ޕަބްލިކް ސްޕީޗިންގ ދަސްވަންދެން ފައިސަލް ގެއަށް ކަނޑާލާ

ރާއްޖޭގެ ފަތުރުވެރިކަން ފައިސަލަށް ނުބެލެހެއްޓޭ

ޕަބްލިކް ސްޕީޗިންގ ދަސްވަންދެން ފައިސަލް ގެއަށް ކަނޑާލާ

މީހެއްގެ ކިބައިގައި ރަނގަޅު ކޮށްލަންޖެހޭ ކަމެއް ހުރެއްޖެނަމަ އެކަމެއް  ރަނގަޅު ކޮށްލުމަކީ މައްސަލައެއް ނޫނެވެ. ރަނގަޅު ކޮށްލަން ޖެހެންޏާ ރަނގަޅު ކޮށްނުލާ އެއްވެސް ނުވާނެއެވެ.

ކުއްލިއަކަށް އިވިގެންދިޔަ ހަބަރަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމާބެހޭ ވަޒީރު ކޯޗެއް ނަގައިގެން އިގިރޭސި ބަހުން ވާހަކަ ދައްކަން ދަސްކުރާނެ ކަމަށް ވިދާޅުވި ކަމަށް ފެތުރުނު ހަބަރެކެވެ. އާއްމުތަންތާ އިގިރޭސިބަހުން ވާހަކަ ދައްކަން މަޖުބޫރު ދައުލަތު ވަޒީރެއްގެ ފަރާތުން އެވަރު ވާހަކައެއް އިނުމަކީ އާދައިގެ ކަމެއް ނޫނެވެ. ވަޒީރުން އެމީހުންގެ ވާޖިބާ ގުޅޭ ކަންކަމުގައި އެލްބޯޑް އަޅުވައިގެން އުޅޭކަމަށް ބުނުމަކީ ރައްޔިތުން އަޑުއަހަނީ ބޭނުން ވާހަކައަކަށް ނުވާނެއެވެ. 

އެއްބަހެވެ. ތިމާގެ ކިބައިގައި ރަނގަޅުކޮށްލަން ޖެހޭ ކަމެއް ހުރެއްޖެނަމަ އެކަމެއް ރަނގަޅުކޮށްލުމަކީ ރަނގަޅު ސިފައެކެވެ. ގަބޫލު ކުރަމެވެ. އެހެންނަމަވެސް، ވަޒީރު ކަމުގައި ހުންނެވި ބޭފުޅެއް މަގާމަށް ކުފޫ ހަމަނުވެގެން  މި ދަރަޖައަށް ދިޔުމަކީ ދިވެހި ރައްޔިތުން ވެސް ލަދުގަންނާނޭ ކަމެކެވެ. ދިވެހިންނަކީ އެހާ ތަންދޮރު ނޭނގޭ އަންޕަޅު ގަމާރުންނެއް ނޫނެވެ. 

މުއިއްޒު ސަރުކާރުގައި ހުސްވެސް ތިބީ ސިޔާސީ ބާރު ބޭނުންކޮށްގެން މަތީ މަގާމްތަކަށް އައްޔަނުވެފައިތިބި މީހުންނޭ ބުނަނީ ބުނެވެނީ އޮވެގެންނެވެ. ފާރެއްގައި ވެސް މިއީ ދޮގަކަށް ނުވާނެއެވެ. މަގާމު ދިނުމުގައި ތައުލީމީ ފެންވަރަށް، މަގާމުގައި އަދާކުރަންޖެހޭ ވާޖިބަކަށް މީހާގެ ގާބިލުކަމަށް ބެލުމެއްނެތެވެ. ގައުމުގެ ކަންކަން ބޮއްސުންލައިގެން ދާންޖެހޭ ސަބަބަކީ މިއީއެވެ. 

