ވެރިކަމަށް އަރުވަން މަސައްކަތްކުރިޔަސް ވަޒީފާއެއް ނުދެވޭނެ: މުއިއްޒު
މުއިއްޒުގެ ސަޕޯޓަރުންނަށާ ވަޒީފާގައި ތިބި މުއައްޒަފުންނަށް ވަޒީފާ ކަށަވަރެއް ނޫން
މުއިއްޒު ވެރިކަމަށް އެރުވޭތޯ ހޭބޯ ނާރާ ބަޔަކު އެބަ މަސައްކަތްކުރެއެވެ. އެމީހުން އެ މަސައްކަތް ކުރަނީ ވަރަށް ފޮނި އުންމީދެއްގައެވެ. ފިސާރި މޮޅުތަކެއް ވާނެ ކަމަށެވެ. އެކަމަކު ކުރާނީ ކީއްހެއްޔެވެ. އެމޮޅެއް އެމީހުންނަށް ވާކަށް ނެތެވެ.
މުއިއްޒު ވެރިކަމަށް އައުމަށް ގިނަގުނަ ހޮޅި ވައުދުތައް ދަނީ ވަމުންނެވެ. މުއިއްޒު ވަމުންދާ ގިނަ ވައުދަކީ ޕީޕީއެމް މީހުނަށާއި މުއިއްޒު ވެރިކަމަށް ގެންނަން މަސައްކަތް ކުރާ އެހެން މީހުންނަށް މާޔޫސްކަމާ ހާސްކަން އިތުރުކޮށްދޭ ވައުދުތަކެކެވެ. ވެރިކަމަށް ގެންނަން މަސަކަތް ކުރެވުނު މޮޔަ އެ މީހުނަށް ހީވާނެ ހޮޅި ވައުދު ތަކެކެވެ.
މުއިއްޒު ވެރިކަމަށް އައުމަށްޓަކާ ރައީސް ސޯލިހުގެ ސަރުކާރާ ދެކޮޅަށް އެންމެ ބާރަށް ދައްކާ އެއް ވާހަކައަކީ ބޭނުންވާ ވަރަށް ވުރެ އިތުރަށް ވަޒީފާ އުފައްދައިގެން އެތައް ހާސް ބަޔަކަށް ވަޒީފާ ދީގެން އުޅޭ ވާހަކައެވެ. ބޭކާރު ގޮތުގައި އެތައް ހާސް ބަޔަކަށް މުސާރައާއި އިނާޔަތްތައް ދޭތީ ދައުލަތުގެ ހަރަދު ބޮޑުވެ މުސާރަ ނުދެވޭ ވަރަށް ދައުލަތް ދަރާފައިވާ ވާހަކައެވެ. ރަށްރަށުގައި މީހުނަށް ވަޒީފާ ދިން ދިނީނުން މަހަށް ދާނެ މީހުން ނެތި މަސްދޯނި ފަހަރު މަހަށް ނުފުރިފާ ތިބި ވާހަކައެވެ. ބޭކާރު ވަޒީފާ ތަކެއް ބަޔަކަށް ދިނުމުން ސަރުކާރުގެ ހަރަދުތައް ބޮޑުވެ ގައުމު ބަގުރޫޓް ވަމުންދާ ވާހަކައެވެ.
އެހާ ބޮޑު ބިރުވެރިކަމެއް ގައުމަށް ކުރިމަތި ވެފައި އޮތްކަމަށް ވާހަކަ ދައްކަމުން އެ ވާހަކަ ތަކާ ދިމާ އިދިކޮޅު ހޮޅި ވައުދެއް މުއިއްޒު ވަނީ ވެފައެވެ. މިސަރުކާރުން ވަޒީފާ ދިފައިހުރި އެއްވެސް މީހެއްގެ ވަޒީފާ ނުގެއްލޭނެ ކަމުގެ ވައުދެވެ. މި މޫސުމުގައި މި ސަރުކާރުން މީހަކު ވަޒީފައިން ވަކިކޮށްފިނަމަ އެ މީހަކަށް މުއިއްޒުގެ ވެރިކަމެއްގައި ވަޒީފާ ދޭނެކަމަށް ވާ ވައުދެވެ.
ނުކުޅަދާނަ ވަރަށް ބޭކާރު ގޮތުގައި މި ސަރުކާރުން މީހުނަށް ވަޒީފާ ދީފާ ތިބި ކަމަށް މުއިއްޒު ތަކުރާރުކޮށް ދަނީ ބުނަމުންނެވެ. އަނެއްކޮޅުން މުއިއްޒުގެ ވެރިކަމެއްގައި އެއިން އެއްވެސް މީހަކު ވަޒީފާއިން ވަކިނުކުރާނެ ކަމަށް އަޑަށް ބާރުލާފައި ތަކުރާރުކޮށް ބުނެއެވެ. އެހެން ކަމަށް ވާނަމަ ދަރަނިވެރިކަން އިންތިހާއަށް ގޮސް ދަރަނި އަދާކުރެވޭނެ ގޮތް ހުސްވެ ބަނގުރޫޓް ވަމުންދާ ކަމަށް މުއިއްޒުމެން ބުނާ ގައުމެއްގައި ބަޔަކު ވަޒީފާއިން ވަކި ނުކޮށް އިތުރު ބަޔަކަށް ވަޒީފާ ދެވޭނެ އެއްވެސް ގޮތެއް ނުއޮންނާނެއެވެ.
