ގޭގައި ރޯކޮށްލައިގެން އަނބިމިހާ އަންދާލައިފި
ގޭގައި ރޯކޮށްލީ ގޮނޑިއެއްގައި ބަދެފައި ފެޓްރޯލް ޖަހައިގެން
އުއްތަރު ޕްރަދޭޝްގެ ކަންނައުޖްގައި، ކައިވެނިން ބޭރުގެ ގުޅުމެއް ބޭއްވިކަމަށް ކުރެވުނު ތުހުމަތަކާ ގުޅިގެން ދެމަފިރިއެއްގެ ދެމެދުގައި ހިނގި ދެބަސްވުމެއް ބޮޑު ހާދިސާއަކުން ނިމިއްޖެއެވެ. އެނގިފައިވާ ގޮތުގައި، ފިރިހެންމީހާ ވަނީ އޭނާގެ އަންހެނުން ގޮނޑިއެއްގައި ބަނުމަށްފަހު ދިރިހުއްޓާ އަންދާލާފައެވެ. އަންހެންމީހާ ހަޅޭއްލަވާ އަޑަށް އަވަށްޓެރިންނަށް ސިހުން ލިބުނު ނަމަވެސް، އެގޭގައި އަލިފާން ރޯވެފައި ހުރުމުގެ ސަބަބުން އެއްވެސް މީހަކަށް އޭނާ ސަލާމަތެއް ނުކުރެވުނެވެ.
މައްސަލައިގައި ތުހުމަތުކުރެވޭ ޝުކުބީރު ސިންގް، އެ ސަރަހައްދު ދޫކޮށް ފިލަން އުޅެނިކޮށް ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. އޭނާ އެގެއިން ފިލާފައިވަނީ އަންހެނުންގެ ގައިގައި އަލިފާން ރޯކޮށްލުމަށްފަހު، އެ ދެމަފިރިންގެ ދެ ދަރިން ވެސް ގޮވައިގެންނެވެ.
މި ހާދިސާ ހިނގި ޗިބްރާމައު ސަރަހައްދުގެ ސާކަލް އޮފިސަރު މަޔަންކް މިޝްރާ ވިދާޅުވި ގޮތުގައި، އިބްތިދާއީ ތަހުގީގުން އެނގޭ ގޮތުގައި ހަރިޔާނާގެ ހިސާރުގައި ގިނަ ދުވަސްތަކެއް ވަންދެން ވަޒީފާ އަދާކުރަމުންދިޔަ ޝުކުބީރު ސިންގް، އޭނާގެ އަންހެނުން ސޯނަމް (30 އަހަރު) ރަށުގެ މީހަކާ ނުހަމަ ގުޅުމެއް ބާއްވާކަމަށް ޝައްކުކުރެއެވެ.
ޝުކްބީރު އެނބުރި ރަށަށް އައީ މީގެ ދެ ދުވަސް ކުރިން ކަމަށާއި، އޭގެ ފަހުން އެކަމާ ދެމަފިރިންގެ ދެމެދުގައި އެތައް ފަހަރަކު ޒުވާބު ހިނގާފައިވާ ކަމަށްވެސް އޮފިސަރު ވިދާޅުވިއެވެ.
ބުދަ ދުވަހުގެ ރެއިން ފެށިގެން ބުރާސްފަތި ދުވަހުގެ ހެނދުނާ ހަމައަށް އެމީހުންގެ މެދުގައި ދެބަސްވުންތައް ހިނގިއެވެ. ބުރާސްފަތި ދުވަހުގެ ހެނދުނު އަވަށްޓެރިންނަށް ސޯނަމް ހަޅޭއްލަވާ އަޑު އިވުމާއެކު، އެގެއިން ދުން އަރަމުންދާ މަންޒަރު ފެނުނެވެ.
މީހުން އެތަނަށް އެއްވި އިރު، މުޅި ގޭގައި ވަނީ އަލިފާން ހިފާފައެވެ. އަދި މުޅި ސަރަހައްދުގައި ސޯނަމްގެ ވޭނީ ހަޅޭކުގެ އަޑު ގުގުމަމުންދިޔައެވެ.
