ނަމަވެސް، ބޭރުގެ އަސްކަރީ ސިފައިން ބޭލުމަކީ ނުހަނު އުނދަގޫ ކަމެއްގެ ގޮތުގައި ވަނީ ފެނިފައެވެ.
ކުންފުނިތަކުގެ ބާރު:
ބޮޑެތި ރިސޯޓުތަކާއި ބޭރުގެ ވިޔަފާރިތަކުން ރާއްޖޭގެ ތިމާވެށީގެ ގާނޫނުތަކާއި، ވަޒީފާއާ ބެހޭ ގާނޫނުތަކަށް ގޮންޖަހަމުން ދިއުމަކީ، ބޭރުގެ ފައިސާގެ ނުފޫޒު ދައުލަތުގެ ބާރުގެ މައްޗަށް އަރާފައިވާ ކަމުގެ ހެއްކެކެވެ. ރާއްޖޭގައި އިންޑިއާއި ޗައިނާގެ ކުންފުނިތަކުން ސިންގަލް ސޯސް ބިޑުން އިންވެސްމަންޓުތައް ކޮށްފައި އެބަހުއްޓެވެ.
ކުރީގެ ރައީސް ޢަބްދުއްލާ ޔާމީން، އީގަލް ހިލްސްއަށް މި މަޝްރޫއު ހުއްޓާލުމަށް ގޮވާލައްވައި، މިއީ ހުރިހާ މިންގަޑަކުންވެސްް ފެއިލްވެފައިވާ ސަރުކާރަކުން ހިންގާ އަމަލެއްގެ ގޮތުގައި ސިފަކުރެއްވުމުން، އެއިން ރައްޔިތުންގެ މެދުގައި އޮތް އިތުބާރު ނެތްކަން ހާމަވެއެވެ. ސަރުކާރުން މި ވާހަކަތަކަކީ ސިޔާސީ ވާހަކަތަކެއްގެ ގޮތުގައި ދެކުނު ނަމަވެސް، ރައްޔިތުންގެ ބައިވެރިވުމެއް ނެތި ދައުލަތުގެ މުދާތައް ބަހާލަމުންދާ ކަމީ ދެބަސްވެވެން ނެތް ހަގީގަތެކެވެ.
ރައްޔިތުންގެ ބޯހިޔާވަހިކަން ނުވަތަ ވިޔަފާރިވެރިންގެ ފައިދާ؟
މިހާރު އުފެދޭ އެންމެ ބޮޑު ސުވާލަކީ، މި ބިން ހިއްކީ ކާކަށްޓަކައި ހެއްޔެވެ؟ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން ހިއްކާ ބިންތައް ބޭރުގެ ވިޔަފާރިވެރިންނަށް ލަގްޒަރީ މަޝްރޫއުތައް ހިންގަން ދޫކޮށްލުމުން، އެއީ ކުއްޔަށް ދިނުމެއްތޯ ނުވަތަ މިލްކުކޮށްދިނުމެއްތޯ އޮންނަ ތަފާތު ކެނޑިގެންދެއެވެ. ބޯހިޔާވަހިކަމަކަށް އެދި އެތައް އަހަރެއް ވަންދެން އިންތިޒާރު ކުރަމުންދާ ދިވެހި އާއިލާތަކަށްް، ދައުލަތުގެ ބިން 99 އަހަރަށް ބޭރު މީހަކަށް ދޫކޮށްލުމަކީ ވަޒަން ވިއްކާލުން ފަދަ ކަމެކެވެ.
ބޭރުގެ އަސްކަރީ ނުފޫޒުތަކާއި ބޮޑެތި ކުންފުނިތަކާ ކުރިމަތިލާނެ ފެންވަރު ދައުލަތުގެ މުއައްސަސާތަކުގައި ނެތްހާ ހިނދަކު، އީގަލް ހިލްސް ފަދަ ކުންފުނިތަކަށް މިފަދަ ބޮޑެތި ބިންތައް ދޫކޮށްލުމަކީ ދިވެހިރާއްޖޭގެ މިނިވަންކަމާ އިސްތިގުލާލު ނުރައްކާތެރިކަމެއްގެ ތެރެއަށް ވައްޓާލުމެވެ.




