ނަމުން ޑިމޮކޮރެޓްސް ކަމުން ކަލްޕްރިޓް

ޑިމޮކްރަސީގެ ނަމުގައި ކުރާނީ ޑިކްޓޭޓެ

ނަމުން ޑިމޮކޮރެޓްސް ކަމުން ކަލްޕްރިޓް

" ނަނާ ހުވަފެން ދުށީމޭ ބާރަކާ މީހަކުގެ ނުމެލާ އާރަކަށް މާމުއި ފެތޭތީ" އެވެ. ހުވަފެން ދުށުމަކީ ގޯހެއް ނޫނެވެ. އަމްދުން ސިޔާސީ ޕާޓީ އުފައްދަނީ ވެރިކަން ހޯދާށެވެ. ދެން އަންނަ ސަރުކާރެއް އުފައްދާނީ ދަ ޑިމޮކްރެޓްސް ޕާޓީ އިން ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ ވިދާޅުވުމަކީ އަޖައިބު ވަވަރު ކަމެއް ނޫނެވެ. އީވާގެ އަނގައިގެ ވިހައިގައި އިރެއްގައި ބަޔަކު ޖެހުނަސް އީވާމެން ދައްކާ ވާހަކަ ދިވެހިން އަޑުއަހާލަނީ މުސްކުޅި މާމަ ކުދިން ނިންދަވަން ކިޔާދޭ ފަރިއްސެއްގެ ގޮތުގައެވެ. އެކިޔާ އެއްޗަކުން މާބޮޑު ކަމެއް ވާނެކަމަށް ދެކިގެނެއް ނޫނެވެ. 

ޑިމޮކްރެޓިކް ކިޔަސް އެހެން ނަމެއް ކިޔަސް ކަލްޓެއް ވަނީ ކަލްޓަކަށެވެ. ވަގުހަން ގައިގާލައިގެން ބަކަރިއެއް މިނިކާ ވަގަކަށް ނުވާނެއެވެ. ނަމުން ޑިމކޮރެޓަސް ކަމުން ކަލްޕްރިޓެވެ. ހެޔޮލަފާ ތާހިރު ކަމެއް ނުކުރެވޭނެއެވެ. ކުރާކަށް ހިތަކަށްވެސް ނަރާނެއެވެ. ޑިމޮކްރަސީގެ ނަމުގައި ކުރާނީ ޑިކްޓޭޓެވެ. އެކަން ތިޔަ ކަލްޓާއެކު ދިވެހިން ތަޖުރިބާ ކޮށްފިއެވެ.

އާރާބާރު ރައީސް ނަޝީދަށް ދެފަހަރު މަތީން ރައްޔިތުން ދީފިއެވެ. ފުރަތަމަ ފަހަރު ހޮދު ނަޝީދަށެވެ. ދެވަނަ ފަހަރު ތިމާގެ މުށުތެރޭގައި އެޕާޓީއެއް އޮތް އެމްޑީޕީއަށެވެ. ދެފަހަރުމެ ރައީސް ނަޝީދު ގޮއްވާލީ އަތަށެވެ. އަމިއްލަ އެދުމާ ޒާތީ މަސްލަހަތު ކުރިއަށް ނެރެގެނެވެ. މެޖޯރިޓީއަށް އިހުތިރާމް ނުކޮށް މަވެތި ވެގެންނެވެ. 

ފުރަތަމަ ފަހަރު ރައްޔިތުންގެ އިހުސާސަށް ބެލުމެއްނެތި މަތިމައްޗަށް ބޮޑެތި ގޯސްހަދާ ދައުރު ހަމަ ނުކޮށް ދިނީ ރައީސް ކަމުން އިސްތިއުފާއެވެ. މުޅި ދައުލަތުގެ ހީރަސް ކަޑާލާފައެވެ. ދެވަނަ ފަހަރު ރައްޔިތުން ނުދެނީ ކޯއްޗެއް ހެއްޔެވެ. ވެރިކަމާ މަޖިލީހާ އެކުގައި ދިނުމުން ވެސް ކެތެއް ނުވިއެވެ. އެހެން މީހަކު ވެރިކަމުގައި ހުރީތީ ފަޔަށް ހިނިއަރައިގެން ތެޅިތެޅި ހުޅުނބު ދުއްވާލީ އަމިއްލަ ގައިންނެވެ. އާރާބަރު ގެއްލި ވެރިކަން ގެއްލި ޕާޓީވެސް ގެއްލުނީއެވެ. ލައްކަލައްކައިން މީހުން ތާއީދު ކުރިކަމަށް ހީކުރި މީހައަށް މަރަށް ފުރާނައަށް 3000 ހަމަވީ ކިރިޔާއެވެ. 

މިހަރު ތިޔަ ދައްކަނީ  ދެން އަންނަ ސަރުކާރެއް އުފައްދާނީ ޑިމޮކްރެޓުން ކަމަށް ދެކި ކުރާ ތެޔޮގުޅާ ސާދާ ވާހަކައެވެ. ހަސް ނެތަސް ބާރުހުރި ފަރާތްތަކުން ވެސް ބޯލަނބަން ޖެހެނީ ޑިމޮކްރޭޓުންނަށް ކަމަށް ދެކިގެން ހެދޭނެ ކޯލިޝަނެއް އުފެއްދޭނެ ސަރުކާރެއް ދަ ޑިމޮކްރެޓުންނަކަށް ނުއޮންނާނެއެވެ. ގާސިމެއް ޔާމީނެއް ނާޒިމެއް އުމަރެއްވެސް ނަޝީދަށް އިތުބާރުކޮށް އެމީހުން އުފައްދާ ސަރުކާރެއްގައި ދަ ޑިމޮކްރެޓްސް ބައިވެރިއެއް ނުކުރާނެއެވެ. ދަ ޑިމޮކްރެޓްސް އާއި ބައިވެރިވެގެން ސަރުކާރެއް އުފައްދާނެ މީހަކު މިގައުމަކު ނޫޅޭނެއެވެ. އަމްދުން ނަޝީދު އިސްވެ ހުރެ އުފައްދާ ސަރުކާރެއް އުފައްދަން ޑިމޮކްރެޓުންނަށް ވޯޓުދޭނެ ބަޔަކުވެސް ނޫޅެއެވެ. އެއަށްވުރެ ބޮޑަށް ނަޝީދާއި ރެޓުންގެ އިތުބާރު ރައްޔިތުންނަށް ވަނީ ގެއްލިފައެވެ.