މުއިއްޒުގެ ލޫޓުވުން ހަލާލުކުރަން އަޒާނެއް ކަމަކު އުޅޭނެކަމެއްނެތް

އަނގައެއް އޮތިއްޔާ ކިތަންމެ ވަރަކަށްވެސް ދިޔާކުރެވިދާނެއެވެ. މުއިއްޒު ސަރުކާރުން ދައުލަތް ލޫޓްވާލުން ހަލާލުކޮށްދޭން އަޒާނު ކިތަންމެ ވަރަކަށް މަސައްކަތް ކުރިޔަސް މުއިއްޒު ލޫޓުވާ ލޫޓުވުން ހަލާލެއް ނުކޮށްދެވޭނެއެވެ. ތިޔަހެން އެތައްހާސް އިންޑީއާ ސިފައިން ގައުމުގައި އެބަތިއްބޭ ކިޔައިގެން އަޒާން ދެއްކިހާ ވާހަކަ އަކީވެސް އާހިރުގައިވީ ބުހުތާން ދޮގަށެވެ.
ރާއްޖެ މިއަދު ކުރިމަތިލާން ޖެހިފައިވާ ދަރަނީގެ ހާލަތަކީ މައިގަނޑު ގޮތެއްގައި ރައީސް ސޯލިހުގެ ސަރުކާރުގެ ސަބަބުން ދިމާވެފައިވާ ކަމެއްކަމަށް ދައްކައިގެން ލޫޓުވުން ހަލާލެއް ނުކުރެވޭނެއެވެ. 2019 އާއި 2023 އާ ދެމެދު، ދަރަނީގެ ޖުމްލަ އަދަދު 56.7 ބިލިއަން ރުފިޔާއަށް އިތުރުވެފައި އޮތީ ކީއްވެގެންކަން އޮޅުވާލަން ނޫޅޭށެވެ.
ރައީސް ސޯލިހު ވެރިކަމަށް އެރި ގޮތަށް އަރާ ރައީސް ޔާމީނު ވެރިކަމުގައި ނަގާފައިވާ ސަނީ ސައިޑް ބިޔަ ބޮންޑް އަދާކުރަން ޖެހުނު ކަމެއް ނޭނގޭ ދޯއެވެ. ކޮވިޑް19 ގެ ސަބަބުން މުޅި ދުނިޔެ ހުއްޓި ބޯޑަރުތައް ބަންދުވެ، ފަތުރުވެރިން ނައިސް، ބާނާ މަސްކޮޅު ބޭރުނުވެ، ދެ އަހަރު ވަންދެން އާމްދަނީ ހުއްޓުނު ހަނދާނެއް ވެސް ނެތް ދޯއެވެ. އެ ހާލަތުގައި ގައުމު ދެ އަހަރެއްހާ ދުވަހު އޮތްއިރު އެއްވެސް ތަކުލީފެއް ރައްޔިތަކަށް ނުޖެހި ތަރައްގީގެ މަޝްރޫއެއް ނުހުއްޓި، ބަނޑަށް ނުޖެހި ބާޒާރުގައި ތަކެތީގެ އަގު ބޮޑުނުވެ، ރައްޔިތުން ހަމަޖެހިގެން ތިބި ހަނދާން ނެތީހެއްޔެވެ.
ތާރީހުގައި ދަރަނީގެ އެންމެ ބޮޑު އިތުރުވުމޭ ބުނެ ސަރުކާރުގެ ގާބިލުކަންނެތި ކަންކަން ހަމަ މަގަށް ނޭޅުވުމުން ކުރީ ސަރުކާރަށް ކޮންމެ ކަމެއް ފޫޅު ކަނޑާލައިގެން ހިތްހަމަ ޖެހުން ހޯދަން ނޫޅޭށެވެ. ރައީސް ސޯލިހުގެ ވެރިކަމުގައި ނެގި ލޯނުގެ ބޮޑު ބައެއް ހޭދަކުރެވިފައި ވަނީ އިގުތިސޯދީ ގޮތުން އެއްވެސް ފައިދާއެއް ނުކުރާނެ މަޝްރޫއު ތަކަށޭ ބުނަން ލަދުނުގަންނަ ކަމެވެ. ރަށްރަށުގެ ކަރަންޓާއި ފެނާއި ނަރުދަމާއާއި ލަފާ ފުރުން ފަސޭހަކުރުމާއި ދަތުރު ފަތުރުން ރާއްޖެ ގުޅާލުންފަދަ ކަންކަމަށް ހަރަދު ކުރުމަކީ އިގުތިސޯދީ ގޮތުން ފައިދާ ކުރުވަނިވި ކަމަކަށް އަޒާނަކަށް ނުވިއެވެ.
އަޒާނަށް އިގުތިސޯދީ ގޮތުން ފައިދާހުރި ކަންކަމަށް ވަނީ ހަވާ އެރުވުމާއި އިވެންޓް ބޭއްވުމާއި މުޅި ދުނިޔޭގައި އުދުހުމާއި އަތަށް ފަޔަށް އޮބި ނޯންނަ ވަރަށް ސިޔާސީ މަގާމްތަކަށް މީހުން ލައިގެން މުސާރަ ދިނުމެވެ. ލަދު ހަޔާތުގެ ކަންފުޅެއް ހުރި ނަމަވެސް މުއިއްޒު ސަރުކާރުގެ އިސްރާފާއި ކޮރަޕްޝަނާއި ވައްކަމާއި ލޫޓުވުން ހަލާލު ކުރާކަށް އަނގައެއް ނުހުޅުވީހެވެ.
ރާއްޖެއަށް ލިބޭ ބޭރު ފައިސާ އިތުރުވެ ގެސްޓުން އަންނަ ނިސްބަތް ރެކޯޑްވެ ބަޖެޓް ޝާޕްލަސްވެ ކުންފުނިތަކުން ފައިދާ ލިބޭކަމަށް ބުނާ މުއިއްޒު ސަރުކާރަށް ދެ އަހަރުނުވެ 38 ބިލިޔަންގެ ދަރަނި އިތުރުވެ ޑޮލަރުގެ އަގު ވިހިން މައްޗަށް އެރީމާ ދަރަނި އަދާކުރުމުގެ ގާބިލުކަން ހުރިވަރު އެބަފެނޭ ނޫންހެއްޔެވެ. ބޮޑެތި ވާހަކަ ދައްކައިގެން ލޫޓުވުން ހަލާލުކުރަން އާޒާނެއް ކަމަކު އުޅޭނެ ކަމެއް ނެތެވެ.