ޕީއެންސީ ބޮޑުތަނުން ބަލިވާނެ: ޝާހިދު

ޕީއެންސީ ބޮޑުތަނުން ބަލިވާނެ: ޝާހިދު

ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީ ބޮޑުތަނުން ބަލިވާނެކަމަށް އެމްޑީޕީގެ ރައީސް އޮނަރަބަލް އަބްދުއްލާ ޝާހިދު ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ރައީސް އެހެން ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީ މެންބަރުންނަށް ތާއީދު ހޯއްދެވުމަށާއި އެމްޑީޕީގެ ހަރާކާތްތައް މުޅި ރާއްޖޭގައި ފުޅާކޮށް ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކުރައްވާ މަސައްކަތުގެ ތެރެއިން ފުވައްމުލަކު ސިޓީއަށް ކުރައްވާ ދަތުރުފުޅުގައި ފުވައްމުލަކު ސިޓީގައި ތިބި އެމްޑީޕީގެ މެންބަރުންނާއި ސަޕޯޓަރުންނާ ބައްދަލުކުރައްވާފައެވެ.

ޝާހިދު ވިދާޅުވާ ގޮތުގައި ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީ ބޮޑުތަނުން ބަލިވާނެކަމަށް ރައީސް މުއިއްޒަށް ގަބޫލުފުޅު ކުރެއްވޭތީ މިހާރު ފައްޓަވާފައިވާ މަސައްކަތަކީ ކައުންސިލްތަކުގެ އަގުވައްޓާލުމާއި ކައުންސިލްތަކުގެ ބާރު ކަނޑުވާލުމާއި ކައުންސިލްތައް ކުޑަ ކުރުމެވެ. 

ސަރުކާރުގެ މަގްސަދަކީ ލޯކަލް ކައުންސިލްތަކުގެ އަގު ވައްޓާލައި، ކައުންސިލަރުންގެ އަދަދު މަދުކޮށް ކައުންސިލްތަކުގެ މައްޗަށް ބާރުވެރިވުން ކަމަށް ޝާހިދު ވިދާޅުވިއެވެ. ކައުންސިލަރުންގެ އަދަދު މަދު ކުރުމުން ދައުލަތުގެ ބަޖެޓަށް ލުއިވާނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށް ވިދާޅުވަމުން އެމްޑީޕީގެ ރައީސް ވިދާޅުވީ ބަޖެޓަށް އެއްވެސް ލުޔެއް ނާންނާނެކަމަށެވެ.

ސަރުކާރު ވެރިކަމަށް އައި ފަހުން ލާމަރުކަޒީ ނިޒާމު ފުނޑާލަން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުމާއެކު އެ މަސައްކަތް ކޮންމެވެސް ވަރަކަށް ކާމިޔާބުވެ ކައުންސިލްތަކުގެ ބާރުތައް ވަރަށް ބޮޑަށް ހަނިކޮށްފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ސަރުކާރުން ކުރައްވަން ބޭނުންފުޅުވާ ކަމަކީ ސިޓީ ކައުންސިލުގެ މައްޗަށް ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންނާ އައްޔަން ކުރުމަށްފަހު ރައްޔިތުންގެ އަތުން ބާރު ނިގުޅައިގަތުން ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ. މަދު ކުރާ ކައުންސިލަރުންގެ ބަދަލުގައި، ކައުންސިލްތަކަށް ނުފޫޒު ފޯރުވުމުގެ ބޭނުމުގައި މިނިސްޓްރީ އޮފް ސިޓީސްއަށް އިތުރު ސިޔާސީ މުވައްޒަފުން އައްޔަން ކުރާނެ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.