ޔާމިނަށް ވޯޓް ހޯދާދޭން އުޅުމަކީ ބަލާވެރި ކަމެއް!
ދަރިވަރުން ފެންވަރާ ޗޯކުޖަހާ ހަވީރު ފިނިބުރު ޖަހަންދާ ހަރަދެއް ހިލޭ ޑިގްރީ ސްކީމަކުން ނުދޭނެ.
ރާއްޖޭގެ 15000 ދަރިވަރުން ސަރުކާރުގެ ހިލޭ ޑިގްރީ ސްކީމްގެ ދަށުން ކިޔަވަމުން ދާކަން އެކުދިންނަކަށް ނޯޅޭނެއެވެ. އެކުދިންގެ ބެލެނި ވެރިންނަކަށްވެސް ނޯޅޭނެއެވެ. މާލޭ ސިޓީ ކައުންސިލްގެ ހުޅުމާލޭ ދާއިރާގެ ކައުންސިލަރު ސުޖާއަށް އެކަން ވާނީ ބަލާވެރި ކަމަކަށެވެ. ޔާމީނަށް އެ ކުދިންނާއި އެ ކުދިންގެ ބެލެނިވެރިންގެ ވޯޓު ނުލިބުމަކީ ސުޖާއަށް ވަރަށް ބޮޑު ބަލާވެރި ކަމަކަށް ވާނެއެވެ.
އެކަމަކު ކުރާނީ ކީއްހެއްޔެވެ. ޔާމީނަކަށް ސުޖާއަކަށް އެކުދިންނަކަށް އެ ކަމެއް ކޮށެއް ނުދެވުނެވެ. ސުޖާމެން އުޅުނީ ދައުލަތް ދަވާލެވޭތޯއެވެ. އެކަން ފިސާރި ރަނގަޅަށް ކުރީމު ނޫން ހެއްޔެވެ. ދަވާލި ފައިސާއިން ބައިއެޅި މީހުން ފަހަރެއްގައި ޔާމީނަށް ވޯޓު ދީވެސް ފާނެއެވެ. އެކަމަކު ހިލޭ ޑިގްރީ ހަދާ ކުދިންނާ އެ ކުދިންގެ އާއިލާ ތަކުގެ ވޯޓު ހޯދުން ހަގީގަތުގައި ވެސް ސުޖާމެނަށް ވާނީ ނިކަން ބޮޑު ބަލާ އަކަށެވެ.
މިސްކިތާއި އިމާމުންގެ ވާހަކަ މާލޭސިޓީ ކައުންސިލުގައި ތިބެ ސުޖާމެން ނުދައްކާށެވެ. މަލޭގެ މިސްކިތް ތަކުގެ ކަރަންޓް ބިލު ނުދައްކާ މިލިޔަނުން ހަރަދު ކޮށްގެން ސްޓާފް ނައިޓު ބާއްވާ ބަޔަކު އިމާމުންނޭ މިސްކިތޭ ކިޔަން ލަދެއް ހަޔާތެއް ނެތެވެ.
ތިޔަ ބުނާ އިމާމު ކޯހަކަށް ދައްކަންޖެހޭ ލޯލާރިއެއް ވެސް އިމާމެއްގެ އަތުން އިސްލާމިކް ޔުނިވަރސިޓީ އަކަށް ނުނަގާނެއެވެ. ސަރުކާރު ޒިންމާ ވެގެން ރާއްޖޭގައި ހިލޭ ޑިގްރީގެ ދަށުން ކިޔަވާ ކޮންމެ މީހަކަށް ދައްކަން ޖެހޭ ކޮންމެ ފައިސާއެއް ދެއްކުމުގެ ހުރިހާކަމެއް ހިނގާނީ އެ ޔުނިވަރސިޓީއަކާ ސަރުކާރާ ދެމެދުގައެވެ. ސަރުކާރުން ދައްކަން ޖެހޭ ފައިސާއެއް ދަރިވަރު ލައްވާ ދައްކުވާކަށް އިސްލަމިކް ޔުނިވަރސިޓީ ފަދަ ސަރުކާރުގެ ޔުނިވަރސިޓީއަކުން އަމްދުން ނޫޅޭނެއެވެ.
ތިޔަ އުޅެނީ ކާކަށް ކޮން އެއްޗެއް އޮޅުވާލަން ހެއްޔެވެ. އާނއެކެވެ. ހިލޭ ޑިގްރީގެ ދަށުން ކިޔަވާ ދަރިވަރުން ފެންވަރާ ޗޯކުޖަހާ ހަވީރު ފިނިބުރު ޖަހަންދާ ހަރަދެއް ހިލޭ ޑިގްރީ ސްކީމަކުން ނުދޭނެއެވެ. މީހަކަށް ވެރިކަމެއް ހޯދަދޭން ބޫތުކައިފައި ތިއްބަސް ހޭކެނޑޭކަށް ނުވާނެއެވެ. ޔާމީނު ކުރިން ނުކުރި ކަމެއް ދެން ވެސް ނުކުރާނެއެވެ. ހަމަ ތެދެކެވެ. ޔާމީނަށް ވެރިކަން ހޯދަދޭން ތިޔަ ފާޑަށް ރުނބާ މުށިން ގައިވީދުން ސުޖާމެނަށް ވާނީ ހަމަ ބޮޑު ބަލާ ވެރި ކަމަކަށެވެ.