ފުލުހުންގެ އިހުމާލުން ގާތިލު ވީއްލުން

ހައްޔަރުކުރި ފުރަތަމަ މަރުހަލާގައިވެސް ހައްޔަރުކުރި ހަގީގީ ސަބަބު ބަޔާންކޮށްދެވިފައި ނުވޭ

ފުލުހުންގެ އިހުމާލުން ގާތިލު ވީއްލުން

އިންޑިޔާގެ މޭގަލާޔާގައި މި ދިޔައަހަރު ހަނީމޫން ހޭދަކުރަން ގޮސް ފިރިމީހާ ރާޖާ ރަގުވަންޝީ މަރާލިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސޯނަމް ރަގުވަންޝީ ހައްޔަރުގައި ބެހެއްޓެނެ ގޮތެއް ނެތްކަމަށް މެގާލަޔާ ހައިކޯޓުން ވެސް ނިންމައިފިއެވެ. ފިރިމީހާ މަރާލިކަމަށް ބެލެވޭ ސޯނަމް ރަގްވަންޝީއަށް ދޫކުރި "ހައްޔަރުކުރުމުގެ ސަބަބު ބަޔާންކުރާ ލިޔުމުގައި"ގައި ވާގޮތުން އޭނާ ހައްޔަރުކުރީ ސިފައިންގެ ހިދުމަތަށް ފިލައިގެން އުޅޭތީ އާއި އިންޑިއާއިން ބޭރުގައި ކުށެއް ކޮށްފައިވާތީ ކަމަށް ބަޔާންކޮށްފައި އޮތުމުން، މޭގަލާޔާ ހައިކޯޓުން އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔެވެ.

ދަށުކޯޓުން ނެރެފައިވާ ސޯނަމްގެ ކަފާލާތު ބާތިލުކުރުމަށް އެ ފްރޮވިންސްގެ ސަރުކާރުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލަމުން ކޯޓުން ބުނީ، ހައްޔަރުކުރުމުގެ ސަބަބު ބަޔާންކުރާ ލިޔުމަކީ އެއްވެސް ފިކުރެއް ނެތި، ވަރަށް ޒިންމާދާރުކަން ކުޑަގޮތަކަށް ތައްޔާރުކޮށްފައިވާ "ހެއްވާ" ލިޔުމެއް ކަމަށެވެ.

ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްތިއުނާފު ބޭރުކޮށްލައްވަމުން ފަނޑިޔާރު ޑަބްލިއު. ދިއެންގްޑޯ ފާހަގަކުރެއްވި ގޮތުގައި، 2025 ޖޫން 9 ވަނަ ދުވަހު ގަޒީޕޫރުގެ ވަން ސްޓޮޕް ސެންޓަރުން ސޯނަމްއަށް ދޫކުރި އޭނާ ސޮއިކޮށްފައިވާ ލިޔުންތަކަށް ބަލާއިރު، އެއީ މައްސަލައިގެ ހަގީގަތަށް އެއްވެސް ބެލުމެއް ނެތި ތައްޔާރުކޮށްފައިވާ ލިޔުމެކެވެ. އަދި އޭނާގެ މައްޗަށް ކުރެވޭ ހަގީގީ ތުހުމަތަކީ ކޮބައިކަން އެ ލިޔުމުން އެނގެން ނެތް ކަމަށް ކޯޓުން ފާހަގަކުރިއެވެ.

ކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވާ ގޮތުގައި، އެ ލިޔުމުގައި ސޯނަމްއަކީ "އިއްތިހާދުގެ ހަތިޔާރު އެޅި ފައުޖަކުން ފިލައިގެން އުޅޭ މީހެއް ކަމަށް ތުހުމަތުކުރެވޭ" ކަމަށާއި، "އިންޑިއާއިން ބޭރުގައި ކުށެއްގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ" ކަމަށް ލިޔެފައި ހުރުމަކީ ބުއްދި ގަބޫލުކުރެވޭ ކަންކަމެއް ނޫނެވެ. މީގެ އިތުރުން، އޭނާއަކީ މީގެ ކުރިން ކުށް ސާބިތުވެފައިވާ މީހެއް ކަމަށާއި، މިނިވަންވުމަށްފަހު އުޅޭނޫޅޭ ތަނުގެ މައުލޫމާތު ދީފައިނުވާ ކަމަށްވެސް އެ ލިޔުމުގައި ބަޔާންކޮށްފައިވެއެވެ.

