މުއިއްޒު ކުރުވަނީ ހައްޖުންވެސް ވައްކަން
އެންޓިކޮރަޕްޝަނާއި އޯޑިޓް އޮފީހަކީ ދަތްނެތް ސިންގާ
އިސްލާމީ ކަންތައްތަކާބެހޭ މިނިސްޓްރީން ނިކަން ރަނގަޅަށް ޑރ. ޝަހީމް އިސްލާމީ ކަންތައް ތަކާ އެބަ ބެހއެވެ. ދީން ވިއްކައިގެން ފައިސާ ހޯދުމުގައި ލަދެއް ހަޔާތެއް ޝަހީމްގެ ނެތެވެ. އިސްލާމިކް މިނިސްޓްރީއަކީ ޗެރިޓީ ފަންޑެކެވެ. އިސްލަމިކް މިނިސްޓްރީއަކީ ވަގުފު ފަންޑެކެވެ. އިސްލަމިކް މިނިސްޓްރީއަކީ ޓްރެވަލް އެޖެންސީއެކެވެ. އިސްލާމިކް މިނިސްޓްރީއަކީ ޑިވޮލޮޕްމެންޓް ބޭންކެކެވެ. ވަޒީރު ޑރ. ޝަހީމްގެ މަސައްކަތަކީ އީސްލާމް ދީނުގެ ރުކުންތައް ވިއްކައިގެން ފައިސާ ހޯދުމެވެ.
ދީނީ އަޅުކަމަކީވެސް ބަޔަކު ފައިސާ ހޯދާ ވަސީލަތެއް ކަމަށް ހަދަން ދިމާ ކޮށްފިއްޔާ އެކަމަކީ ނިކަން ރަނގަޅަށް ފައިސާ ހޯދޭކަމެކެވެ. އަޅުކަން ވިއްކަން ސަރުކާރަކުން ދިމާކުރީމާ ނުވެ ނުދާނެ ހުރިހާކަމެއް ވާނެއެވެ. އަޅުކަން ވިއްކުމަކީ އިސްލާމީ ގައުމުތަކުގައި ކޮށްއުޅޭ ކަމެކޭ ބުނެ ކޮންމެ ކަމެއް ތިމާ އެދޭގޮތަށް ހަލާލުކޮށްގަންނަ ދީނީ އިލްމުވެރިޔަކަށްވުރެ ޖާހިލު އަނެކަކު ނުވެއެވެ. ބިރެއް ކަމެއް ގަތުމެއްނެތެވެ.
ހައްޖަކީ ކެރިކުޅަދާނަކަން ލިބިގެންވާ މީހާ އުމުރުން އެއްފަހަރު ކުރަން ވާޖިބު އަޅުކަމެކެވެ. ދީނީގޮތުން ވާޖިބު ނުވާ އަޅުކަމެއް ކުރުވަން ވާޖިބު ނޫން މީހަކަށް ރައްޔިތުންގެ ފައިސާ ހޭދަކޮށްގެން ކުރުވުމަކީ ދައުލަތަށް އޮތް ހައްގެއް ނޫނެވެ.
މާލީގޮތުން މުސްލިމަކު ފުދުންތެރިވެ ހައްޖު ވާޖިބުވުމުން ހައްޖުވުމަކީ އެމީހެއްގެ ޒިންމާއެކެވެ. ދައުލަތުގެ ޒިންމާއަކީ އެމީހަކަށް ފަސޭހައިން ހައްޖުވުމަށް މަގުފަހިކޮށްދިނުމެވެ. ހައްޖުން ވިޔަފާރި ކުރުމެއް ނޫނެވެ.
މާތްވެގެންވާ ހަރަމްފުޅަކީ ވަކިވަރަކަށް ނޫނީ މީހުނަށް އެއްފަހަރާ ބޭނުން ނުކުރެވޭ ތަނެއްކަމުން ހައްޖުގައި ކޯޓާ އުސޫލެއް އޮތުމަކީ އޭގެން ވިޔަފާރި ކުރަން އޮތް ވިޔާފާރި މުދާ ގަނޑެއްނޫނެވެ. ރާއްޖެއަށް ލިބޭ ހައްޖު ކޯޓާއަކީ ހައްޖު ވާޖިބު މީހުނަށް ހާއްސަކުރެވޭ އެއްޗެކެވެ. ފަރުލު ހައްޖުވެފައިވާ މީހަކަށް ކޯޓާ ދޭންޖެހޭނީ ވާޖިބު ހައްޖު ނުވެތިބި މީހުނަށް ފުރުސަތު ދިނުމަށް ފަހު ބާކީ ޖާގައޮތް ނަމައެވެ. ޝަހީމް ކޯޓާ ދިނުމުގައި މިކަހަލަ އެއްވެސް ކަމަކަށް ނުބަލައެވެ.
