ބަދަލުކުރަންވީ ނިޒާމެއްނޫން - ހުއްޓުވަންވީ އެއްބަޔަކު މަޖިލިސް ކޮންޓްރޯލުކުރުން!

ރާއްޖޭގައި ކޮރަޕްޝަނާ ފަސާދަ އާއްމުވެއްޖެއެވެ. ހުދުމުހުތާރު ވެރިކަމަކަށް ދައުލަތް ހިންގުން ދަނީ ފުރޮޅެމުންނެވެ. ޑިމޮކްރެޓިކް ހަމަތައް ގެއްލި ބޭއިންސާފު އާއްމު ވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހާއި މިނިވަން މުއައްސަސާތަކާއި ފަނޑިޔާރުގެ އަކީ ރައީސް މީހާގެ ޕަޕެޓުންނަށްވެ ނިމިއްޖެއެވެ. މިހެން މި ދިމާވަނީ ވެރިކަންކުރާ ނިޒާމުގެ ވައްތަރުން ހެއްޔެވެ. ރިޔާސީ ނިޒާމަކުން ބަރުލަމާނީ ނިޒާމަކަށް ވެރިކަން ހިންގުން ބަދަލުކޮށްލައިފިނަމަ އެމޭރުމުން ކަންކަން ހިގުން ހުއްޓޭނެހެއްޔެވެ.
ބަރުލަމާނީ ނިޒާމުގައި ވެރިކަން ހިންގާނީ ޕާލަމެންޓްގެ މެޖޯރިޓީ ލިބޭ ބައެކެވެ. ސާފު މެޖޯރިޓީ އެއްބަޔަކަށް ނުލިބިއްޖެނަމަ އުފައްދަން ޖެހެނީ ކޯލިޝަން ސަރުކާރެކެވެ. ވެރިކަމުގައި ދެމި ތިބުމަށްޓަކައި ކޯލިޝަން ސަރުކާރުގައި މައިނޯރިޓީ ޕާޓިއަށް ކޯލިޝަންގެ މެޖޯރިޓީ ޕާޓީ ކޮންޕްރަމައިޒް ވާން ޖެހެއެވެ. މިފަދަ ހާލަތުގައި ވެރިކަން ވެއްޓުމާ ނުވެއްޓި އޮތުމުގެ ބާރު އޮންނަނީ މައިނޯރިޓީ ޕާޓީ އަތުގައެވެ.
ޕާލަމަންޓެއް އޮންނަނީ ގާނޫނުތައް ހަދާ ސަރުކާރު ޖަވާބުދާރީ ކުރުވާ ޗެކް އެންޑް ބެލެންސް ހިފެހެއްޓުމަށެވެ. ޕާލަމަންޓަކީ ސަރުކާރު ހިންގަން އޮންނަތަނެއް ނޫނެވެ. ރާއްޖޭގައި މިހާރުވެސް ދިމާވެގެން މިއުޅޭ ކަމަކީ ވެރިކަން ކުރާ ޕާޓީއަށް ހައްދެއް ނެތް މިންވަރަށް މަޖިލީހުގެ ކޮންޓްރޯލު ލިބުމެވެ. ރައްޔިތުންގެ މަޖިލިހަކީ ރައީސްގެ ގޮނޑިކޮއްކޮ އަކަށްވުމެވެ. ސަރުކާރު ހިންގާ މީހުން ސަރުކާރު ޖަވާބުދާރީ ކުރަން ތިބުމެވެ.
ބަރުލަމާނާ ސަރުކާރު އެއްވެ ހިތުހުތިގޮތަކަށް ގާނޫނު އަސާސީއާއި ކުޅެވޭވަރަށް ސަރުކާރު ހިންގާ ޕާޓީއަށް ރައްޔިތުންގެ މަޖިލީހުގެ ކޮންޓްރޯލް ލިބުމުން ނުވެނުދާނެގޮތް ރާއްޖެއަށް މިހުރެދަނީ ވަމުންނެވެ. މިނިވަން މުއައްސަސާއަކުން ފަނޑިއާރުގެއިން ހަމަޔާ އިންސާފު އަރުއްވައިގެންފައި ވަނީ ރައްޔިތުންގެ މަޖިލިސް ސަރުކާރުގެ މުށުތެރޭގައި އޮތުމުންނެވެ.
ރާއްޖެއަށް ދިމާވެގެން އުޅެނީ ވެރިކަންކުރާ ނިޒާމުގެ މައްސަލައެއް ނޫނެވެ. ދިމާވެގެން އުޅެނީ ހައްދެއްނެތް މިންވަރަށް ރައްޔިތުންގެ މަޖިލީސް އެއްފަރާތަށް ބުރަވުމުގެ މައްސަލައެވެ. ހައްދެއް ނެތްވަރަށް އެއް ބަޔަކަށް މަޖިލީހުގެ ކޮންޓްރޯލު ލިބުމުން ދައުލަތް ބޮލާއެޅުމުގެ މައްސަލައެވެ. ސަރުކާރު ހިންގާ ޕާޓިއަށް މަޖިލީހުގެ ކޮންޓްރޯލް ހިފެހެއްޓުމެއް ނެތި ލިބުމުން ވާނެގޮތް މިހާރު މި ފެންނަނީއެވެ. އަނެއްކޮޅުން ވާދަވެރި އިދިކޮޅަށް މަޖިލީހުގެ ސްޕަރމެޖޯރިޓީ ލިބުނަސް ދައުލަތް ހިންގުން ސަރުކާރަށް ވާނީ މުސީބާތަކަށެވެ. ކުރަންޏާ ކުރަން އޮތްހާވެސް ކަމަކީ ހައްދެއް ނެތް މިންވަރަށް އެއްބަޔަކަށް މަޖިލީހުގެ ކޮންޓްރޯލް ނުނެގޭނެ ގޮތެއް ހޯދުމެވެ.