ކޯޓުން އިތުރަށް ބުނީ، މީހަކު ހައްޔަރުކުރާއިރު އެކަން ކުރާ އިދާރާއަކުން މިފަދަ އިހުމާލުތައް ވުމަކީ ހައްޔަރުކުރެވޭ މީހާގެ ހައްގުތަކަށް އަރައިގަތުން ކަމަށެވެ. އަދި ހައްޔަރުކުރި ފުރަތަމަ މަރުހަލާގައިވެސް އޭނާ ހައްޔަރުކުރި ހަގީގީ ސަބަބު ބަޔާންކޮށްދެވިފައި ނުވާކަން މިކަމުން ސާފުވާ ކަމަށް ކޯޓުން ކަނޑައެޅިއެވެ.

މީގެ އިތުރުން، ފުލުހުންގެ ލިޔެކިޔުންތަކުގައި މީހަކު މެރުމުގެ ކުށް ބަޔާންކުރާ ގާނޫނީ މާއްދާގެ ބަދަލުގައި، އުފެދުމުގައިވެސް ނެތް މާއްދާއެއް (ސެކްޝަން 403(1)) ބޭނުންކޮށްފައިވަނީ "ލިޔުމުގައި އެރި ކުށަކުން" ކަމަށް ސަރުކާރުން ބުނި ނަމަވެސް، ކޯޓުން އެކަން ބަލައެއް ނުގަތެވެ. ކޯޓުން ބުނީ މިއީ ތަކުރާރުކޮށް ހިނގާފައިވާ އުނިކަމެއް ކަމަށާއި، މިއީ ކަމާބެހޭ ފަރާތްތަކުން ޒިންމާދާރުކަމެއް ނެތި ކަންކަން ކުރާކަމުގެ ހެއްކެއް ކަމަށެވެ. މައްސަލައިގެ ބިންގާ އެޅުނުއިރުވެސް މިފަދަ ބޮޑެތި ގޯސްތަކެއް ހުރުމުން، އޭގެ ފަހުން ކުރާ އެއްވެސް ކަމަކުން އެކަން އިސްލާހު ނުކުރެވޭނެ ކަމަށްވެސް ހުކުމުގައިވެއެވެ.

ހައިކޯޓުން ސާފުކޮށްދިން ގޮތުގައި ހައިކޯޓްގެ އެ ނިންމުމަކީ ހަމައެކަނި ހައްޔަރުކުރުމުގެ އިޖުރާއަތްތަކާ ގުޅޭ ނިންމުމެކެވެ. މައްސަލައިގެ ތަހުގީގަށާއި، ދައުވާ އުފުލުމަށް ނުވަތަ މިހާރު ކުރިއަށްދާ ޝަރީއަތަށް މިކަމުގެ ސަބަބުން އެއްވެސް ހުރަހެއް ނެތް ކަމަށް ކޯޓުން ބުންޏެވެ.

މައްސަލައިގެ ފަހަތުގައިވަނީ، އިންޑޯރަށް ނިސްބަތްވާ ވިޔަފާރިވެރިއެއް ކަމަށްވާ ރާޖާ އާއި ސޯނަމް 2025 މޭ 11 ގައި ކައިވެނިކޮށް، ހަނީމޫނަށް މޭގަލާޔާއަށް ދިޔަ ހާދިސާއެވެ. އެ ދެމަފިރިން ގެއްލިގެން ހޯދަނިކޮށް، ރާޖާގެ ހަށިގަނޑު ފެނުނީ ފުން އަޑިގަޑެއްގެ ތެރެއިންނެވެ. މި މަރުގެ ތުހުމަތުގައި ސޯނަމްގެ އިތުރުން އޭނާގެ ރަހުމަތްތެރިއެއް ކަމަށްވާ ރާޖް ކުޝްވާހާ އާއި އިތުރު ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

ދިހަ މަސް ދުވަހު ބަންދުގައި ހުރުމަށްފަހު، ސޯނަމްއަށް ކަފާލާތު ލިބުނީ ފުލުހުންގެ އިހުމާލުގެ ސަބަބުން ހައްޔަރުކުރުމުގެ އިޖުރާއަތްތައް ފުރިހަމަނުވާ ކަމަށް ބުނެ ދަށު ކޯޓުންނެވެ. ހައިކޯޓުން މިހާރު މިވަނީ ދަށު ކޯޓުގެ އެ ނިންމުމަށް ތާއީދުކޮށް، ސަރުކާރުން ހުށަހެޅި މައްސަލަ ބޭރުކޮށްލާފައެވެ.