ގާސިމަށް ވެރިކަމުން ބައިނުލިބޭނެ ފަސްއަހަރު

ކޯލިޝަން ހަދަނީ އެކަނިމާ އެކަންޏަށް ވެރިކަމެއް ހޯދޭވަރު ނުވާތީ

ގާސިމަށް ވެރިކަމުން ބައިނުލިބޭނެ ފަސްއަހަރު

ސިޔާސީ އިސްލާހީ ހަރަކާތުގެ ނަމުގައި ކޮންމެވެސް ބަޔަކު ކޮންމެވެސް ފެންވަރެއްގައި އަބަދުވެސް ކުރެއެވެ. އެކި ފަހަރު އެކި ނަމުގައެވެ. ކޮންމެ އިސްލާހީ ހަރަކާތަކާއެކު ބަދަލުތަކެއް އައުދެއެވެ. ހެޔޮބަދަލާއި ނުބައި ބަދަލެވެ. ހަރަކާތުގެ ކުޑަބޮޑު މިންވަރުން ނެރެވޭ ނަތީޖާވެސް ތަފާތެވެ.

ވެރިކަން ހޯދުމަށް ގިނަ ބައެއްގެ ތާއީދު ހޯދުމަށާއި ބާރުވެރިކަން ދަމަހައްޓަން ބައި ބޮޑުކުރެއެވެ. ވެރިކަން ލިބުމުން ދޭނެއެއްޗަކާ ކޮށްދޭނެ ކަންކަމުގެ ވާހަކަ ދައްކައެވެ. ޕާޓީ ހަދައިގެން މެންބަރުން ގިނަކޮށް ޕާޓީގެ ހަރަކާތްތައް ހިންގާ ބޮޑުކުރަނީ ވެރިކަން ހޯދުމަށެވެ. އެކި ސިފަސިފަގައި އެކި ނަންނަމުގައި ކޯލީޝަން ހަދަނީވެސް އެބޭނުމުގައެވެ. އެކަނިމާ އެކަންޏަށް ވެރިކަމެއް ހޯދޭވަރު ނުވާތީއެވެ. 

ވައުދާއި އަހުދާއި މެނިފެސްޓޯއަކީ ވެސް ވެރިކަން ހޯދުމަށް އަޅާ ފާލަމެވެ. ރައީސް ނާސިރާއި ރައީސް މައުމޫނު މެން ގިނިކަންޏާ ވެރިކަމަށް ކުރިމަތި ލެއްވި ދުވަސްވަރު ވެސް ވޯޓު ހޯއްދެވުމަށް ވައުދާއި އަހުދުވެއެވެ. ބިންގާ އަޅާ ކަޑަޖަހައެވެ. ތަފާތަކީ މިހާރުހެން ވާދަވެރި އެހެން މީހަކު ފެންނަން ނެތުމެވެ.

އީވާން ނަސީމްގެ މަރަށް ފަހު ރާއްޖޭގެ ސިޔާސީ ނާރެސް ބަދަލުވެގެން އައީ ހަމަ ހުރެފައެއް ނޫނެެވެ. މަލްޓިޕާޓީ ޑިމޮކްރަސީގެ ނަމުގައި ދިގު ތިރީސް އަހަރުގެ ވެރިކަން ފުރޮޅާލުމަށް ތަފާތު ފިކުރުގެ އެތައް ބަޔަކު ހިންގި އިސްލާހީ ހަރަކާތް އެއްގައު ކުރުވި ނަމަކީ އެމްޑީޕީއެވެ. ވެރިކަމުގެ ބޭނުން އޮވެ އެ ބޭނުމަށް މަސައްކަތްކުރުވި އެންމެން އެއްބަސްވާ އެއްފިކުރު ކަމަށްވާ ބަދަލުގެ ފިކުރުގެ ނަމަކީ އެމްޑީޕީއެވެ.

