ގައުމާއި ގާނޫނު އަސާސީއަށްވުރެ ވަކިވަކި މީހުން މާ ބޮޑުވުން

އެންމެ ފަހުން ރާއްޖޭގައި ރައްޔިތުންގެ ހާއްސަ މަޖިލިސް އެއްކުރީ އަމަލު ކުރަމުން އައި ގާނޫނު އަސާސީ އިސްލާހު ކުރުމަށެވެ. އޭރު އަމަލުކުރެވުނު ގާނޫނު އަސާސީ ބުނާގޮތުން ހާއްސަ މަޖިލީހުގެ މަސައްކަތަކީ ގާނޫނު އަސާސީ އިސްލާހު ކުރުމެވެ. އައު ގާނޫނު އަސާސީއެއް ހެދުމެއް ނޫނެވެ.
ރާއްޖޭގައި މިހާރު އަމަލުކުރާ ނޫ ގާނޫނު އަސާސީގެ ގޮތުގައި މަޝްހޫރުވެފައިވާ ގާނޫނު އަސާސީއަކީ އޭރު އެއްކުރި ހާއްސަ މަޖިލީހުން އިސްލާހު ކުރި ގާނޫނު އަސާސީއެވެ. ބޮޑެތި ބަދަލު ތަކަކާއެކު ގާނޫނު އަސާސީ އިސްލާހުކޮށް ނިމުމާއެކު އެ އަސާސީ ވެގެން ދިޔައީ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އައު ގާނޫނު އަސާސީ އަކަށެވެ.
އިސްލާހުކޮށް ތަންފީޒު ކުރެވުނު ނޫ ގާނޫނު އަސާސީއަކީ ޑިމޮކްރެޓިކް ހެޔޮބަދަލު ތަކަކާއެކު ތަންފީޒުވެގެން ދިޔަ ގާނޫނު އަސާސީއެކެވެ. ނޫ ގާނޫނު އަސާސީއަކީ ރާއްޖޭގެ ފޯރުންތެރިކަމާ ނުބައްދަލު ހަރަދު ބޮޑު ގާނޫނު އަސާސީއެއް ކަމަށް ދެކޭ މީހުންވެސް މަދެއް ނޫނެވެ. ރައްޔިތުންނަށް ގިނަ ހައްގުތަކެއް ކަށަވަރުކޮށްދޭ ފާރަވެރިވުމާއި ޖަވާބުދާރީވުގެ ހަމަތައް ހިމެނޭ ތިންބާރު ވަކިކުރެވިފައިވާ ގާނޫނު އަސާސީއެކެވެ.
ސުވާލަކީ ގާނޫނު އަސާސީން ކަށަވަރުކޮށްދޭ އަސާސީ ހައްގުތަކާއި ޗެކް އެންޑް ބެލެންސާއި 3 ބާރު ވަކިވުމުގެ ޑިމޮކްރެޓިކް ފޮނި މީރުކަން އެބަ ލިބޭހެއްޔެވެ. ގިނަ ބަޔަކު އިއްތިފާގު ވަނީ ނުލިބޭ ކަމަށެވެ. އިހުނަށްވުރެވެސް ކަންކަން މިހާރު ގޯހުން ގޯހަށް ހިގައްޖެ ކަމަށް ދެކޭ މީހުން ވެސް ވަކި މަދެއްނޫނެވެ.
ހަގީގަތުގައިވެސް ދުސްތޫރީ ގިނަ މައްސަލަތަކެއް ފެންމަތިވެ ގާނޫނު އަސާސީގެ ރޫހާ ހިލާފަށް ދައުލަތް ހިގުން އާއްމުވެއްޖެއެވެ. ގާނޫނު އަސާސީއެއް އޮތުމުގެ ބޭނުން ނެތްވަރަށް ދިވެހި ދައުލަތް ހަރާބު ވެއްޖެއެވެ. މިހާ ވަރަށް ދިވެހި ދައުލަތް ފަސާދަވީ ގާނޫނު އަސާސީއަށް ވުރެ ބޮޑެތި މީހުން ގައުމުގައި ތިބުމުންނެވެ.
ނޫ ގާނޫނު އަސާސީ އުފެދުނު ހިސާބުން ގާނޫނު އަސާސީއަކީ އައު ގާނޫނު އަސާސީއެއްތޯ ނުވަތަ ނޫންތޯ ސުވާލު އުފެދުނީ ގާނޫނު އަސާސީއަށް ވުރެ ބޮޑެތި މީހުން ގައުމުގައި ތިބުމުންނެވެ. ގާނޫނު އަސާސީގެ އައު ބައު އޮޅުވާލާ ބޮޑެތި ދުސްތޫރީ މައްސަލަތައް ފެށުމުގައިވެސް އުފެދުނީ ގާނޫނު އަސާސީއަށް ވުރެ ބޮޑެތި މީހުން ގައުމުގައި ތިބުމުންނެވެ. ގާނޫނު އަސާސީގެ ރޫހާ ހިލާފު އެތައް ކަމެއް ތަކުރާރުކޮށް ހިނގަނީ ގާނޫނު އަސާސީއަށް ވުރެ ބޮޑެތި މީހުން ގައުމުގައި ތިބުމުންނެވެ.
