އިންޑިއާ ސިފައިން ނުބޭލިގެން މުއިއްޒު ބާލަށް ނުޖައްސާތި!
އިންޑިއާ ސިފައިންގެ މައްސަލައެއް ހިންދައެއް ނުލެވޭނެ
ތަހުތުގައި އިށީދެވުނުތާ ސާޅީސް އަށްގަޑިއިރު އަދި ނުވެއެވެ. ކުރީން ކިޔަމުންއައި ލަވަ ބަދަލު ވާން ފެށީއެވެ. ގަހަށް ފެންނަގޮތް ތަފާތުވާން ފެށީއެވެ. ކިހަށްކާން ބޭނުންވުމުން ފެންބޮއެފާ އެއްލާލި އުނބުގަނޑު ހޮވަން ދުއްވައިގަތީއެވެ. ހަމަ ރަނގަޅަށްވެސް ޑރ. މުއިއްޒު އުނބަން ޖެހީއެވެ.
އިންޑިއާއިން ފޮނުވި ދެ ހެލްކޮޕްޓަރު ރާއްޖޭގައި އޮޕަރޭޓް ކުރާތާ ކިތަންމެ ދުވަހެކެވެ. އެ ދެ ހެލްކޮޕްޓަރ ދުއްވުމާއި ބެލެހެއްޓުމާއި މަރާމާތު ކުރަނީ އިންޑިއާ އަސްކަރިއްޔާ އިންނެވެ. ރާއްޖެއިން އެވަރު އޮޕަރޭޝަނެއް ހިންގާ ބެލެހެއްޓުމަކީ ހަރަދާއި މަސައްކަތާއި ވަސީލަތުގެ ގޮތުން ރާއްޖެއަށް ވަރަށް ބޮޑު ބުރައަކަށް ވާނެއެވެ. އިންޑިއާކަނޑާއި ރާއްޖޭގެ ބޯޑަރަށް ފާރަވެރިވުމާއި ރެސްކިއު އޮޕަރޭޝަންތަކުގައި ހެލްކޮޕްޓަރުގެ ބޭނުން ތެރިކަން ބޮޑުކަމުން ދެގައުމުގެ ދެމެދުގައި ވެވުނު އެއްބަސް ވުމުގެ ދަށުން ހެލްކޮޕްޓަރު ތަކެއް ރާއްޖޭގައި އޮތުމަކީ ގައުމީ ސަލާމަތަށް ލިބިގެން ދިޔަ ރައްކާތެރި ކަމެކެވެ. ސަލާމަތަށް ލިބުނު ކަށަވަރު ކަމެކެވެ.
ހާލު ދެރަ އަވަސް ފަރުވާއަށް ބޭނުންވާ އެތައް ބައެއްގެ ފުރާނަ ސަލާމަތްވުމުގެ ސަބަބަކަށް އެ ހެލްކޮޕްޓަރުތައް ވިއެވެ. ކަނޑުމަތީގައި ގެއްލޭ މީހުންނާއި އުޅަނދުތައް ހޯދުމުގައި ހެލްކޮޕްޓަރު ތަކުގެ ބޭނުން ހިފީ ނިހާޔަތަށެވެ. ކަނޑުފޭރުމާއި ވަގަށް ހަތިޔާރާއި ޑްރަގް ކަނޑުމަތީން ބަދަލު ކުރުން ހުއްޓުވުމާއި ސަރަހައްދީ ކަނޑުން ސިއްރުން މަސްވެރިކަން ކުރުން ހުއްޓުވުމުގައި އެ ދެ ހެލްކޮޕްޓަރަކީ އޮތުން ލާޒިމު އެއްޗެކެވެ.