ފަތުރުވެެރިކަމާއި ބެހޭ ވަޒީރަށް ދުނިޔޭގެ ކުރިމަތީ ދިވެހިރާއްޖެއާއި ބެހޭގޮތުން ޖުމްލައެއްހާ ހިސާބުވެސް ހެޔޮކޮށް ބުނެލާކަށް ނޭނގެއެވެ. ރާއްޖޭގެ ފަތުރުވެރިކަން ދުނިޔޭގައި ވިއްކުމުގެ ބޮޑު ޒިންމާ ހަވާލުވެ ހުރި ހާލަކީމިއެވެ. މިއީ މި ސަރުކާރުން އައްޔަނުކޮށްފައި ތިބި ގިނަ ވަޒީރުންގެ ހާލެވެ.

އިއްޔެ މީޑިއާގައި އެންމެ މަޝްހޫރުވީ އެމްއެމްޕީއާރްސީގެ ޗެއާމަން ނޫރައިން ޖަނާހް ދިން އިންޓަވިއުއެވެ. މި އިންޓަވިއުއިން އޭނާގެ ހުނަރުވެރިކަމާއި ގާބިލުކަން ފެނިގެން ދިޔައިރު، އޭނާއަށް މީހުންގެ ތައުރީފް ދިޔައީ އޮހެމުންނެވެ. ދެން އަޑުއިވިގެންދިޔައީ ބައިނަލްއަގްވާމީ އިވެންޓްތަކުގައި ނޫރައިން ބައިވެރިނުވުމަށް މިނިސްޓަރ ފައިސަލް އެންގި ވާހަކައެވެ. ހަޖަމް ނުވިއަސް ބޮޑުވަރެކެވެ. ތިމާގެ ގާބިލްކަން ނެތްތާގައި އެހެން މީހުންގެ ހުރި ހުނަރުވެރިކަމާއި ގާބިލްކަން ދެއްކޭނެ ފުރުސަތެއްވެސް ނެތެވެ.

ވަޒީރު ކަމަށް އަންނައިރު ތިމާގެ ނާގާބިލުކަމާއި އިލްމެއް ހިލްމެއް ނެތްކަން ހަމަ ނޭނގެނީ ހެއްޔެވެ؟ ފުރަތަމަވެސް އަރާ ބޮންތީގައި ހިފަން އުޅެންޔާ ވަނީވެސް މިހެންތާއެވެ. 

މިނިސްޓަރ ފައިސަލް ޕަބްލިކް ސްޕީކިން ކޯސް ހަދާ ނިމޭއިރު 5 އަހަރުގެ މި ދައުރުގައި ފަތުރުވެރިކަމުގެ ދާއިރާގެ ވާހަކަ ދައްކާނެވެސް ކަމެއްނެތެވެ. އަދުރޭގެ މޮޅު ހިސާބާއި ފައިސަލްގެ ވާހަކަ ދެއްކުންތެރިކަމުގެ މޮޅުކަމުން މި ސަރުކާރު މެކުހަށް ޖެހިދާނެކަމަށް ރައީސް މުއިއްޒު ހީފުޅުކުރެއްވީ ކަމަށްވެސް ވެދާނެއެވެ.

ފައިސަލް ވަޒީރު ކަމުގެ މަގާމަށް ކުފޫ ހަމަވެގެން، އިލްމީ ގޮތުން ގާބިލްވެގެން އަންނަންވާއިރަށް އެ މަގާމަށް ގާބިލް، ތަހުޒީބު ބޭފުޅެއް އައްޔަން ކުރުން ކިހިނެއްވާނެތޯ؟ އެދުރުގެއިން އޭބީސީޑީ ވޮށުފިލާ އަޅައިގެން ދަސްވަންދެން ވަޒީރުކަމުން ފޭބުމަކީ ފައިސަލަށް އެންމެ ބުއްދިވެރި ގޮތެވެ. އެކަކުންޏެއްގެ ހޮރު ކޮންނަންވާނީ އެކަކުންޏެއްގެ ވަރުންނެވެ.