ހަޖަމްނުވަނީ ނަޝީދަށް! އެމްޑީޕީއަކަށް ނޫން!
ކިތަންމެ އިންޑީއާވެގެން އުޅުނަސް ނަޝީދަށް ބާރެއްލިބޭނެކަމެއް އިންޑިއާއިން ނުކުރާނެ!
ދަނޑިވަޅު ބަލާފައި ސިޔާސީ ފައިދާ ނަގަން އުޅެނީ އެމްޑީޕީއަކުން ނޫނެވެ. އަމިއްލަ ހައިބަތާއި އަމިއްލަ ބޮޑާކަމާއި އަމިއްލަ އެދުމުން ފޯވެގެންހުރީ ކުރީގެ ރައީސް ނަޝީދެވެ. ރާއްޖެއާއި އިންޑިއާ އާއި ދެމެދު ގުޅުން ގޯސްކުރުމުގެ މޭސްތިރިއަކީވެސް ހަގީގަތުގައި ރައީސް ނަޝީދެވެ. ތިމާ ވެރިކަމުގައި ނެތީވިއްޔާ ގައުމުގެ ކޮންމެ ކަމެއް ކޮންޕްރަމައިޒް ކުރަން ޖެހެލުން ނުވަނީވެސް ނަޝީދެވެ. ހަގީގަތުގައި ހަޖަމްނުވަނީ ނަޝީދަށެވެ. އެމްޑީޕީއަކަށް ނޫނެވެ.
ރައީސް ސޯލިހުގެ ވެރިކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގައި އިނދެގެން ނަޝީދު ކުޅުނު ޑްރާމާތައް އެހެރީ ފެންނާށެވެ. އިދިކޮޅު މީހުންނާއި ގުޅިގެން ރައީސް ސޯލިހު ބަލިކުރުމަށްޓަކައި އިންޑިއާ އައުޓް ރޫހު އަށަގެންނެވީ ރައީސް ޔާމީނަށް ވުރެވެސް ބޮޑަށް ރައީސް ނަޝީދެވެ. އެތެރެއާއި ބޭރުގައި އޭރުގެ ދިވެހި ސަރުކާރާ މެދު ނަފްރަތުގެ ހުޅުގަނޑު ރޯކޮށް އެންދީ ނަޝީދު އިސްވެހުރެއެވެ.
ފޯޅަވަހި ކަނޑުގެ މައްސަލައިގައި ބޮޑެތި އޮޅުވާލުންތައް އޮޅުވާލާ އެންމެ ބޮޑު ފިތުނައެއް އުފެއްދީވެސް ނަޝީދެވެ. އިޓްލޮސްގައި ހިނގި ޝަރީއަތާއި ގުޅޭގޮތުން ދޮގު ވާހަކަ ފަތުރާ ފިތުނައިގެ ދޮރު ހުޅުވާދިނީ ނަޝީދެވެ. އިންޑިއާގެ މަސްލަހަތަށްޓަކައި މޮރިޝަސްއަށް ކަނޑުން ބައެއް ވިއްކާލީކަމަށް އިދިކޮޅަށް ވިސްނާދީ ހެދީ އެމްޑީޕީ ރޫޅާލާ ވެރިކަން ވައްޓާލުމަށްޓަކައި ނަޝީދު އިސްވެ ހުރެއެވެ.
ރާއްޖޭގައި އިންޑިއާގެ އެހީގެ ދަށުން ހިންގަމުން އައި ޕްރޮޖެކްޓްތަކަކީ އިސްރާފް ކަމަށް ވާހަކަ ދެއްކީ ނަޝީދެވެ. އިންޑިއާގެ އެހީގައި ރަށްރަށުގެ ބަނދަރާއި ފެނާއި ނަރުދަމާ އެޅުމަކީ ގޯހެކޭ ގޮވިއެވެ. ސްކޫލް މަދަރުސާ އެޅުމާއި މަގުހެދުމާއި ހޮސްޕިޓަލް އެޅުމާއި ކުޅިވަރުގެ ދަނޑުތައް ރަށްރަށުގައި ހެދުމަކީ އިސްރާފުކުރުން ކަމަށް ހޭނުބަހައްޓާ ގޮވަމުން ނަޝީދު ދިޔައެވެ. އައްޑޫ ސިޓީގެ ވަށާޖެހޭ މެގަ ޕްރޮޖެކްޓާއި ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ބޮޑުކޮށް ތަރައްގީ ކުރަން ނަޝީދު ދެކޮޅު ހެދީ ފާޅުގައެވެ. އާރުޓީއެލް ހިދުމަތާއި އެއަރޕޯޓްތައް އެޅުމަކީ ދަރަނިވެރި ކުރުވާ ކަމެއްކަމަށް ބުނެ ރާއްޖެ ދަތުރު ފަތުރުން ގުޅާލަންވެސް ނަޝީދު ދެކޮޅު ހެދިއެވެ.