ރައީސް ނަޝީދުގެ ވެރިކަމުއްސުރެ ރާއްޖޭގައި ހެލްކޮޕްޓަރުތައް އޮވެގެން ގެއްލުނު ސިޔާދަތެއް މިނިވަން ކަމެއް މިއަދާ ހަމައަށް ވެސް ނެތެވެ. އެ ވާހަކަތައް ކުރީގެ ސަރުކާރު ތަކުން ރަނގަޅަށް ކިޔާދިނެވެ. ހުއްޓާނުލާ ނޫސްތަކުގައި އޭރުވެސް އެ ވާހަކަ ޖަހަމުން އޮޅުން ފިލުވާ ދެމުން ދިޔައެވެ. އެހެން ނަމަވެސް ރައީސް ސޯލިހުގެ ސަރުކާރާ ދެކޮޅަށް އޭރުގެ އިދިކޮޅަށް ވިއްކޭނެ އެއްޗެއް ނެތިގެން އިންޑިއާ އައުޓް ޖެއްސީއެވެ.
ޗައިނާއިން ފަންޑް ކޮށްގެން އިންޑިއާ އާއި ދެކޮޅަށް ޗައިނާގެ އެޖެންޓުންތަކެއް ލައްވާ ޗައިނާއިން ޖެހިމަޅީގައި ޕީޕީއެމް - ޕީއެންސީ ޖެހި ހަފުސްވީއެވެ. ވެރިކަމަށް އަތުވެއްޖެނަމަ ޕީޕީއެމް - ޕީއެންސީއަށް މި ދުވަސް އަންނާނެކަން ނޭނގުނީ ވެރިކަމުގެ ދަހިވެތިކަން އޮތްލެއް ބޮޑުކަމުންނެވެ. ވެރިކަން ލިބުމުން އިންޑިއާގެ ދެ ހެލިކޮޕްޓަރުގެ ސަބަބުން ބަލި މީހުން އުފުލުމަށް ލުއިފަސޭހަ ވެފައިވާ ކަމަށް ރައީސުް ޑޮކްޓަރ މުހައްމަދު މުއިއްޒަށް ވިދާޅުވާން މަޖުބޫރެވެ. ރައީސް މުއިއްޒު މިހާރު އެ ހުންނަވަނީ އިންޑިއާ އައުޓް ކުރައްވަން އުޅުއްވުނު މޮޔައިގައެވެ.
ބުނަން ހެއްޔެވެ. ދެން ސަކަރާތް ޖަހަން ނޫޅޭށެވެ. ޑިޕޮލަމަސީއޭ މަޝްވަރާއޭ ނުކިޔާށެވެ. ސިފައިން ގެންދާށޭ ކިޔަން ކިޔަން ނުތިބެ ކޮންމެ ބޭނުމެއްގައި ތިއްބަސް، ތިބިއްޔާ ތިބި އިންޑިއާ ސިފައިންގެ ބަޔަކުވިއްޔާ ޖެހޭނީ ބޭރު ކުރާށެވެ. ހެލްކޮޕްޓަރާއި ޑޯނިއަރ ބޯޓާއި ރާއްޖޭގައި ތިބި އިންޑިއާ ހުރިހާ ސިފައިން ވަގުތުން ވަގުތައް ބޭރު ކުރާށެވެ. އިންޑިއާ ސިފައިންގެ މީހަކީ ސެނެހިޔާ ހޮސްޕިޓަލުގައި މަސައްކަތްކުރާ ޑޮކްޓަރަކަސް ނަރުހަކަސް ސްޕެޝަލިސްޓް ޓެކްނީޝަނަކަސް ހެވެވެ. ޖެހޭނީ އައުޓް ވާށެވެ.
ޑިޕޮލަމަސީގެ ވާހަކަ ދައްކައިގެން އިންޑިއާ ސިފައިންގެ މައްސަލައެއް ހިންދައެއް ނުލެވޭނެއެވެ. އިންޑިއާ ސިފައިންގެ އެންމެ މީހަކު ވެސް އެންމެ ހިނދުކޮޅަކަށް ވެސް ރާއްޖޭގައި ބަހައްޓައިގެން ހުރުމަކީ މުއިއްޒަށް މިހާރު އޮތް ޗޮއިސެއް ނޫނެވެ. އިންޑިއާ ސިފައިން ނުބާލައިގެން މުއިއްޒު ބާލަށް ރައްޔިތުންނަށް ނުޖައްސާށެވެ.