ވީޓޯ އުވާލަން ބުނުމަކުން އިޒްރޭލް ބޭން ކުރިކަމަކަށް ނުވާނެ!

ގާނޫނީ ހުރަސްތަކެއް ހުރިކަމަށް ދައްކައިގެން އިޒްރޭލު މީހުން އެތެރިވުން މަނާނުކުރި

ވީޓޯ އުވާލަން ބުނުމަކުން އިޒްރޭލް ބޭން ކުރިކަމަކަށް ނުވާނެ!

މުއިއްޒު ސަރުކާރުގެ އިޔަހޫދިކަން ހުންނަނީ މާވަރަކަށް ވިއްޔާއެވެ. ތިމާމެންނަށް ކުރެވެން ހުންނަ ކަންކަން ނުކޮށް ތިބެ އެހެން މީހުން ކަންކުރަންވީގޮތް އެބަކިޔައެވެ.

ފަލަސްތީނު ރައްޔިތުން ދެކެ މާލޯތްބެއް ވާކަމަށް ހެދިގެން ކޯޓުލައިގެން ނިކުމެ އދގެ މައިހަރުގޭގައި ހައިދަރު ކުޅުނު ޗަރުކޭހަކުން އދ ހިނގުން ހުއްޓުނީ ހެއްޔެވެ. ވީޓޯ ކުރުމުގެ ބާރުތަކާ ދެކޮޅަށް ރާއްޖޭން ބަސް ބުނުމުން އެމީހުން އެތިބީ ބިރުން ދެކަމު ހާޖަތަށް ދެވިފައި ތޯއްޗެކެވެ. ގަތް ބިރުން އެމެރިކާވެސް އިޒްރޭލްގެ އަސްކަރީ ބާރު ކަނޑުވާލަން އެތިބީ ކަނޑިކަންފަތް މައްޗަށް ދަމައިގެންނެވެ.

އަޖައިބެކެވެ. ސައިޒަށް ވުރެ ބޮޑެތި ކަރާފަޅައިގެން ރައްޔިތުންގެ ހިތް އަތުލަން ފަލަސްތީނުގެ ނިކަމެތި ރައްޔިތުންގެ ނިކަމެތި ކަމުގެ ނާޖާއިޒު ފައިދާ ނަގަން ނުހަދާށެވެ. އިހުލާސްތެރި ކަމެއް ހުރިއްޔާ ތިމާމެންނަށް ވާވަރުގެ ކަމެއް ކޮށްބަލާށެވެ. އޭރުން ފަލަސްތީނު ރައްޔިތުންނަށް އެކަމުގެ މަންފާއެއް ފަހަރުގާ ކޮށްފާނެއެވެ. 

އދ ގެ ވީޓޯގެ ބާރު ކަނޑުވާލުން ފަދަ ނުވާވަރު ކަންކަމަށް ބަސްބުނުމުގެ ބަދަލުގާ ވާވަރުގެ ކަންކަން ނުކުރަނީ ކީއްވެ ހެއްޔެވެ. އދއިން ފާސް ކުރިޔަސް، ނުކުރިޔަސް ރާއްޖެއަށް އިޒްރޭލުން މީހުން އައުން މަނާ ކުރެވޭނެއެވެ. އިޒްރޭލު ޕާސްޕޯޓް ބޭން ކުރެވޭނެއެވެ. އެކަން ނުވެގެން އުޅެނީ ކީއްވެ ހެއްޔެވެ.

އިޒްރޭލު ޕާސްޕޯޓް ބޭން ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސަށް އެކަން އޮތީ ހުށަހަޅާފައެވެ. މުއިއްޒު ވެރިކަމަށް ވީހާދުވަހެއް އެކަމަށް ވެއްޖެއެވެ. ގާނޫނީ ހުރަސްތަކެއް ހުރިކަމަށް ބުނެ އިޒްރޭލު މީހުން އެތެރިވުން މަނާ ކުރުމުން މުއިއްޒު އެހުންނަނީ މަނާވެ ގަނެގެނެވެ. 

އިޒްރޭލުގެ މަސްލަހަތު އޮތް އެތައް ވިޔަފާރިއެއް ހަލުވިކަމާއެކު ރާއްޖޭގައި އެބަ ހިނގައެވެ. އިޒްރޭލުގެ މަސްލަހަތު ހުރި ވިޔަފާރިތައް ހުއްޓުމުގެ ހިއްވަރެއް ސަރުކާރުގައި ނެތެވެ. އެ ވިޔަފާރިތައް ބޮއިކޮޓް ކުރި މަދު ދިވެހިން ކޮޅުވެސް ވެސް ހެދީ ޓެރެރިސްޓުންނަށެވެ. އެކަންކަން ނުކޮށްތިބެ ވީޓޯ ބާރު ކަނޑުވާލާ ވާހަކަ ދައްކަނީ މުނާފިގު ކަމުންނެވެ.