އެމްޑީޕީ ސަރުކާރުން އިންޑިއާ އާއި ގުޅިގެން ގެންނަނީ ދަރަނިވެރި ކޮންކްރިޓް ތަރައްގީ ކަމަށާއި ކޮންކްރިޓް ތަރައްގީ ބޭނުން ނުވާކަމަށްބުނެ ރަށްރަށުގައި އަސާސީ ހިދުމަތް ގާއިމުކޮށް ދިނުމާ އެންމެ ބޮޑަށް ދެކޮޅު ހެދީ ނަޝީދެވެ. ވިލިމާލެ ބްރިޖާއި ދެކޮޅަށް ވެސް ނުފަތުރަނީ ކޮން ފިތުނަވެރި ވާހަކައެއް ހެއްޔެވެ. މަޖިލީހުގެ ޔައުމިއްޔާ ތަކުން އެކަނިވެސް ނަޝީދުގެ މުނާފިގުކަމާއި އޭރުގެ ސަރުކާރާއި އިންޑިއާ ސަރުކާރާއި އެކުގައި އޮތް ގުޅުމަށް ހަސަދަވެރި ވީވަރު ފާޅުކަން ބޮޑުކޮށް ފެންނާން އެހުރީއެވެ.
ދަރަނީގެ ވާހަކައިން ރައްޔިތުން ބިރު ގަންނަވާ އިންޑިއާއަށް ދަރާވިކިގެން ރާއްޖެ ބަނގުރޫޓް ކޮށްލަނީ ކަމަށް ބުނެ ފަސާދަ އުފެއްދުމުގައި އިސްވެހުރީވެސް ރައީސް ނަޝީދެވެ. ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ހިސޯރުކޮށްގެން އިނދެ ބޮޑުވަޒީރު ފޯބިއާގައި އެމްޑީޕީއަށް ލިބުނު މަޖިލިހުގެ ސްޕަރ މެޖޯރިޓީގެ ބޭނުން ކަނޑުވާލީ ހަމަ ނަޝީދެވެ. ބޮޑު މެޖޯރިޓީ އޮވެމެ މަޖިލިސް މެދުވެރިކޮށް ސަރުކާރުގެ ވައުދުތައް ފުއްދިޔަ ނުދިނީ ރައީސް ނަޝީދެވެ.
ދެމޫނުގެ ވެރިއަކަށް ވެގެންހުރެ އިންޑިއާއަށް ދެއްކެން މިހާރު މާ މޮޅެތި ވާހަކައެއް ނަޝީދު ދައްކަން ނުހަދާށެވެ. ނަޝީދުގެ ހިތުގައި މުއިއްޒު ސަރުކާރަކަށްވެސް އެނޫން ސަރުކާރަކަށްވެސް އިހުލާސްތެރިކަމެއް ނުއޮންނާނެކަމީ އެންމެން ދަންނަ ހަގީގަތެކެވެ. އަމްދުން ވެރިކަން އަމިއްލަ މުށުތެރެއަށް ގެނައުމަށްޓަކައި ކޮންމެ ފަދަ ޑްރާމާއެއް ވެސް ނަޝީދު ކުޅެފާނެކަން އެންމެންމެ ދަނެއެވެ.
އިންޑިއާގެ ބަނޑުވާ ހެދިގެން މާ އިންޑިއާ ވެގަނެގެން ނަޝީދު އުޅެނީވެސް އިންޑިއާގެ އެހީގައި ރާއްޖޭގެ ވެރިކަން ނަޝީދަށް ފުރޮޅާ ލެވޭތޯއެވެ. އިންޑިއާއިން ވެސް ނަޝީދު ދަސްކޮށްފިއެވެ. ނަޝީދަށް ވެރިކަމުގެ ބާރެއް ލިބޭ ގޮތަށް އިންޑީއާއަކުން ވެސް މިހާރަކު ނަޝީދަށް އެހީތެރިކަމެއް ނުދޭނެއެވެ. ނަޝީދަކީ މިހާރަކު ދިވެހި ރައްޔިތުންގެ މެދުގައި އެއްވެސް މަގުބޫލު ކަމެއް އޮތް މީހެއް ނޫންކަން އިންޑިއާއަށް ވަރަށް ރަނގަޅަށް އެނގެއެވެ.