އައްސުލްތޯނު މުހައްމަދު މުއިއްޒު މަހާރަދުން!!؟

އައްސުލްތޯނު މުހައްމަދު މުއިއްޒު މަހާރަދުން!!؟

ސަގާފަތް ދިރުވުމުގެ ނަމުގައި މިޖަހަނީ ކޮން ސަކަރާތެއް ހެއްޔެވެ. އެއަކަށް ނުވެއެވެ. މިއަކަށްވެސް ނުވެއެވެ. ސަގާފަތޭ ކިޔައިގެން ކުރަން އުޅެނީ ކީއްކަން އެކަކަށްވެސް ނޯޅެއެވެ. 

ރާއްޖެ އިސްލާމްވުމުގެ ކުރިން ދިވެހިން ބުދަށްވެސް އަޅުކަން ކުރިއެވެ. ބުޑިޒަމްގެ އެތައް އާދަކާދައެއް އެއްޖީލުން އަނެއް ޖީލަށް ނަގުލުވަމުން އައިސްފައި ވެސް ވެއެވެ. އެހެނެކޭ ކިޔާފައި އެކަންކަން ސަގާފަތޭ ކިޔައިގެން ދިރުވާ އާލާ ކުރަން ޖެހޭހެއްޔެވެ. 

ސަރުކާރުން އިސްނަގައިގެން ހިއްޗަށް ވަޑައިގަތުން ކަހަލަ ޝާހީ ކަންކަން ކުރުމުގައި ފޮރުވިފައިވަނީ އެހެން ހަގީގަތެކެވެ. ގައުމިއްޔަތު ދިރުވުމެއް ނޫނެވެ. އީދު ކުޅިވަރެއް ކުޅެލުމެއް ވެސް ނޫނެވެ.

ރަސްކަމުގެ މައްޗަށް ޒުވާނުންނާއި ޅަކުދިންގެ ލޯބިޖެއްސުމަކީ މުއިއްޒުގެ އަމާޒެވެ. ސަގާފަތް ދިރުވުމުގެ ނަމުގައި އާދަމް ނަސީރު ލައްވާ އެކުރުވަނީ އެމަސައްކަތެވެ. ރަސްކަމަކަށް ދިވެހި ދައުލަތް ފޮރޮޅާލާ މުއިއްޒާއި މުއިއްޒުގެ ދަރިފަސްކޮޅަށް ދިވެހި ތަހުތު ވާރުތަ ކުރުވުމުގެ ހީލަތްތެރި އެޖެންޑާ އެދަނީ ތަންފީޒު ކުރުމާ ދިމާއަށެވެ. 

ސަގާފަތް ދިރުވުމުގެ ނަމުގައި ވިރާސީ ރަސްކަމަކަށް ފަހިވާގޮތަށް ވަށައިގެން ހުރިހާ ކަމެއް ތަރުތީބު އެދަނީ ކުރަމުންނެވެ. ރައްޔިތުންގެ މަޖިލިހާއި ފަނޑިޔާރުގެ މުށުތެރެއަށްލާ އަސްކަރިއްޔާ ކޮރަޕްޓްކޮށް ރިޓަރޑް މިލިޓަރީ މީހުން އިދާރާތަކުގެ ވެރިކަމަށް ލާތަން ނުފެނޭ ހެއްޔެވެ.

އަނެއްކޮޅު ރަސްކަމުގެ ވައްޓަފާޅި ދައުލަތުގެ ތެރޭ އަށަގަންނަވަން ވުޒާރާއެއް ހަދައިގެން މީހުންގެ ބޯ ދޮއްވަނީ ގައުމިއްޔަތުގެ ނަމުގައެވެ. އާހިރުގައި ވަރުގަދަ ޝާހީވެރިކަމަކަށް ވެރިކަން މުއިއްޒު ފޮރޮޅާލާނީއެވެ. މުއިއްޒުގެ ވެރިކަން ނުވެއްޓި 2028 އާއި ބައްދަލު ވެއްޖެނަމަ 2028ގައި ރިޔާސީ އިންތިހާބެއް ނުއޮންނާނެއެވެ. ގާނޫނު އަސަސީ ބަދަލުކޮށް ރަސްކަމަކަށް ރާއްޖޭގެ ވެރިކަމުގެ ބާރު ފޮރޮޅާ ލާނޭ ކަމީ ޝައްކެއް ނެތްކަމެކެވެ.