2 ދައުރު ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ރައީސް ކަމަށް ކުރިމަތި ނުލެވޭނެ ކަމަށް ގާނޫނު އަސާސީގައި ލިޔެ ގަރާރުކޮށްފައި އޮތެއް ކަމަކު އޭރު ރައީސް ކަމުގައި ހުރި މައުމޫނަކީ ޖެހިޖެހިގެން 6 ދައުރު ރައީސްކަން ކޮށްފައި ހުރި މީހަކަށް ނުވިއެވެ. އޭނާ 7 ވަނަ ދައުރަކަށް ރައީސަކަމަށް ވާދަކުރަން ބޭނުވުމުން އައު ގާނޫނު އަސާސީއަކަށް އިސްލާހުކުރި ގާނޫނު އަސާސީ ވެއްޖެއެވެ. އޮތް ބޮޑު މެޖޯރިޓީއާއި ވެރިކަމުގެ އާރާ ބާރުގައި މައުމޫނަށްވުރެ ގާނޫނު އަސާސީއާއި ގައުމު ކުޑަވެއްޖެއެވެ. މައުމޫނަކީ ވެރިކަމެއް ކުރި މީހަކަށްވެސް ނުވެ މައުމޫނަށް 7 ވަނަ ދައުރަށްވެސް ވާދަކުރެވޭނެ ކަމަށް ސްޕްރީމް ކޯޓުން ހަދާދިން ދިނުމަކީ ފުރަތަމަ ފަހަރަށް ގާނޫނު އަސާސީގެ ބާރު ކަނޑުވާލި ކަނޑުވާލުމެވެ.
އިސްލާމު ދީނުގައި ހައްދު ގާއިމުކުރޭވޭ ކުށެއް ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށްވެސް ރައީސްކަން ނުކުރެވޭނެ ކަމަށް ގާނޫނު އަސާސީ ބުނެއެވެ. ކޮންމެ ސަބަބަކާއި ލައިގެން ވިޔަސް އޭރުގެ އިދިކޮޅު ލީޑަރު މުހައްމަދު ނަޝީދަކީ ވައްކަމުގެ ކުށެއް ސާބިތުވެ އަދަބު ލިބިފައިވާ މީހެކެވެ. ގާނޫނު އަސާސީ ބުނާ ގޮތުން ނަޝީދު ވެސް ރައީސް ކަމަކަށް ޝަރުތު ހަމައެއް ނުވެއެވެ. މައުމޫނަށް ކުރިމަތިލެވި ނަޝީދަށް ކުރިމަތު ނުލެވުމަކީ ގައުމު ފާލުން ނައްޓާލާނެ ކަމެއް ކަމުން ސްޕްރީމް ކޯޓުން ނަޝީދަށްވެސް ޝަރުތު ހަމަ ކޮށްދީ ރައީސްކަމަށް ވާދަކުރެވޭނެ ގޮތް ހަދާދިނުންވީ ގާނޫނު އަސާސީއަށް ވުރެ ބޮޑެތި ކިތަންމެ ބައެއް ރާއްޖޭގައި އޭރުވެސް ތިބިކަމުގެ ހުއްޖަތަކަށެވެ.
ނޫ ގާނޫނު އަސާސީގެ ފެށުންވެސް ފެށުނީ ގާނޫއަސާސީއާއި ހިލާފު ހުތުރު ފެށުމަކުންނެވެ. މަތި މައްޗަށް ދެންއައީ އެޒާތުގެ އެކިވަރުގެ އެކިކަންކަމެވެ. އެގޮތުން ފާހަގަކޮށް ލެވޭ އަނެއް މިސާލަކީ ކުރީގެ ރައީސުންނަށް އިނާޔަތް ދިނުމެވެ. ނޫ ގާނޫނު އަސާސީ ބުނަނީ މި ގާނޫނު އަސާސީގެ ދަށުން ރައީސް ކަންކުރާ މީހަކު ކުށްވެރިނުވެ މަގާމުން ވަކިވެއްޖެނަމަ ކުރީގެ ރައީސުންނަށް އިނާޔަތް ދޭންޖެހޭނެ ކަމަށެވެ.
ރައީސް މައުމޫނަކީ ނޫ ގާނޫނު އަސާސީގެ ދަށުން ދެ ދައުރު ރައީސް ކަންކޮށްފައިވާ މީހަކަށް ނުވާތީ 2008 ގެ ރިޔާސީ އިންތިހާބުގައި ނޫ ގާނޫނު އަސާސީގެ ދަށުން ރައީސްކަމަށް ވާދަކުރި މީހެކެވެ. ނޫ ގާނޫނު އަސާސީގެ ދަށުން ދެދައުރު ރައީސްކަން ނުކުރާތީ ރައީސް ކަމަށް ވާދަކުރެވުނަސް ނޫ ގާނޫނު އަސާސީގެ ދަށުން ރައީސްކަން ކުރި މީހަކަށްދޭ ކުރީގެ ރައީސްގެ އިނާޔަތް މައުމޫނަށް ހައްގުވުމުން ގާނޫނު އަސާސީއަށްވުރެ މައުމޫނު އަދިވެސް މާ ބޮޑުކަން ޔަގީންވީތާއެވެ.
އެހެން ކަމުން ހުރިހާ އާރަކާ ބާރަކާއެކު ވެރިކަމުގައި ހުރި މުއިއްޒު ގާނޫނު އަސާސީއާއި ގައުމަށްވުރެ ބޮޑުވާނެވަރު ހިތައް އަރުވާލާށެވެ. ގައުމާއި ގާނޫނު އަސާސީއަށްވުރެ ވަކިވަކި މީހުން މާ ބޮޑެތިވީމާ ވާނެ ހުރިހާ ގޮތެއް ރާއްޖެ މިދަނީ ތަޖުރިބާ ކުރަމުންނެވެ.