ދޯންޏެއް ބަންޑުން ޖަހާލައިގެން އެތައްބަކު މަރުވުން

އާދީއްތަ ދުވަހުގެ ރޭ ދޯނި ފުރޮޅާލިއިރު ފަންސާހަކަށް މީހުން އެ ދޯނީގައި ތިބި

ދޯންޏެއް ބަންޑުން ޖަހާލައިގެން އެތައްބަކު މަރުވުން

އިންޑިއާގެ ދެކުނު ކެރެލާ ސްޓޭޓުގައި އާދީއްތަ ދުވަހު ދޯންޏެއް ޗަކަ ފެންގަޑެއްގެ ތެރެއަށް ބަންޑުން ޖެހި އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް 22 މީހަކު މަރުވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. މި ހާދިސާ މެދުވެރިވާން ދިމާވި ގޮތަކީ ބޯޓް ތޮއްޖެހުމުގެ ސަބަބުން ޑަބަލް ޑެކަރ ދޯނި ބަންޑުން ޖަހާލލުމެވެ.

އާދީއްތަ ދުވަހުގެ ރޭ ދޯނި ފުރޮޅާލިއިރު 50 ވަރަކަށް މީހުން އެ ދޯނީގައި ތިއްބެވެ. އެއީ ކެޕޭސިޓީއަށްވުރެ ދެގުނައަށް މީހުން އަރުވައިގެން ކޮށްފައިވާ ދަތުރުކުރެއް ކަމަށް ފުލުހުން ބުނެއެވެ. ރިޕޯޓްތައް ބުނާގޮތުން މި ދޯނީގެ ވެރިފަރާތް އުޅެނީ އެ ހާދިސާގެ ފަހުން ފިލައިގެންނެވެ. އެހެން ނަމަވެސް ފުލުހުންނަށް ވަނީ ހޯމަ ދުވަހު އޭނާގެ މައްޗަށް މީހުންތަކެއް މަރާލުމުގެ މައްސަލަ ރަޖިސްޓްރީކޮށްފައެވެ.

ފަތުރުވެރިން ދަތުރުކުރަމުން ދިޔަ ދޯނި ބަންޑުން ޖަހާފައި ވަނީ މަލަޕޫރަމް ޓޫވަލްތިރަމް ބީޗް ކައިރިން އާދީތަ ދުވަހު އެތާ ގަޑިން  7:30 ހާއިރުއެވެ. ބޯޓުގައި ތިބި މީހުންގެ ސީދާ އަދަދެއް އޮފިޝަލުންނަކަށް ވެސް ނޭނގެއެވެ. ނަމަވެސް ބޯޓު ފުން ޗަކަ ފެންގަނޑުން ދަމައިގަތުމުން މަރުވި މީހުންގެ އަދަދު ގާތްގަނޑަކަށް 35އަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެއެވެ.

ހޯމަ ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އޮފިޝަލަކު ވިދާޅުވިގޮތުގައި 10 މީހަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވެއެވެ. ފަސް މީހަކު ފަތާފައި އެގަމަށް އަރާފައިވެއެވެ.

ސަރަހައްދީ އޮފިޝަލުން ހޯމަ ދުވަހު ބުނެފައި ވާގޮތުން އިންޑިއާގެ ކަނޑުގެ ސިފައިން ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކުގައި މިހާރު ވަނީ  ބައިވެރިވެފައެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ބޮޑުވަޒީރުގެ ގައުމީ ރިލީފް ފަންޑު (ޕީއެމްއެންއާރުއެފް) އިން ބަދަލު ދިނުމަށް އިއުލާން ކުރައްވައި، މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެފައެވެ. މަރުވި މީހުންގެ އާއިލާތަކަށް ހާއްސަ އެހީއެއްގެ ގޮތުގައި ޕީއެމްއެންއާރުއެފް އިން 2 ލައްކަ ރުޕީސް (2،446 ޔޫއެސްޑީ ޑޮލަރު) މަރުވި ކޮންމެ މީހެއްގެ އާއިލާއަށް ފޯރުކޮށްދެވޭނެ ވާހަކަ ވެސް ވިދާޅުވެފައިވެއެވެ.