ކިމްޖޮން އުން އާއި ދުނިޔެ ސުލްހަކުރުމަށް ޗައިނާ
ދުނިޔެއާއި އެކު ނޯތުކޮރެއާ ސުލްހަކުރުމަށް ޗައިނާ މެދުވެރިއެއްގެ ރޯލުގައި ކުޅުމަށް ތައްޔާރު
ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮންއުން އަކީ ދުނިޔެއަށް ހުރި ނުރައްކަލެއް ކަމަށް ބަލާ ދުނިޔެ ގިނަ ގައުމުތަކުން ވަނީ އެކި ވަރުގެ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާ ދުނިޔެއާއި އެކަހެރި ކޮއްފައެވެ. ޗައިނާގެ ރައީސް ޒީ ޖިންގްޕިން އިއްޔެ ނެރުނު ރަސްމީ ނޫސްބަޔާނުގައި ޕިޔޯންޔަންގ އާއި ދުނިޔެ އައު ފާލަމަކުން ގުޅާލާ ގުލޯބަލް ޕީސްއެއް ގާއިމް ކުރުމަށް ދުނިޔެއާއި އެކު ނޯތުކޮރެއާ ސުލްހަކުރުމަށް ޗައިނާ މެދުވެރިއެއްގެ ރޯލުގައި ކުޅުމަށް ތައްޔާރަށް އޮތް ކަމަށް ވަނީ ބުނެފައެވެ.
ޗައިނާއިން މި ބަޔާން މި ނެރުނީ މިދިޔަ ހަފްތާގައި ނޯތު ކޮރެއާއިން އިންޓަކޮންޓިނެންޓަލް ބެލެސްޓިކް މިސައިލެއް ޓެސްޓްކުރި ވަގުތާއި ދިމާކޮށެވެ. ނޯތު ކޮރެއާއިން އަލަށް ޓެސްޓްކުރި މި ސައިލް އަކީ އޭގައި ނިއުކުލިޔަރ ހަތިޔާރު ހަރުކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީގެ މިސައިލެކެވެ.
މި މިސައިލް ޓެސްޓް ކާމިޔާބު ކަމަށް ބުނާއިރު ނޯތު ކޮރެއާގެ ނުރައްކާ ދުވަހެއް ދުވަހަކަށް ބޮޑުކަމަށް ބުނެ ގައުމުތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ސައުތު ކޮރެއާ، ޖަޕާން، އޮސްޓްރޭލިއާ އާއި އެމެރިކާއިން ދަނީ މިސައިލް ޓެސްޓާއި ގުޅިގެން ނޯތު ކޮރެއާއަށް އެޅާނެ ފިޔަވަޅުތަކާއި މެދު މަޝްވަރާ ކުރަމުންނެވެ.
މިދިޔަ ހަފްތާގައި އިންޑޮނޭޝިޔާގެ ބާލީގައި ބޭއްވި ޖީ20 ގައުމުތަކުގެ ހަވާސާގައި އެމެރިކާގެ ރައީސް ޖޯބައިޑަން ވަނީ ޗައިނާގެ ރައީސް ޒީ ޖިންގްޕިން އާއި ކުރެއްވި ބައްދަލު ވުމުގައިވެސް ނޯތު ކޮރެއާގެ މައްސަލައަށް ދެބޭފުޅުން ވަނީ ވާހަކަ ދައްކަވާފައެވެ. ޗައިނާ އަކީ ނޯތު ކޮރެއާއި ވިޔަފާރީގެ ގޮތުން ވަރަށް ގާތް ކުޅުން ތަކެއް އޮންނަ ގައުމެކެވެ. ޗައިނާ އެދޭގޮތް ނޯތު ކޮރެއާއިން ހަދާނެ ކަމަށް ގިނަ ބަޔަކު ދެކެއެވެ.
ނޮވެމްބަރ 18 ގައި ނޯތު ކޮރެއާއިން ކުރި މިސައިލް ޓެސްޓާއި ގުޅިގެން ޔޫއެން ސިކިއުރިޓީ ކައުންސިލްގެ އޯޕަން މީޓިންގައި ވާހަކަ ދެކެވި އެމެރިކާ، އިގިރޭސިވިލާތް، ފްރާންސް، އިންޑިއާގެ އިތުރަށް 14 ގައުމަކުން ވަނީ މިކަން ކުއްވެރިކޮއްފައެވެ. މިނިންމުގައި ޗައިނާ އާއި ރަޝިޔާއިން ނަންޖެހުމަށް ބޭނުން ނުވިކަމަށް ހުޅަނގުގެ ޑިޕްލެމެޓުންނާއި ހަވާލާދީ ނޫސްތަކުން ހަބަރުތައް ދެއެވެ.
ނޯތު ކޮރެއާ ދުނިޔޭގެ ގައުމުތަކާއި ސުލްހަ ކުރުމުގެ މަސައްކަތް ކުރާނެ ކަމަށް މީގެ ކުރިއަކުން ޗައިނާއިން ބުނެފައެއް ނުވެއެވެ. ޗައިނާގެ މި ހުށައެޅުމަށް ނޯތު ކޮރެއާއިން ރައްދުގައި ނެރުނު ބަޔާނުގައި ޒީ ގެ ރިޔާސީ އައު ދައުރަށް މަރުހަބާ ކިޔުން ފިޔަވާ މާބޮޑު ވާހަކައެއް ނޯތު ކޮރެއާއިން ބުނެފައެއް ނުވެއެވެ.