ޔޫމެޓުންވެސް ބަދަލުހޯދީ މުއިއްޒުމެން ދިން ފޫނުބެއްދުނު ބޮޑުގެއްލުމަށް!

ބަދަލުދޭންޖައްސާ ވެރިންނަށް ފިޔަވަޅުނާޅާ ބަދަލުދިނުން ނުހުއްޓުވޭނެ!

ޔޫމެޓުންވެސް ބަދަލުހޯދީ މުއިއްޒުމެން ދިން ފޫނުބެއްދުނު ބޮޑުގެއްލުމަށް!

ބަދަލު ހޯދަން އުޅެންޖެހެނީ ބަދަލުދޭންޖެހޭ ގޮތަށް ސަރުކާރުތަކުން ކަންކުރާތީއެވެ. ޔޫމެޓުން ބަދަލު ހޯދަން އުޅުނީ ރައީސް ޔާމީނު ވެރިކަމުގައި ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމެއް ލިބޭގޮތަށް ކަންތައްކުރުމުން އިންތިހާ ދަރަޖައަށް އެކުންފުންޏަށް ގެއްލުން ލިބިގެންނެވެ. ޔޫމެޓް ނޫނަސް އެހެން އެތައް ކުންފުންޏަކުން ދައުލަތުން ބަދަލު ހޯދަން އުޅެނީ ދައުލަތުން އެމީހުނަށް ބޮޑެތި ގެއްލުންތަކެއް ދީގެންނެވެ.

ގެއްލުމުގެ ބަދަލު ދިނުމަކީ ދޭން ޖެހޭ ހާލަތުގައި ދޭން ޖެހޭ އެއްޗެއް ކަމަށް އޮޑިޓަރ ޖެނެރަލް ނިޔާޒީވެސް އެއްބަސްވެއެވެ. އޮޑިޓަރ ޖެނެރަލްގެ ކަންބޮޑުވުމަކީ  ދައްކަން ނުޖެހޭ ވަރުގެ ބޮޑެތި ބަދަލުތަކަކަށް އެދި އުސޫލުން ބޭރުން ބަދަލު ހޯދަން އުޅުމެވެ. ތެދެކެވެ. އެކަމަކީ ހުއްޓުވަން ޖެހޭ ކަމެކެވެ. ދައްކަން ނުޖެހޭ ވަރުގެ ބޮޑެތި ބަދަލުތަކަކަށް އެދި އުސޫލުން ބޭރުން ބަދަލު ހޯދަން އުޅުން ހުއްޓުވަން ޖެހޭހެން ބަދަލު ދޭންޖެހޭ ސަބަބު މެދުވެރިކުރުން ހުއްޓުވަން ޖެހެއެވެ.

ބަޔަކަށް ކިތަންމެ ބޮޑު ގެއްލުމެއް ލިބުނަސް އެއްވެސް ބެލުމެއްނެތި އާރާއި ބާރު އޮތުމުން ވެރިން ހިތަށް އެރުމުން ހިތުހުރި ކަމެއް ކޮށްލުމުން ގެއްލުމުގެ ބަދަލު ހޯދަން މީހުން އުޅޭނެއެވެ. އުސޫލުގެ ތެރެއިން ނުވިއްޔާ އުސޫލުން ބޭރުންވެސް ބަދަލު ހޯދާނެއެވެ. އެކިއެކި ފަރާތްތަކުން ހޯދާފައި ހުންނަ ހިދުމަތަށް އަގުނުދީ އެތައް އަހަރެއް ހޭދަކޮށްލުމުން ގެއްލުމުގެ ބަދަލު ހޯދަން ޝަރީއަތަށް ދާނެއެވެ. ޝަރީއަތުން ބޭރުން ބަދަލު ލިބެން އޮތިއްޔާ އެގޮތަކަށް ބަދަލު ހޯދާނެއެވެ.

ދައުލަތުން ގެއްލުމުގެ ބަދަލު ދޭންޖެހެނީ ދައުލަތުގެ ނަމުގައި ސަރުކާރު ހިންގަން ތިބި ބަޔަކު ކަންކުރާ ގޮތަކުންނެވެ. ސަރުކާރާއި އެހެން ފަރާތަކާ ދެމެދު ވެވޭ އެއްބަސްވުމެއް ބާތިލުކުރާ އިރު އެކަމަކުން ލިބޭނެ ގެއްލުން ތަކަށް ބަދަލު ދޭންޖެހިދާނެކަން އެގްރީމަންޓް ބާތިލުކުރާއިރު އެނގެން ޖެހެއެވެ. މަސައްކަތް ހުއްޓުވާއިރު އެނގެން ޖެހެއެވެ. އެކަން އެނގިތިބެ އެއްބަސްވުންތައް ބާތިލުކޮށް ކަންކަން ހުއްޓުވާ ހެދި ވެރިންނާ މެދު ފިޔަވަޅުއަޅާ ދައުލަތަށް ލިބޭ ގެއްލުމުގެ ބަދަލު އެމީހުންގެ އަތުން ހޯދަން ޖެހެއެވެ. 

ބަދަލު ހޯދުމުގެ ނިޔަތުގައި ސަރުކާރުގެ ވެރިންނާއި ގުޅިގެން ހިންގާ ޖަރީމާތަކަކީ ވެސް އޭގެ ވައްތަރެކެވެ. ދައުލަތުން ބަދަލު ހޯދުމަށް ހަމައެކަނި މިސަރުކާރުން ހިންގާފައިވާ ބައެއް ޖަރީމާތަކުން އެކަނިވެސް އެކަން އެހެރީ ފެންނާށެވެ. ރަސްމާލެ ހިއްކުމަށް ރާޖޫ ކުންފުންޏާއެކު ވެވުނު އެއްބަސްވުން ބާތިލު ކުރުމުން ލިބުނު ގެއްލުމުގެ ބަދަލުގައި ދައުލަތުން ގެއްލިގެން ދާނީ ކިހާ ބިމަކާއި ކިހާ ފައިސާއެއްކަން އަންދާޒާ ކޮށްލަންވެސް ނޭގެއެވެ. މިކަހަލަ އެތައް ކަމެއް މުއިއްޒު ސަރުކާރުގައިވެސް މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި ވަނީ ހިންގާފައެވެ.

ރާއްޖޭގެ ކަންކޮޅުތަކުގައި ފަށައިގެން ހިންގަމުން ދިޔަ އެތައް ޕްރޮޖެކްޓެއް ހުއްޓާލުމުން ނުވަތަ މެދުކަނޑާލުމުން ލިބުނު ގެއްލުމަށް ބަދަލުނުދީ ފަރުޖެއްސޭނެހެއްޔެވެ. ހިދުމަތް ހޯދާފައި އަގު ހޯދުމަށް ހުށަހެޅުމުން ފައިސާ ނުދައްކާ އެތައް އަހަރެއް ދުއްވާލުމުން އެކަމުން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން މީހުން އުޅޭނެއެވެ.

ގަސްތުގައި ނުވަތަ އިހުމާލުން ވިޔަސް ދައުލަތަށް ގެއްލުމުގެ ބަދަލުދޭން ޖެހޭ ސަބަބު މެދުވެރި ކުރާފަރާތަކަށް ފިޔަވަޅު އަޅާ އެމީހުންގެ އަތުން އެމީހުންގެ އަަތުން ދައުތަށް ގެއްލުމުގެ ބަދަލު ނުހޯދާހާ ހިނދަކު ދައުލަތުން ގެއްލުމުގެ ބަދަލު ދޭން ނުޖެހޭނެ ގޮތެއް ނުވާނެއެވެ.