އިންޑިއާއިން ކުރިކަމަކީ ހަގީގީ ގައްދާރުން ސާބިތުކޮށްދިނުން.
އަމިއްލައަށް ބޮލާފޮށާ އެޅުމުންވެސް ޖަހަނީ އަތް!
އިންޑިއާ ސަރުކާރާއެކު މުއިއްޒު ސަރުކާރުން ސޮއިކުރާ އެއްބަސްވުމަކުން ރާއްޖޭގެ މިނިވަންކަމަށް އަސަރެއް ނުކުރާނެޔޯލައެވެ. ސިޔާދަތަށް އެއްވެސް އުނިކަމެއް ނާންނާނެ ޔޯލައެވެ. ގައުމިއްޔަތަށް ލޮޅުމެން ނާރާނެ ޔޯލައެވެ. އެކަން ކަށަވަރު ކޮށްދެނީ ގައުމީ ދިފާއީ ބާރުން ކަމަށް މުއިއްޒާއި ގައްސާނު ބުނެއެވެ. ކޮންމެ އެއްބަސްވުމެއްގައި ލިޔެފައިވާ ކޮންމެ ޖުމްލައަކީ ރާއްޖޭގެ ދިފާއީ ބާރުން ބަލާ އޭގައި ކުޑަވެސް ގޯހެއް ނެތްކަން ކަށަވަރު ކޮށްދީފައިވާ އެއްބަސްވުންތަކެ ކޯލައެވެ. ދިފާއީ ވުޒާރާއިން އެޕްރޫވް ކޮށްފައިވާ އެއްބަސްވުންތަކެ ކޯލައެވެ.
ވާހަކަ ކިހާ ރީތިހެއްޔެވެ. ޕީޕީއެމް- ޕީއެންސީ މީހުން އަމިއްލައަށް ބޮލާފޮށާއެޅުނު އިރުވެސް އެވަރެއް ނެތިގެން ޖަހަނީ އަތެވެ. ރައީސް ސޯލިހު ސަރުކާރުން އިންޑިއާ ސަރުކާރާއެކު ވެފައިވާ ހުރިހާ އެއްބަސްވުމަކީ މިނިވަންކަމާއި ސިޔާދަތާއި ސަގާފަތާއި ލެއްވިއްޔާ ލެއްވިހާކަމެއް ގެއްލޭގޮތަށް ވެފައިވާ އެއްބަސްވުންތަކެއް ކަމަށް ހަދައިގެން ބިރުވެރިކަން އުފެއްދިއެވެ.
އިންޑިއާއި އެކުގައި ކުރީ ސަރުކާރުން ވެފައިވާ އެއްބަސްވުންތަކުގައި ރާއްޖެއަށް ގެއްލުމެއް ވާވަރުގެ އެއްވެސް ކަމެއް ނުހިމެނޭކަމަށް ރާއްޖޭގެ ދިފާއީ ބާރުން އޭރު ކަށަވަރުކޮށްދިނެވެ. އޭރު އެކަން ކަށަވަރުކޮށް ދިނީ މުއިއްޒު ސަރުކާރުގެ ފުރަތަމަ ޗީފް އޮފް ސްޓާފް އަބްދުއްރަހީމެވެ. އޭރުވެސް ރާއްޖޭގައި ހަތިޔާރުއެޅި އިންޑިއާ ސިފައިން ނެތްކަން އެމްއެންޑީއެފުން ކަށަވަރުކޮށް ދިނެވެ. ޔޫޓީއެފް އެގްރިމަންޓާއި ހައިޑްރަގްރަފީ އެއްބަސްވުމުގައިވެސް ގޯހެއް ނެތްކަމަށާއި އެއިން ކޮންމެ ކަމެއްގައި އޮތީ އެމްއެންޑީއެފްގެ ގާބިލުކަން އިތުރުކުރުމާއި ރާއްޖެއަށް ރައްކާތެރިކަމާއި އަމާންކަން ކަށަވަރުވުން ކަމަށް އެމްޑީއެފުން ރައްޔިތުންނަށް އޮޅުން ފިލުވާދެމުން ގެންދިޔައެވެ.
ޖާހިލު ބޯހަރު ގައްދާރުން އޭރު އެކަން ގަބޫލު ކުރާކަށް ބޭނުމެއްނުވިއެވެ. ވެރިކަން ނުލިބޭހާ ހިނދަކު އޭރު ރާއްޖޭގައި ހިނގި އެއްވެސް ކަމަކީ ހާލާލު ކަމެއްކަމަކަށް އެ މީހުންނަކަށް ނުވިއެވެ. ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފައްދާ ނަފުރަތު އުފައްދައިގެން ވެރިކަން ބަދަލު ކުރުންނޫން އެހެން ކަމެއްވެސް އަދި ރަނގަޅު ގޮތެއް ވެސް އޮތްކަމަކަށް ނުވިޔެއެވެ.
ބާރާއި ފައިސާއަށް ފަތުވާ ވިއްކާ ގައްދާރު ސަލަފާއި، ނޫސްވެރިކަމުގެ ތޮފި އަޅައިގެން އުޅުނު ގައްދާރު ކުލީ ގަލަންތަކާއި ބަޑި ބޮޓުންނަށް އޭރަކު ސަލާމަތީ ބާރުން ކުރި އާދޭހުގެ އަޑެއް ނީވެއެވެ. ރައްޔިތުން ބިރުގެންނެވުމުގައި ހަށިވިއްކާ ސިޔާސީ މަރުމޯލުން ކީހާ ޅެން ފަރިއްސަށްވެ ކުރިންބުނި އެތި ކެންސަލް ވާނެކަމަކަށް އޭރަކު ނުވިސްނެއެވެ.
ގައުމުގެ ހަގީގީ ގައްދާރުންނަކީ ކޮންބައެއްކަން އިންޑިއާއިން މުއިއްޒު ގެންގޮސްގެން ދިވެހި ރައްޔިތުންނަށް ނިކަން ރަނގަޅަށް ސާފުކޮށްދީފިއެވެ. ދޮގުވެރިންނާއި ހިޔާނާތްތެރިންނާއި ހަގީގީ ގައްދާރުންނަކީ މުއިއްޒާއި މުއިއްޒުގެ އައުވާނުންކަން ދުނިޔެއަށް ސާބިތުމކޮށްދީފިއެވެ.