މުއިއްޒުވީ ވައުދު ނުފުއްދަން މަސްވެރިންނާއި މަސްދޯނިތައް ނައްތާލަނީ؟؟

މުއިއްޒުވީ ވައުދު ނުފުއްދަން މަސްވެރިންނާއި މަސްދޯނިތައް ނައްތާލަނީ؟؟

އިހުތިޖާޖު ކުރުމުގެ ހައްގަކީ ބޮޑެތި އަނިޔާ ތަހައްމަލުކޮށްގެން އެމްޑީޕީން ރައްޔިތުނަށް ހޯދާދީ ކަށަވަރު ކޮށްދީފައިވާ އަސާސީ ހައްގެކެވެ. ކަށަވަރު ކޮށްދީފައިވާ އަސާސީ ހައްގު ހަނިކޮށް އިހުތިޖާޖުކުރުން ހުއްޓުވާތަން ބަލާކަށް އެމްޑީޕީއެއް ނުއޮންނާނެއެވެ. 

ދިވެހިންނަށް އެމްޑީޕީން ހޯދަދިން އިހްތިޖާޖު ކުރުމުގެ ހައްގަށް އަރައިގަތުމަކީ ޑިމޮކްރެޓިކް ނިޒާމަށް ރައީސް މުއިއްޒު ކުފޫހަމަނުވާ ކަމުގެ ދަލީލެކެވެ. ދިވެހީންގެރާއްޖޭގައި ރައީސް މުއިއްޒަށް ދިވެހި މަސްވެރީންގެ އަޑުއެހުމުގެ ގާބިލުކަން ނެތްނަމަ ހޮޅި ވައުދުވެ ހޮޅިހޮއްލަން ނުހަދާށެވެ.

އިހުތިޖާޖު ކުރާ މަސްއޮޑި ފަހަރުގައި ބޭރުމީހުން ތިބިކަމަށްބުނެ މަސްއޮޑި ފަހަރު ރަހީނުކޮށް ހެދިއިރު މަސްވެރިކަމުގެ މަސައްކަތުގައި ބޭރުމީހުން އުޅުމަށް މަނާކުރާ ގާނޫނެއް ނެތެވެ. މަސްވެރިން ކުރާ އިހުތިޖާޖެއްގައި ބޭރު މީހުނަށް ބައިވެރިވުން މަނާކުރާ ހަމައެއްވެސް ނެތެވެ. 

އަނިޔާވެރިކަމާއެކު އިހުތިޖާޖް ރޫޅާލަން ކަން ކުރެވުނުގޮތް ހަލާލުކުރަން ޢާއްމު އުދަގުލޭ ބޭރު މީހުންނޭ ކިޔާނެކަމެއް ނެތެވެ. ބޮޑު ކަންނެލި މަސްވެރިން ބާނާހާ މަހެއް ކިލޯއެއް 80ރ އަށް ވުރެ ދަށްނޫން އަގެއްގައި ގަންނާނެކަމަށް މުއިއްޒު ވައުދުވީ ކާކު ބުނެގެން ހެއްޔެވެ. ވެރިކަމަށް އަންނަ މަސްވެރިންނަށް ހޮޅިވައުދު ވެގެން ވެރިކަން ހޯދާ ދެ އަހަރުވެގެން ދިޔައިރުވެސް ވައުދު ނުފުއްދީމާ މަސްވެރިންގެ ރުޅިމަޑެވެ. 

މަސްވެރިކަން އިނދަޖައްސާލާ ހައްގުތައް ގެއްލުވާލާފައި އޮތްކަމަށް ގޮވަމުން ވެރިކަމަށް އައިސް ދެ އަހަރު ނުވަނީސް މުޅި މަސްވެރިކަމުގެ ސިނާއަތް ފުނޑުފުނޑު ކޮށްލައިފިއެވެ. ޑައިވަރަކަށް މަސްވެރިކަމާބެހޭ ވަޒީރުކަން ދިނުމުން އެ ވަޒީރު، ދެ އަހަރުވީ އިރުވެސް އުޅެނީ އަޑީގައެވެ. މަސްވެރިކަމުގެ ސިނާއަތަށް އެއްވެސް ހެޔޮބަދަލެއް ނައިތާ އިތުރަށް ދިޔައީ ގޯހުން ގޯހަށެވެ. 

އިހުތިޖާޖްކުރާ މީހުން ހުއްޓުވަން ފުލުހުން ފޮނުވައިގެން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް އިހުތިޖާޖު ރޫޅާލުމަކުން ވައުދު ފުއްދުނު ކަމަކަށް ނުވާނެއެވެ. ރަށްރަށުގައި ތިބިހާ ބަޔަކަށް ސަރުކާރުން ވަޒީފާދީގެން ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ފުޑާލަން މަސައްކަތް ކުރަމުން މިހާރު އެދިމާކުރީ ދޯނި ފަހަރު މަހަށް ފުރުވުން ހުއްޓުވާން ދޯނިފަހަރާއެވެ. މަހަށްދާނެ މަސްވެރިއެއް މަސްވެރިކަން ކުރާ ދޯންޏެއް ނެތި ފުއްދާނެ ވައުދެއް ނޯންނާނެތާއެވެ.