އީރާނުގެ ހަމަލާތައް ފޯޅަވައްސަށް

އީރާނުގެ ހަމަލާތައް ފޯޅަވައްސަށް

އީރާނުގެ މިސައިލް ހަމަލާތައް މެދުއިރުމައްޗަށްވުރެ މާ ދުރަށް ފޯރާކަން އެގައުމުން ސާބިތުކޮށްދީފިއެވެ.

އީރާނާ 4,000 ކިލޯމީޓަރު ދުރުގައި އިންޑިއާ ކަނޑުގެ މެދުގައި، އޮންނަ އެމެރިކާ އާއި އިނގިރޭސިވިލާތުގެ އަސްކަރީ މަރުކަޒު ޑިއޭގޯ ގާސިއާ އަށް އަމާޒުކޮށް އީރާނުން ވަނީ މެދު ރާސްތާގެ ދެ ބެލިސްޓިކް މިސައިލް ފޮނުވާލާފައެވެ. އީރާނުގެ ދެ ހަމަލާ އެ މަރުކަޒަށް ސީދާ ނޭރި ނަމަވެސް، ދިން މެސެޖުގެ ބާރުގަދަކަން ހަނގުރާމަވެރި އާލާތަކަށް ވުރެ މާ ބޮޑެވެ.

އީރާނުން މީގެ ކުރިން އަބަދުވެސް ރަސްމީކޮށް ހާމަކުރަމުން ދިޔައީ އެގައުމުގެ މިސައިލްތަކުގެ ރާސްތާއަކީ އެންމެ ދުރުވެގެން 2,000 ކިލޯމީޓަރު ކަމަށެވެ. ނަމަވެސް ފޯޅަވައްސަށް އަމާޒުކޮށް ހަމަލާ ދިނުމާއެކު އެ އަދަދު ދެގުނައަށް އިތުރުކަން މިވަނީ ހާމަވެފައެވެ.

އިރާނުން މި ހަމަލާގައި ބޭނުންކޮށްފައިވަނީ މެދު ރާސްތާގެ ބެލިސްޓިކް މިސައިލްތަކެކެވެ. ބެލެވޭ ގޮތުގައި މިއީ "ހައްރަމްޝަހަރު-4" (Khorramshahr-4) މަރުކާގެ މިސައިލްތަކެކެވެ.

ފޯޅަވައްއސަށް ހަމަލާ ދިނުމަށް ބޭނުންކުރި " ހައްރަމްޝަހަރު-4 " މަރުކާގެ މިސައިލަކީ، ފާއިތުވި ތިން ހަފުތާގައި އިޒްރޭލުގެ ސިޓީތަކަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާ "ކްލަސްޓަރ" ވަޒަން ވެސް އުފުލުމުގެ ގާބިލުކަން ލިބިފައިވާ މިސައިލެކެވެ.

ފޯޅަވައްސަށް ހަމަލާ ދިނުމަށް ދެ މިސައިލެއް ފޮނުވާލި ނަމަވެސް، އަމާޒުކުރި އަސްކަރީ މަރުކަޒަށް އެއިން އެއްވެސް މިސައިލެއް ސީދާވެފައެއް ނުވެއެވެ. އޭގެ ތެރެއިން އެއް މިސައިލް އުދުހެމުން ދަނިކޮށް އަމިއްލައަށް ފެއިލްވިއިރު، ދެވަނަ މިސައިލް އެމެރިކާގެ  އަސްކަރީ މަނަވަރަކުން ވަނީ "އެސް.އެމް-3" (SM-3) އިންޓަރސެޕްޓަރ މިސައިލެއް ބޭނުންކޮށްގެން ވައްޓާލާފައެވެ. އެހެންކަމުން، އެ މަރުކަޒަށް އެއްވެސް ގެއްލުމެއް ނުވެ ވަނީ ސަލާމަތްވެފައެވެ.

މިއީ ވަރަށް ފާހަގަކޮށްލެވޭ މުހިންމު ކަމެކެވެ. ސަބަބަކީ މީގެ ކުރިން ބެލެވިފައި އޮތީ އިރާނުގެ މިސައިލްތަކުގެ އެންމެ ދުރު ރާސްތާއަކީ 2000 ކިލޯމީޓަރު ކަމަށެވެ. ނަމަވެސް، މި ހާދިސާއިން އެނގިގެންދިޔައީ އޭގެ ދެގުނަ ދުރަށް މިސައިލް ފޮނުވާލުމުގެ ގާބިލުކަން މިހާރު އިރާނަށް ލިބިފައިވާ ކަމެވެ.

މިއީ އިރާނުގެ ނިއުކްލިއަރ މަރުކަޒުތަކަށާއި އެ ގައުމުގެ އިސްވެރިންނަށް އަމާޒުކޮށް އެމެރިކާއާއި އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ދިން ވަރުގަދަ އިންޒާރެކެވެ. އަދި މިކަމުގެ ސަބަބުން މެދުއިރުމަތީގެ ހަނގުރާމައިގެ ނުރައްކާ މިހާރު އިންޑިއާ ކަނޑުގެ ސަރަހައްދަށް ފެތުރެމުންދާކަން ހާމަވެގެންދެއެވެ.

ތެހެރާނުން ފެށިގެން 4,000 ކިލޯމީޓަރުގެ ދުރުމިނަކީ ޕެރިހާއި، ލަންޑަނާއި، މުޅި ޔޫރަޕްގެ ބޮޑު ބައެއް ހިމެނޭ ވަރުގެ ބޮޑު ސަރަހައްދެކެވެ.

މި ހަނގުރާމައަކީ ހަމައެކަނި މެދުއިރުމަތީގައި އޮތް މައްސަލައެއް ކަމަށް ދެކެމުން އައި ނޭޓޯ (NATO) ގެ ގައުމުތަކަށް މިހާރު އެ ވަނީ ފެނިފައެވެ. އީރާނުގެ މިސައިލްތައް ޔޫރަޕްގެ ގައުމުތަކުގެ ގޭގެ ދޮރުމައްޗާ ހަމައަށް ފޯރުމުގެ ގާބިލުކަން ހުރިކަން އަމަލީ ގޮތުން ފެނިގެން ދިޔަކަމަކަށް ފޯޅަވައްސަށް ހަމަލާ ދިނުން ވެގެން ދިޔައީއެވެ. 

އެމެރިކާގެ ހަނގުރާމަމަތީ ބޯޓުފަހަރަށް ދިވެހިރާއްޖޭން ތެޔޮ އަޅާދިނުން ފަދަ އެހީތެރިކަން ދިނުމަކީ އީރާނުގެ ހަމަލާއެއް އަމާޒުވުމުގެ ބިރު އޮތްކަމެއްކަން ވެސް ފޯޅަވައްސަށް އީރާނުން ހަމަލާ އަމާޒު ކުރުން ވެގެން ހިނގައްޖެއެވެ.