ކޮރަޕްޓް މުއިއްޒުގެ މައްސަލަތައް ކޮރަޕްޓް އޭސީސީން ނުބަލާނެ!

2012 ފެބްރުއަރީ މަހުގެ މެދުތެރެއިން ފެށިގެން 2018 ގެ ނޮވެމްބަރ 17 އަށް ރާއްޖޭގެ ހައުސިންގ މިނިސްޓަރަކީ މ. ދިމްޔާތު މުހައްމަދު މުއިއްޒެވެ. އޭނާގެ ހައުސިންގ މިނިސްޓަރކަމަށް ފަހުވެސް 7 އަހަރުވާން ދަނީއެވެ.
އޭގެފަހުން މާލެސިޓީ މޭޔަރުކަންވެސް މުއިއްޒުކޮށްފިއެވެ. މުއިއްޒު އިސްވެހުރެ މާލެސިޓީ ކައުންސިލްގައި ވެސް ކޮރަޕްޝަނާއި ހިޔާނާތާއި ފަސާދައިގެ އެތައް ކަމެއް ވަނީ ހިންގާފައެވެ. މުއިއްޒު ހައުސިންގ މިނިސްޓަރ ކަމާއި މޭޔަރުކަމުގައި ހިންގާފައިވާ މައްސަލަތައް އޭސީސީގައި ފުނިޖެހިފައި ހުރި ގޮތަށް ހުރީއެވެ. ބެލުނުކަމެއް އެޅުނު ފިޔަވަޅެއް އޭސީސީއަކަށް ނެތެވެ.
ފަސާދައާއި ކޮރަޕްޝަނުން ތަތްތެޅިފައިހުރި މުއިއްޒު މިއަދު އެހުރީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގައެވެ. ވެރިކަމަށް އައުމަށާއި ވެރިކަމަށް އައުމަށް ފަހުވެސް ފާޅުގައި ކޮރަޕްޝަނާއި ފަސާދަ އެހުރެދަނީ ހިންގަމުންނެވެ. ވަޒީރުކަމާއި މޭޔަރކަމާއި ރައީސް ކަމަކީ އެންމެ ހަޔާތްކުޑަކޮށް އެންމެފާޅުގައި ކޮރަޕްޝަން ހިންގާ މީހަކަށް ނޫނީ ނުކުރެވޭ ކަމަކަށްވެ ނިމިއްޖެއެވެ.
ވާނީ އެހެންތާއެވެ. ހައުސިންގ މިނިސްޓަރ ކަމުގައި ހުރެގެން މިލިޔަން މިލިޔަން ޑޮލަރުން ކޮރަޕްޝަނާއި ހިޔާނާތް ހިންގުމުންވެސް އެޅި ފިޔަވަޅެއް ލިބުނު އަދަބެއް ނެތެވެ. ކުށެއް ބުށެއް ނެތް މީހަކަށް ވެގެން މާލޭ މީހުން މޭޔަރުކަމަށް ވެސް މުއިއްޒު ހޮވީއެވެ. ވަޒީރުކަމާއި މޭޔަރުކަމުގެ ކޮރަޕްޝަންތަކާއި ހިޔާނާތް މަތިމައްޗަށް ހުއްޓާ ރައީސުލްޖުމްހޫރިއްޔާ ކަމަށް ހޮވާދީ ކުރިއަށްވުރެވެސް ބޮޑަށް ހިޔާނާތްތެރިވެ ކޮރަޕްޝަން ހިންގޭ ގޮތް ހަދާދިނީއެވެ.
އެހެން ނުވާންވީ އެއްވެސް ސަބަބެއް ނެތެވެ. މުއިއްޒުގެ މައްޗަށް ސާބިތުވެފައިވާ ކޮރަޕްޝަނެއް ހިޔާނާތެއް އޮތީއެއް ނޫނެވެ. ނުއޮންނާނެތާއެވެ. ކޮރަޕްޝަނާއި ފަސާދަ ނައްތާލަން މާތް ކަލާނގެ ގަންދީ ހުވާކޮށްގެން ތިބެ އެންޓިކޮރަޕްޝަން ކޮމިޝަނުން ކޮރަޕްޝަން ނައްތާލުމަށް ކުރާކަމެއް ހަރާމުން ހަރާމެވެ. އެކި ނަންނަމުގައި ދައުލަތުގެ ބަޖެޓުންނާއި ބައިނަލް އަގުވާމީ އިދާރާތަކުން ބޮޑެތި ފަންޑު ހޯދައިގެން އެކި ޕްރޮގްރާމް ހިންގުމުގެ ނަމުގައި ފައިސާ އެނބުރުންނޫން ކަމެއް އެންޓިކޮރަޕްޝަން ކޮމިޝަނުން ނުކުރެއެވެ.
ކޮރަޕްޝަން ނައްތާލުމަށް އޭސީސީން ބޮޑެތި ހޭދަ ކުރިކުރިހެން ކޮރަޕްޝަން އިތުރުވެފައި ވަނީ ބޮޑެވެ. އެންޓިކޮރަޕްޝަން ކޮމިޝަން އޮތީ ކޮރަޕްޝަނުން ފޯވެފައެވެ. މަގާމު ގެއްލިދާނެކަމުގެ ބިރުގައި ފިތިފައިތިބި ކޮރަޕްޓް ކޮމިޝަނަކުން ރައީސް މުއިއްޒުގެ ކޮރަޕްޝަންގެ މައްސަލަތަކެއް ނުބަލާނެއެވެ. ނުބެލޭނެއެވެ.
މުއިއްޒުގެ ކޮރަޕްޝަން މައްސަލަތައް ފައިލެއް ނުކުރަމޭ އޭސީސީން ބުނުމަކީ މުއިއްޒުގެ ކޮރަޕްޝަން މައްސަލަތައް ބަލާކަން ދަލީލުކުރާ ކަމެއް ނޫނެވެ. ކޮރަޕްޓް މުއިއްޒުގެ މައްސަލަތައް ބެލުމުގެ ހިތްވަރެއް ކޮރަޕްޓް އޭސީސީގައި ނުހުންނާނެއެވެ.