ގައުމީ ފައުޖީންނަށް ބޯހިޔާވަކަން ނުދިނީ ޔާމީން
18މަހުން ނިންމަން 2014ގައި ބިންގާއެޅި ފްލެޓްތައް 2016ގައި ހުންނަން ޖެހެނީ ނިމިފަ
18 މަސްދުވަހުން ނިންމާގޮތަށް 2014 ނޮވެމްބަރ 26 ގައި ހުޅުމާލޭގައި ބިންގާ އެޅި ސިފައިންގެ ފްލެޓްތައް 2016 ވަނަ އަހަރުގެ ޖުލައި 26 ގައި ހުންނަން ޖެހެނީ ނިމިފައެވެ. އެމަސައްކަތް ނުނިމި ލަސްވެ ފަސްވެފައި އޮތީ ކޮން ސަރުކާރެއްގެ ނުކުޅެދުން ތެރިކަމާއި ސްލޯކަމަކުން ހެއްޔެވެ.
2013 ނޮވެންބަރ 17 އިން 2018ގެ ނޮވެންބަރ 17 އަށް ރާއްޖޭގެ ވެރިކަމުގައި ހުރީ ބަޅުރުކު ސަރުދާރު ޔާމީނެވެ. ހަލުވި ދުވެލީގައި ތަރައްގީކުރި ކަމަށް ބުނާ މޭސްތިރިއެވެ. ވެރިކަމުގެ އަރާބާރާ ޅަނދޮޅުކަމުގައި ގައުމީ ދިފާއީ ބާރުގައި މަސައްކަތްކުރާ ފައުޖީންނަށް ބޯހިޔާވަކަން ދޭން ބިންގާއެޅި ފްލެޓްތައް ނިންމާލުމުގެ ކެރިފޯރުންތެރި ކަމެއް ޔާމީނުގެ ސަރުކާރުގައި ނެތެވެ.
ރައީސް ސޯލިހުގެ ވެރިކަމަށް ފެށުނުއިރު ސިފައިންގެ ފްލެޓް ތަކުގެ މަސައްކަތް މުއްދަތަށް ނުނިމި އޮވެ ކޮޅެއް މެދެއް ނޭނގޭ އޮޅުން ބޮޅުންގަޑެއްގެ ތެރެއަށް ސިފައިންގެ ފްލެޓް ތަކުގެ މައްސަލަ އޮތީ ވައްޓާލާފައެވެ. ފައިސާ ނެތުމާއި އެގްރިމެންޓާ ހިލާފްވުމާ މުސާރަ ނުދިނުމާ މަސައްކަތަށް ބޭނުންވާ ތަކެތި ނެތުން ފަދަ އެތައް ހާސް މައްސަލައެއް ސިފައިންގެ ފްލޭޓްތަކާ ގުޅިފައި އޮތެވެ.
2019 ގައި ކުރިމަތިވި ކޮވިޑްގެ އާލަމީ ވަބާގައި ދުނިޔެ ޖެހުނު އިރު ސިފައިންގެ ފްލެޓްތައް އިމަރާތްކުރުމުގައި ދިމާވެފައި ހުރި މައްސަލަތައް ހައްލުކޮށް ބޭނުންވާ ފައިސާ އަލުން ހޯދާ ނިންމަހާ މޫސުމެއް މިސަރުކާރަކަށް ވެސް ނުލިބުނެވެ. ކޮވިޑުން އަރައިގަނެވި އާއްމު ހާލަތަކަށް ބަދަލުވަމުން އަންނަން ފެށުމާއެކު ސިފައިންގެ ފްލެޓްތައް ނިންމުމުގެ މަސައްކަތް އަލުން ބަލުން ފަށައިގަނެގެން އެހެރަދަނީ ކޮށް ނިންމަމުންނެވެ.
ސިފައިންގެ ތިން ޓަވަރުގައި ތިން ކޮޓަރީގެ 330 ފްލެޓު އަދި 20 ޕެންޓް ހައުސް ހުންނަގޮތަށް ފަށައިގެން ތިންޓަވަރުގެ ސްޓްރަކްޗަރއަށް ހެޔޮ ބަދަލު ތަކެއް ފަހުން ގެނެސް ތަނަވަސް އެ ޕާޓްމަންޓްތަކާއި ޕެންޓް ހައުސްތައް ހުންނާނެއެވެ.
ހުރި ހުރިހާ ދައްޗެއް ފިލުވާ ޝެޑިއުލާ އެއްގޮތަށް ސިފައިންގެ ފްލެޓްތައް ނިންމުމުގެ މަސައްކަތް ބާރަށް ކުރިއަށްގޮސް މި އަހަރުގެ ޖުލައިމަހު ނިމޭނެއެވެ. ސިފައިން ނުވަ އަހަރަށް ވުރެ ގިނަ ދުވަހު ކުރަމުން އައި ދިގު އިންތިޒާރަށް ނިމުންގެނެސްދީ ހެއްވާލާނީ މި ސަރުކާރުންނެވެ.