ރައްޔިތުން ދޭ މެޖޯރިޓީއެއް މުއިއްޒަކަށް ބޭނުމެއް ނުވާނެ!
މެޖޯރިޓީ މުއިއްޒު ހޯދަން އުޅެނީ ރައްޔިތުންނަށް ހެވެއް އެދިގެނެއްނޫން
ވެރިކަމެއް ލިބިގެން މީހަކު އުޅޭނެ އެންމެ ހުތުރުކޮށް އުޅެން ދިމާކުރި ވެރިއަކީ ޑޮކްޓަރ މުއިއްޒެވެ. ސިޔާސީ ގޮތުން ކުޑަވެސް ބާރުވެރިކަމެއް ނެތް އިރުވެސް ގަދަބަސް ބުނާވަރު އެބަފެނެއެވެ. މަޖިލީހުގެ މެޖޯރިޓީ ޕާޓީއަށް ފުރައްސާރަ ކުރުމާއި ގަދަކަން ދެއްކުމުގައި ބުއްދި އިސްކުރުމުގެ ކަންފުޅެއްވެސް މުއިއްޒުގެ ކިބާގައި ނުވެއެވެ. ވެރިކަމުގެ ގޮނޑީގައި ދެންމެ ދެންމެ ވެއްޓިދާނެ ކަމުގެ ބިރުގައި މޭކަރަކަރާ އިންނަ އިރުވެސް ކަމަކީ ފުއްޕުމެވެ.
މުއިއްޒަށް ވެރިކަން ލިބުނީ ފޮޓޯގަނޑަކާއި ހުސް ގޮނޑިއެއްގެ ބާރުގައެވެ. މީހެއްގެ ހިޔަނީގައެވެ. އެމީހާ މިއަދު މުއިއްޒާ އެކަކު ނެތެވެ. މުއިއްޒާއެކުގައި ރައިސް ޔާމީނު ނެތަސް ރައީސް ޔާމީނުގެ ހުރިހާ ސަޕޯޓަރުން މުއިއްޒާ އެކުގައި ތިބިއްޔޭ ހީވަނީ ހެއްޔެވެ. އެ މީހުންނެއް މުއިއްޒާ އެކުގައި ނެތެވެ. ބައެއްގެ ތާއީދަކީ ރެއަކަށް އިރު އޮއްސި އަރާއިރަކަށް ބަދަލުވާއެއްޗެއް ނޫނެވެ. ވެރިކަމުގައި ހުރީތީ އެކީގައި ތިބި ގިނަ މީހުންނަކީ ޒާތީ މަސްލަހަތަކަކަށްޓަކާ އެކުގައި ތިބި ބައެކެވެ. ބައެއްގެ ހިތުލޯބި ހޯދަން ލައްކަ ވަގުތު ނަގާނެއެވެ.
ސިޔާސީ ގޮތުން ތަސައްރަފު ފުދިފައިވާ ބޮޑު ޕާޓީއަކާ ޖައްސާލާއިރު އެމީހުންގެ އެންމެ ފުއްޓަތްކަކުން ބުރައިގެން ދާހާ ބަލިކަށިކޮށް ހުރެ ގަދަކަން ދައްކަނީ ތޮބީއަތުގައި ހުންނަ ގޮތް ދޫނުކުރުމާއި ހަރުކަށިކަމާއި ބޮޑާކަމެއްގެ ސަބަބުންކަން އެނގެއެވެ. ރައްޔިތުންނަކަށް ކޮންމެހެން އެއްބާރުލުން ދީގެން މުއިއްޒު ލައްވާ ސަރުކާރު ހިންގުން ލާޒިމެއް ނޫނެވެ. މުއިއްޒު ވެރިކަމަށް އެރުވި ގޮތަށް މުއިއްޒު ވެރިކަމުން ބޭލުމަކީވެސް ރައްޔިތުންނަށް އޮތް އިހުތިޔާރެކެވެ. މުއިއްޒު ނޫނަސް ރާއްޖޭގައި މީހުން އެބަތިއްބެވެ.
ރައްޔިތުންގެ މަޖިލީހުގައި މުއިއްޒުގެ ބާރުވެރިކަން ނެތުމުން ބާރު ހޯދަން މުއިއްޒު ކަންކުރާނެ ގޮތް އެންމެނަށް ވެސް އެނގެއެވެ. ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވަކިބަޔަކު މަޖިލީހަށް ހޮވުމަށް މުއިއްޒަށް ރައްޔިތުން އެއްބާރުލުން ދިނުމުގެ އޮތީ ކޮން ބޭނުމެއް ހެއްޔެވެ. ރިޝްވަތަށް ފައިސާދީގެން ހަށިވިއްކާ ބަޔަކު ގަނެލީމާ ނިމުނީތާއެވެ. ރައްޔިތުންގެ އެއްބާރުލުން ހޯދާ ވާހަކަ މުއިއްޒު ދެއްކުމުގެ މާނައެއް ނެތެވެ.
އެހެން ނޫނަސް ރައްޔިތުން ދޭ މެޖޯރިޓީއެއް މުއިއްޒަކަށް ބޭނުމެއް ނުވާނެއެވެ. އަތުގައި މަޖިލީހުގެ އެއްވެސް ބާރެއް ނެތްއިރުވެސް މުއިއްޒު ކުރަނީ ކުރާނެ ކަމެކެވެ. ގާނޫނީ ހަމައަކަށް އުސޫލަކަށް ބެލުމެއް ނެތެވެ. މަޖިލީހުގެ މެޖޯރިޓީ ކޮންޓްރޯލް މުއިއްޒަށް ލިބެއްޖެނަމަ ހުދުމުހުތާރު ވުމުގައި މުގާބޭއެއް ނަތަންޔާހޫއެއް ހުވަނދަކަށްވެސް ނުވާނެއެވެ. ހަރުކަށި ހައްދު ފަހަނައެޅި ގައުމިއްޔަތުގައި އަވަށްޓެރި ގައުމުތަކާ ހަނގުރާމަ އިއުލާނު ކުރާކަށްވެސް ފަހަކަށް ނުޖެހޭނެއެވެ.