ރާއްޖޭގައި ހުނަރުވެރި މަސައްކަތްތެރި ތިބިކަމަކަށް ނަރީޝަކަށްނުވޭ!
ވަގުފާރީގެ ހަބަކަށް ސިޓީކައުންސިލް ވަނީ ހަދާފާ
ބޭރު މީހުންގެ ބަދަލުގައި ދިވެހި މަސައްކަތްތެރިން ވަޒީފާތަކަށް ނެގުމަށް މާލެ ސިޓީ ކައުންސިލުން ވަނީ ފާސްކޮށްފައެވެ. ސިޓީ ކައުންސިލްގެ މަސައްކަތަށް ބޭނުންވާ ސްކިލްޑް މީހުން ހޯދުމަށް އިއުލާނުކުރި ނަމަވެސް ސްކިލްޑް ދިވެހިންނަށް މާލެ ސިޓީ ކައުންސިލުގައި ކުރިއްސުރެ ފުރުސަތެއް ނޯވެއެވެ.
ދުވަހުން ދުވަހަށް މާލެ ސިޓީގައި ކުރިއަށް ގެންދާ މަސައްކަތްތައް ކުރުމުގައި އެންމެ ބޮޑަށް ބޭނުން ހިފަނީ ބިދޭސީ މުއައްޒަފުން ކަމަށް މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވުމުން އެކަން ވަރަށް ބޮޑަށް ސާފުވެގެން ދެއެވެ. ނަރީޝް ވިދާޅުވާ ގޮތުން މާލެ ސިޓީ ކައުންސިލްގައި ގިނަ އަދަދަކަށް ތިބީ ބިދޭސީ މުއައްޒަފުންނެވެ. އޭގެތެރޭގައި ގިނައީ ގިނަ ދުވަސްތަކެއް ވަންދެން ކައުންސިލުގެ ހިދމަތުގައި އުޅެފައި ތިބި މީހުންނެވެ.
ސިޓީ ކައުންސިލްގައި ތިބި ބިދޭސީ މުއްޒަފުންތެރޭގައި މަސައްކަތްކުރެވޭ ވަރަށްވުރެ ސިއްހީ ހާލަތު ގޯސް މީހުން ތިބިކަމަށްވެސް ނަރީޝް ފާހަގަކުރައްވައެވެ. އެކަމަކު ސިއްހީ ހާލަތު ކިތަންމެ ގޯހަސް އެމީހުން ވަޒީފާއިން ވަކިކޮށް އަމިއްލަ ގައުމުތަކަށް ފޮނުވާލާ އޭގެ ބަދަލުގައި ކައުންސިލަށް އިތުރު ބަޔަކު ވަޒީފާއަށް ނެގެން ނެތްކަމަށް ނަރީޝް ވިދާޅުވެއެވެ.
ބިދޭސީ މީހުން ގެންގުޅުމުގެ ބަހަނާއަކަށް ދައްކަނީ ސްކިލްޑް ދިވެހިން ނުލިބުމުގެ ވާހަކައެވެ. މަސައްކަތު މީހުންގެ ގޮތުގައި ދިވެހިން ބަރާބަރަށް ލިބޭކަމަށް ނަރީޝް ވިދާޅުވެއެވެ. ނުލިބޭކަމަށްވަނީ ވެލްޑުކުރުމާއި ބާރބެންޑުކުރުން ފަދަ ޓެކްނިކަލް މަސައްކަތްތައް އެނގޭ ސްކިލްޑް ދިވެހިންނެވެ.
ބަލިހާލު ބޮޑުވެ ވަޒީފާގެ ޒިންމާ އަދާނުކުރެވުނަސް ބިދޭސީ މީހާ ފޮނުވާނުލެވޭ ވަރަށް މާލެ ސިޓީ ކައުންސިލް ބިދޭސީ މުއައްޒަފުންގެ އަތްދަށު ވީމާ ސްކިލްޑް ދިވެހިން ލިބޭކަމަކަށް ނުވާނެއެވެ. އުޅެވޭ ވަރު މުސާރައެއް ދީގެން ސްކިލްޑް ދިވެއްސަކު ނުހޯދޭނެއެވެ. ނަރީޝްގެ ވާހަކަފުޅުތަކުން އެނގިގެން ދަނީ މާލެ ސިޓީ ކައުންސިލްގެ ކަންކަމުގެ މައްޗަށް ބިދޭސީން އަތްގަދަކޮށްފައި ވާވަރެވެ. ބިދޭސީންނަށް ރާއްޖޭގައި ވަޒީފާ ކަށަވަރުކޮށްދޭ އައްޑާއަކަށް މާލެ ސިޓީ ކައުންސިލް ހަދާފައިވާކަމެވެ. މާލެ ސިޓީ ކައުންސިލްގެ މެނޭޖުމަންޓް ބިދޭސީ މުއައްޒަފުންގެ މުށުތެރޭގައި ތަށިވެފައި އޮތް މިންވަރެވެ.
ސިޓީ ކައުންސިލްގެ މުއައްޒަފުންނާ ގުޅޭކަންކަން ބިދޭސީންގެ ބާރުގެ ދަށުގައި އޮތް ކަމަށް ހެކިލިބެނީ ނަރީޝްމެން ދައްކަވާ ވާހަކައިންނެވެ. މިހާރު ކައުންސިލުގައި ތިބި ސިއްހީ ހާލަތު ގޯސް ބިދޭސީ މުއައްޒަފުން ފޮނުވާލުމުން އެހެން ބަޔަކު ގެނައުމަށް ޖާގަ ލިބިގެން ދާނެ ނަމަވެސް ބިދޭސީ އެހެން ބަޔަކު ވަޒީފާއަށް ނެގޭނީި ދިވެހިން ވަޒީފާއަށް ނެގުމަށް ކައުންސިލުން ނިންމާފައިވާ ނިންމުމަށް ބަދަލު ގެނެސްގެން ކަމަށް ނަރީޝް ވިދާޅުވުމުންނެވެ. ސިއްހީ ހާލަތު ކިތަންމެ ގޯހަސް ވަޒީފާ ޒިންމާ އަދާ ނުކުރެވުނަސް އެއިން މީހަކު ބޭރުކޮށް ލުމުގެ ހިތްވަރު މާލެ ސިޓީ ކައުންސިލްގައި ހުރި ކަމަކަށް ނުވެއެވެ.
ނަރީޝް ވެސް ބޭނުންފުޅު ވަނީ ދިވެހިން ވަޒީފާއަށް ނިންމި ނިންމުން ބަދަލުކޮށް ބިދޭސީންނަށް ޖާގަދޭށެވެ. ސްކިލްޑް ދިވެހިން ހޯދައިގެން އެމީހުނަށް ވަޒީފާ ދީގެން ގެންގުޅޭކަށް ނޫނެވެ. ވަޒީފާއަށް ބިދޭސީން އެތެރެކޮށްގެން ހިންގާ ވަގުފާރި ފުޅާކޮށް ސިޓީ ކައުންސިލަކީ ވަގުފާރީގެ ހަބެއްގެ ގޮތުގައި ބާއްވައިގެން ކޮރަޕްޝަން ހިންގާށެވެ.