ވެރިކަން ބަދަލު ކުރުމަށްޓަކާ އެމްޑީޕީ އުފެދުމުން ވެރިކަން ދެމެހެއްޓުމަށް ޑީއާރުޕީ އުފަންކުރީ ވެރިކަމުގައި މައުމޫނު ވެސް 30 އަހަރު ހުންނެވީ އެކަނި ނޫން ކަމާއި ބައިބޮޑުކަމާއި އަސްލު ސައިޒް ދެއްކުމަށެވެ.

އިސްލާހީ ހަރަކާތުގެ ކޮއްތުދަރާ ބޯފެނަކީ ގާސިމު ކަމަށް ހެދިގެން ހަރަދު ބަރަދު ސުމާރެއް ނެތި ކުރީ ގައުމަށް ހެވެއް އެދިގެނެއް ނޫނޭ ބުނެވެހާވެއެވެ. އޮގަސްޓް 12،13ގެ ޖަލުގޮޅިން ޑީއާރުޕީގެ ނައިބު ލީޑަރަކަށް ބަދަލުވެ ޑީއާރުޕީގެ ތެރޭގައިހުރެ މައުމޫނުގެ ވަރަކޮށާލީ ވެސް ގާސިމެވެ. އަމިއްލަ އަތް މައްޗަށް ވެރިކަން ފިރުކާލުމުގެ ބޭނުމުގައެވެ. 

މައުމޫނުގެ ވެރިކަމަށް 27 އަހަރު ވުމަށްފަހު ބާރުތައް މަޑުމަޑުން ދޫވަމުން އައި ތަންވަޅު ބަލާ މައުމޫނުގެ ހިޔަނިން ވެރިކަމުގެ ބާރު އަތްމައްޗަށް ކަހާލަން ބޭނުންވީ އެންމެން މައުމޫނު ގެ ޑީއާރުޕީގެ ތެރޭގައި އޭރު ރުކުރުވާލާފައި އޮތުމުން އެތަނަށް ވަދެ ޑީއާރުޕީ ފުނޑާލިއެވެ. ޔާމީނަށް ޕީއޭ ހެދުމަށް މަޖުބޫރު ކުރުވިއެވެ. މޮނާޒާ ނައީމް ލައްވާވެސް ޕާޓީއެއް ހެދުވީއެވެ. އޭޑީކޭ ނަޝީދު ލައްވާ ޖުމްހޫރީ ޕާޓީ އުފެއްދިއެވެ. ބޭނުމަކީ ގާސިމް އިބްރަހީމްގެ ވެރިކަމެއް ނުވަތަ ގާސިމްގެ ގޮނޑިކޮއްކޮ ވެރިކަމެއް ބޭއްވުމެވެ. 

2008ގެ ބަދަލުގެ ވަގުތުގައި ދެވަނަ ބުރުގައި އެންމެން ފެނުނީ ވަތަން އެދޭ ކޯލިޝަންގައި ތިއްބައެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ނަޝީދާއި ރަނިންމޭޓް ޑރ. ވަހީދަށް ބައިއަތު ހިފައިގެންނެވެ. އިސްލާހީ ހަރަކާތުގައި އުޅުނު ތަފާތު ފިކުރަށް ތަފާތު ނަންދީގެން ވަކިވަކީން ތިބެފައެވެ. ހީކުރި ގޮތަށް ގާސިމަށް ވެރިކަން ލިބޭގޮތް ނުވެ ގާސީމަށް އަބަދުވެސް ވާންޖެހެނީ ވެރިކަން ހޯދާދޭ މީހާއަށެވެ.

އަންނަ ފަސްއަހަރަކީ ވެރިކަން ހޯދާދޭމީހާއަށް ވެރިކަން ނުލިބި ވެރިކަމުން ބައިނުލިބޭނެ ފަސް އަހަރަށެވެ. ފުރަތަމަ ބުރުން ވެރިކަމަށް ރައީސް ސާލިހު ނޫނީ ރައީސް ޔާމިނު އަޔަސް ގާސިމަށް ވެރިކަމުގެ ބޯކިބާލުގެ މަތި އެނދި ކުރަކޮޅެއްވެސް ނުލިބޭނެއެވެ.