މިހާރު ވަޒީފާގައި ތިބި މީހުން ވަޒީފާ ބައިތިއްބައިގެން އެހެން ބަޔަކަށް ދެވޭނެ ވަޒީފާއެއް ސަރުކާރުގައި ނުއޮންނާނެއެވެ. މިހާރު ލިބޭ މުސާރައަށް ވުރެ ދެގުނަ ބޮޑުކޮށް ތިބި މީހުނަށް މުސާރަ ދޭން ވީ ވައުދާ ގުޅިގެން ހަރަދު ދެގުނައަށް ބޮޑުވެގެން ދާނެއެވެ. އެކަމަކު ސަރުކާރު ކުޑަކޮށް ހިންގުމުގެ ހަރަދު ކުޑަކުރަން މަތިމައްޗަށް މުއިއްޒު ދަނީ ވައުދު ވަމުންނެވެ.
މުއިއްޒު ބުނާ ކަހަލަ އިގުތިސާދުގައި ދަރަނިވެރިކަން ނޫން އެއްޗެއް ނެތް ސަރުކާރަކާ ހަވާލުވުމުން ވެރިކަމަށް ގެނަސްދޭން ގައިވީދުނު މީހުނަށް ދެވޭނެ ވަޒީފާއެއް މުއިއްޒަކަށް ނުއޮންނާނެއެވެ. އަމްދުން ވަޒީފާގައި ތިބި މީހުން ވަކިނުކޮށް ބައިތިއްބައިގެން ވެރިކަން ހޯދަދޭން މަސައްކަތް ކުރިމީހުނަށް އަނެއްކާ އިތުރު ވަޒީފާތައް ދެވޭނެ އެއްވެސް ގޮތެއް ނުއޮންނާނެއެވެ. ވެރިކަމަށް ގެންނަން މަސައްކަތް ކޮށްދިން މީހުނަށް ވަޒީފާތަކެއް ދީފިނަމަ މުއިއްޒުމެން ބުނާގޮތުން ދައުލަތް ބޮކިޖަހާފާ ދާނީ އަޑިއަށެވެ. ވެރިކަމަށް އައިސް ކުޑަކުރަން ބުނާ ސަރުކާރު ބޮޑުވެގެން ގޮސް ފުއްޕާހަމެއް ގޮތަށް ފުފި އެންމެ ފަހުން ދާނީ ފަޅައިގެނެވެ. ވެރިކަން ހޯދަދޭން މަސައްކަތް ކުރި އެންމެން ތިބޭނީ ވަޒީފާ ނުލިބި މަގުމަތީގައެވެ.
ކަންކަން ހުރި ގޮތަށް ބަލާއިރު މިހާރު ވަޒީފާގައި ތިބި ގިނަ ބަޔަކަށް މުއިއްޒުގެ ވެރިކަމެއްގައި ވަޒީފާ ނުގެއްލޭނެކަމުގެ އެއްވެސް ޔަގީން ކަމެއް ނެތެވެ. ވަޒީފާގައި ތިބި މީހުނަށް ވަޒީފާގެ ޔަގީންކަން އޮތިއްޔާ ވެރިކަމަށް ގެނެސްދޭން މަސައްކަތް ކުރާ ގިނަ ބަޔަކަށް ވަޒީފާ ލިބޭނެ ކަމުގެ ޔަގީން ކަމެއް ނުއޮންނާނެއެވެ.
ގައުމާ ރައްޔިތުންނަށް މިހާރަށް އޮތް އެންމެ ހެޔޮ ރަނގަޅު ގޮތަކީ ދައުލަތް ބަނގުރޫޓް ނުވާނެ ކަމުގެ ޔަގީން ކަން ދެއްވާ ރައީސް ސޯލިހަށް އިތުރު ދައުރެއް ދިނުމެވެ. ވަޒީފާގައި ތިބި މީހުން ވަޒީފާއިން ވަކިނުވެ ތިބެވޭނެ ކަމަށް އޮތް ޔަގީން ކަމަކީ އެއެވެ. ގައުމުގެ ހާލަތު އަލުން ދަސްކުރަން ނުޖެހޭނީ އޭރުންނެވެ. ގެނެވޭ ބަދަލަކުން އިގުތިސާދަށް ލޮޅުމެއް ނާރާނީ އޭރުންނެވެ. ރޭވި ތަރުތީބުވެފަވާ ގޮތަށް ގައުމު ހަމަ މަގަށް އެޅުވޭނީ އޭރުންނެވެ. ވަޒީފާ ނުގެއްލި ވަޒީފާ ދެމިއޮންނާނެކަމުގެ ޔަގީންކަން މުއައްޒަފުންނަށް އޮންނާނީ އޭރުންނެވެ.