ދައުލަތް ދަވާލުމުގައި ޝުޖާވަކި ދުލެއް ނުކުރާނެ!

ބޮޑެތި ވައްކަން ކޮއްގެންހުރެ އެހެން މީހުނަށް ވަގަށް ގޮވުމަކީ އައު ކަމެއް ނޫނެވެ. އެއްޔަކީ ވަކި އެކަކު އެކަނި ކުރާކަމެއް ނޫނެވެ. ޔާމިނަކަސް ބާރަށު ޝުޖާއަކަސް އެ ކުރަނީ އެކަމެވެ.
ޔާމީނުގެ ނަޒަރުން މުއިއްޒު ވެރިކަމުގައި ހިންގާ ހުރިހާ ވައްކަމަކާއި ހިޔާނާތަކީ މުއިއްޒަށް އެނގިގެން މުއިއްޒު ކުރުވާ ވައްކަމެވެ. އެޗްޑީސީގެ ތެރެއިން ފަޒުލު އިސްވެހުރެ ހިންގިހާ ޖަރީމާއަކީ މުއިއްޒު ބޭނުންވެގެން މުއިއްޒު ހިންގުވި ކަންކަމެވެ. ރަސްމާލެ ސްކޭމާއި ބަންކަރިންގ ސްކޭމާއި ފައިނޭންޝަލް ހަބު ސްކޭމަކީ ޔާމީނު ބުނާގޮތުން މުއިއްޒު ހިންގާ ޖަރީމާއެވެ.
އެހެނެއް ކަމަކު ޔާމިނު ވެރިކަމުގައި އެގޮތް މިގޮތަށް ދައުލަތް ދަވާލި އެއްވެސް ދަވާލުމެއްގައި ޔާމީނުގެ ބައިވެރިވުމެއް އޮތްކަމަކަށް ނުވެއެވެ. އެމްއެމްޕީއާރުސީ ބޮޑި ހިޔާނާތުގެ ކޮންމެ ޑީލަކާ ގުޅިގެން ޔާމީނު އެކައުންޓަށާއި ގެއަށް ވަދެފައި މިލިޔަނުން ޑޮލަރު ވަދެފައި ހުއްޓަސް އެއިން އެއްވެސް ކަމަކީ ޔާމީނަށް ކަނޑެއް ފަޅެއް އެނގޭ ކަމަކަށް ނުވެއެވެ.
ބުރިޖުން ލޭނުތަކެއް މަދުވެ ދަރުމަވަންތަ ހޮސްޕިޓަލުން ޓަވަރެއް މަދުވެ ނަސަންދުރަ ކޮއްކޮއަށްދީ އެކައުންޓުތައް ފުރިބާރުވެގެން އެސްކްރޯ އެކައުންޓެއް ހުޅުވާ ޒަމީރު އަތުން މިލިޔަން ޑޮލަރު ރައީސް މިހާ ހޯދާ ހިސާބަށް ކުރާ ވައްކަން ތިލަވީއިރުވެސް ޔާމީނުވަރުގެ މައުސޫމަކު ނެތްކަން ދައްކާއިރު ބާރަށު މައިކުމެން ވަކި ވައްކަން ކުރާކަމަށް އެއްބަސްވާނެ ހެއްޔެވެ.
ދައުލަތުގެ ކަމަކަށް އަތްދަރާ ލެވޭ ހިސާބަށް ދެވުމުން ދައުލަތް ދެވުމުގައި ކުޑައެއް ބޮޑެއްނެތެވެ. ދައުލަތް ނޮޅާކެއުމުގައި ޔާމިނެއް މުއިއްޒެއް އަދީބެއް ޒިޔަތެއް ފަޒުލެއް ސައީދެއް ޝުޖާއެއް ތަފާތެއް ނުއޮންނާނެތާއެވެ.
ދައުލަތް ދަވާލައިގެން އުޅޭ މީހަކަށް ލިބޭ އަދަބެއް ނެތެވެ. ދައުލަތަށް ގެއްލޭ ބައިސެންޓްވެސް އަނބުރާ ލިބުމެއްނެތެވެ. ހަރާމެއް ހަލާލެއް ނުބަލާ އަނބިދަރިންނަށް އަލިފާން ކާންދޭން ކެރޭ ބަޔަކު ތިބި ތަނެއްގައި އެކަކު އަނެކަކަށް ވަގަށް ގޮވުމުގައި ހަޔާތް ހުސްކޮށްލީމާ ނިމުނީތާއެވެ.