ސަމާސާއެއް ނޫން - އެއްބިލިޔަންގެ ޑީލެއް

އެ ކިޔާ 30 މިލިއަނަށް ވުރެ މާބޮޑު ޑީލެއް : މޭޔަރ އާތިފު

ސަމާސާއެއް ނޫން - އެއްބިލިޔަންގެ ޑީލެއް

ކޮންމެ ބަޔަކު ރައީސް ނަޝީދު ދެކެވަޑަނަވާގޮތް ގަބޫލުކޮށް އެ މަނިކުފާނު ފަހަތްޕުޅުގައި ތިބޭނަމަ އެއީ ހުދުކާފޫރެވެ. ކިލައެއް މިލައެއް ހުންނަކަމަކަށް ނުވެއެވެ. އެހެނެއް ކަމަކު އެމަނިކުފާނުގެ ވިސްނުންފުޅާ ފުށުއަރާ އެ މަނިކުފާނާ ފެޔަށް ޖެހިއްޖެ ނަމަ އެދެން ނިމުނީއެވެ. އެ މީހަކު އެހުރީ ވިކިފައެވެ. ގަނެފައެވެ. އަޅުވެތިވެފައެވެ. ރައީސް ނަޝީދުގެ ފުރައްސާރައިގެ އޮއިވަރުގައި އެންމެ ފަހުން ޖެހުނީ ކުޅުދުއްފުށީގެ ސިޔާސީ އިސްބޭފުޅުން ތަކެވެ. މެންބަރު ޔާސިރާއި މޭޔަރު އާތިފާ އެނޫންވެސް ބައެއް ކައުންސިލަރުންނެވެ. އެމްޑީޕީގައި ފިސާރި ގަދަކޮށް ތިއްބެވި މި ބޭފުޅުންގެ ފުށުން ކުއްލިޔަކަށް ފެނިގެން ދިޔައީ ރައީސް ނަޝީދުގެ ދަ ޑިމޮކްރެޓްސް އަށް ސޮއިކުރެއްވި ތަނެވެ. އެމްޑީޕީއަށް އޮތް ކުޅުދުއްފުށީ ކައުންސިލްގެ މެޖޯރިޓީ ގެއްލުވާލި ތަނެވެ. އެފިޔަވަޅަކީ އެބޭފުޅުން އެޅުއްވި ހައްގު އެހަމެ ހިތްވަރުގަދަ ފިޔަވަޅެއް ކަމަށް އެދުވަހު ރައީސް ނަޝީދު ސިފަކުރައްވާ ސާބަސް ދެއްވިއެވެ. ޑީލަކަށް ވިކުމަކަށް ހަށި ވިއްކުމަކަށް އެކަމެއް ނުވިއެވެ. 

ދުވަސްކޮޅަކު ސަރުކާރާ ފެއަށް ޖެހިގެން ޑިމޮކްރެޓްސްގައި ތިބުމަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދެވަނަ ދައުރަކަށް ތާއީދު ކުރަން ނިންމުމަކީ ޑީލަކަށް ރައީސް ނަޝީދަށް ވެއްޖެއެވެ. އަމިއްލަ އެދުމުގައި އަމިއްލަ ޖީބަށް އެބޭފުޅުން ލިބި ވަޑައިގެން ހައްގުނޫން ވިޔަފާރިއަކަށް އެކަން ވެއްޖެއެވެ.

ރައީސް ނަޝީދުގެ ތުހުމަތަށް މޭޔަރު މުހައްމަދު އާތިފް ރައްދު ދެއްވީ ރައީސް ނަޝީދުގެ ބަހުރުވައިންނެވެ. އާތިފު ވިދާޅުވަނީ ދަ ޑިމޮކްރެޓިކް ދޫކުރައްވާ އެބޭފުޅުން އަލުން އެމްޑީޕީއާ ގުޅިވަޑައިގެން ގުޅިވަޑައި ގަތުމަކީ ޑިލަކަށް ވާ ނަމަ، އެއީ ކުޅުދުއްފުށީގައި އެއް ބިލިއަން ރުފިޔާގެ މަޝްރޫއުތައް ހިންގުމުގެ ޑީލެއް ކަމަށެވެ.  

މެމްބަރު ޔާސިރު އަބްދުއްލަތީފާއި ކައުންސިލްގެ ގިނަ މެންބަރުން އަލުން ސަރުކާރާ އެކު މަސައްކަތް ކުރަން ނިންމުމުގައި އަމިއްލަ މަންފާއަށްޓަކައި ކުރި އެއްވެސް ކަމެއް ނޯންނާނެ ކަމަށް މޭޔަރ އާތިފު ވިދާޅުވިއެވެ. ކައުންސިލުން ގޮތް ނިންމީ ރައްޔިތުންގެ ހައްގުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

"ދަ ޑިމޮކްރެޓްސް"ގެ ލީޑަރ އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެބޭފުޅުން އެމްޑީޕީއާ ގުޅުން އެއީ ވިޔަފާރި ޑީލެއް ކަމަށް ސިފަކުރައްވައިފައެވެ. އެ ތުހުމަތުތަކަށް ފުރަތަމަ ފަހަރަށް ރައްދު ދެއްވަމުން އާތިފް ވިދާޅުވީ ސަރުކާރާ އެކު ޑީލެއް ހެދީ ކުޅުދުއްފުށީ ރައްޔިތުންގެ ނަމުގައި ކަމަށާއި އެއް ބިލިއަން ރުފިޔާގެ މަޝްރޫއުތަކުގެ ޔަގީންކަން ލިބިފައިވާ ކަމަށެވެ. ރައީސް އިބޫއާ އެކު ޑީލެއް ހެދިކަމަށައި އެއީ ކުޅުދުއްފުށީ ރައްޔިތުންގެ ނަމުގައި ހެދި ޑީލެއް ކަމަށެވެ. ހެދި ޑީލަކީ އެ ކިޔާ 30 މިލިއަނަށް ވުރެ މާބޮޑު ޑީލެއް ކަމަށާއި ހެދި ޑީލްގެ އަގު އެއް ބިލިއަނަށްވުރެ މަތިވާނެ ކަމަށް މޭޔަރ އާތިފު ވިދާޅުވިއެވެ. އެބޭފުޅުން އެމްޑީޕީއަށް މިފަހަރު ބަދަލުވެ ވަޑައިގެން ވަޑައި ގަތުމުގެ ސަބަބުން ކުޅުދުއްފުއްޓަށް ލިބޭ މިންވަރު އެއް ބިލިއަނަށްވުރެ މަތިވާނެ ކަމަށް އާތިފް ވިދާޅުވިއެވެ. "އަޅުގަނޑުމެންނަށް އެ ޑީލަށް ނޫނެކޭ ނުބުނެވުން. އެ ޑީލަށް އަޅުގަނޑުމެން ނޫނެކޭ ބުނެފިއްޔާ އެ ވެވެނީ ކުޅުދުއްފުއްޓަށް ބޭވަފާތެރި،" އާތިފް ވިދާޅުވިއެވެ.