އަވަށްޓެރިން ފުލުހުންނަށް ގުޅައި، އަލިފާން ނިއްވުމަށް ފެންޖަހައި މަސައްކަތް ކުރި ނަމަވެސް، އަލިފާންގަނޑުގެ ސަބަބުން އެއްވެސް މީހަކަށް ގެއަށް ވަދެވޭ ގޮތެއް ނުވިއެވެ. ފަހުން އަލިފާން ނިއްވާ ލޯރިއެއް އައިސް އަލިފާންގަނޑު ނިއްވާލި އިރު، ސޯނަމް ވަނީ ނިޔާވެފައެވެ.
ހާދިސާ ހިނގި ތަނުން ފެނިފައިވަނީ ގޮނޑިއެއްގައި ބަނދެފައި އޮތް އަނދާފައިވާ ހަށިގަނޑަކާއި، އޭނާ ބަންނަން ބޭނުންކުރި ނައިލޯނު ވަލެކެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، ހާދިސާ ހިނގި ތަނުން ފެނުނު ހެކިތަކުން އެނގޭ ގޮތުގައި ސޯނަމް ގޮނޑިއެއްގައި ބަނުމަށްފަހު، އޭނާގެ ގަޔަށް ޕެޓްރޯލް އަޅައި ވަނީ ރޯކޮށްލާފައެވެ. އެ ކޮޓަރިން ޕެޓްރޯލް ވަސް ދުވާ ކަމަށާއި، ޕެޓްރޯލް ހުރި އަނދާފައިވާ ފުޅިއެއް ވެސް އެތަނުން ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ސާކަލް އޮފިސަރު ވިދާޅުވި ގޮތުގައި، ގޭގައި ރޯކޮށްލުމަށްފަހު ސިންގް ވަނީ އޭނާގެ 10 އަހަރުން ދަށުގެ ދެ ކުދިން (އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެއް) ގޮވައިގެން އެތަނުން ގޮސްފައެވެ. އޭނާ ހިސާރަށް ދާން އުޅެނިކޮށް ފުލުހުން އޭނާ ހައްޔަރުކުރީ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައެވެ.
ކުށުގެ ތުހުމަތު ކުރެވޭ ފަރާތާއި އޭނާގެ ދަރިންނާ ކުރެވުނު ކުރު ސުވާލުތަކުން އެނގުނު ގޮތުގައި، ބުރާސްފަތި ދުވަހުގެ ހެނދުނު އެ ދެމަފިރިންގެ މެދުގައި ހިނގި ދެބަސްވުން ވަނީ ބޮޑު ހަމަނުޖެހުމަކަށް ބަދަލުވެފައެވެ.
ސިންގް، ސޯނަމްގެ ގައިގައި ތަޅައި އަނިޔާކުރުމަށްފަހު، ގަދަކަމުން ގޮނޑިއެއްގައި ބައިންދައި ނައިލޯނުވައު ބޭނުންކޮށްގެން އޭނާ ބަނދެފައިވާ ކަމަށް ތުހުމަތު ކުރެވެއެވެ.އޭގެ ކުރިން އޭނާ ލީޓަރެއްގެ ޕެޓްރޯލް ގަނެފައިވާ ކަމަށާއި، ސޯނަމްގެ ގަޔަށް ޕެޓްރޯލް އަޅައި ރޯކޮށްލުމަށްފަހު، ސޯނަމް އެހީއަށް އެދި ހަޅޭއްލަވަމުން ދަނިކޮށް ދަރިން ގޮވައިގެން ސިންގް ވަނީ ފިލާފައެވެ.
ކުދިން ފުލުހުންނަށް ކިޔައިދިން ގޮތުގައި، އެ ކުދިންގެ ބައްޕަ ވަނީ އެ ކުދިންނަށް ބިރުދައްކައި، ގަދަކަމުން އޭނާއާއެކު ގެންގޮސްފައެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި، ޝުކުބީރު އާއި ސޯނަމް ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު، މީގެ ދިހަވަރަކަށް އަހަރު ކުރިން ހިސާރުގައި ވަނީ ކައިވެނިކޮށްފައެވެ. ނަމަވެސް، ހިސާރުގައި އެކުގައި ދިރިއުޅުނުއިރު ދެމީހުންގެ މެދުގައި ގިނަގިނައިން މައްސަލަތައް ޖެހި ޒުވާބުކުރަން ޖެހުމުގެ ސަބަބުން، ފަހުން އޭނާ ވަނީ ކަންނައުޖުގައި ހުންނަ ޝުކުބީރުގެ ގެއަށް ދިރިއުޅުން ބަދަލުކޮށްފައެވެ.