ހައްޖަށް ދިޔުމަށް ނިޔަތްގަނެ ފައިސާ ދައްކަމުންދާ މީހުން ތިއްބާ މުޅިން އެހެން ބަޔަކަށް ދައުލަތުގެ ހަރަދުގައި ހައްޖުވުމަށް ފުރުސަތުދީ ވެއިޓިންގ ލިސްޓްގެ ފުލަށް ހައްޖުވުމަށް މީހުން ދައްކާ ފައިސާއިން ވިޔަފާރި ކޮށްލަކޮށްލާ ޑރ. ޝަހީމު ހުންނަންވީއެވެ. މި އަހަރަށް އިތުރުކޮށްދިން ހައްޖު ކޯޓާތައްވެސް ބޮޑުއަގުގައި ކަޓްނަގައިގެން ވިއްކީއެވެ. މަތިމައްޗަށް ރުހުން ހޯދަން ހުށައަލުވައިގެން ވެސް އިސްލާމިކް މިނިސްޓަރު ކަމަކީ ނުކުރާވަރު ކަމެއްނޫންތާއެވެ.
ހައްޖު އުމްރާއަށް މީހުން ގެންދާ ގްރޫޕްތަކުން ހައްޖަށް މީހުން ފޮނުވުމަކަށް މިހާރަކު ފުރުސަތެއް ނެތެވެ. ހުރިހާ ކޯޓާ އޮންނަނީ ޝަހީމްގެ ހައްޖު ބޭންކުގައި ނީލަމުގައެވެ. ހިލޭ ކޯޓާ ލިބުމުގެ ދޮރު ޖަމާއަތްތަކަށް ނިކަން ރަނގަޅަށް ވަނީ ބަންދުކޮށްފައެވެ. ބިޑް އުސޫލުން އެންމެ ބޮޑު އަގެއްދޭ ބަޔަކަށް ކޯޓާ ދޭ އުސޫލެއް ހުޅުވާލިޔަސް މިލިޔަނުން ޝަހީމަށް ފައިސާ ހޯދޭނެތާއެވެ. އެންމެ ލުއިކޮށްވެސް ހައްޖު ކޯޕަރޭޝަންގެ ސާރވިސް ޗާޖެއްގެ ގޮތުގައި ހެޔޮވަރުގެ އަދަދެއް ނުދައްކައެއް ނުވާނެތާއެވެ.
ހައްޖު އުމްރާއަށް ގެންދިއުމުގެ ނަމުގައި އިސްލަކް މިނިސްޓްރީން ނިކަމެތިން އަތުން އިންސްޓޯލްމަންޓައް ފައިސާނަގައިގެން ވިޔަފާރި ކުރުމަކީ ހައްޖު އުމުރާއަކީ ބައެއްގެ ވިޔަފާރި މުދާގަނޑަކަށް ހެދުންނޫން އެހެން ކޮންކަމެއް ހެއްޔެވެ. ފައިސާ ދައްކާފައިވާ އުމުރުން 70 އަހަރަށް ވުރެ މަތީ އެތައް ބަޔަކަށް ފުރުސަތު ލިބެން އޮތީ އަދި 7 އަހަރު ފަހުންނެވެ. އެކި އެކި މީސް މީހުން މުޅި ދިރިއުޅުމަށް ކުރިހާ މަސައްކަތުން އެއްކުރިހާ ފައިސާކޮޅު ހައްޖު ކޯޕަރޭޝަނަށް ނަގައިގެން ވޭޓް ލިސްޓުގައި ބައިތިއްބައިގެން އެފައިސާއިން ހައްޖު ކޯޕަރޭޝަނުން ފަސްހައަހަރު ވިޔަފާރި ކޮށްކޮށް ހުއްޓާ ހައްޖަށް ނުދެވި މަރުވެފައިވަނީވެސް ކިތަންމެ ބައެކެވެ.
އެންޓިކޮރަޕްޝަނާއި އޯޑިޓް އޮފީހަކީ ދަތްނެތް ސިންގާއަކަށް ވީމަ ފެނުނަސް ކަނުވާނެއެވެ. އިވުނަސް ބީރުވާނެއެވެ. ވާހަކަ ދެއްކިޔަސް މަންމަން ވާނެއެވެ.