ފުލުހުންގެ ވެރިއަކަށް ލިޔެކިޔުން ނައްތާލަން ބާރުދިނުން ގާނޫނާ ހިލާފު: ތޯރިގު

ފުލުހުންގެ ވެރިއަކަށް ލިޔެކިޔުން ނައްތާލަން ބާރުދިނުން ގާނޫނާ ހިލާފު: ތޯރިގު

ފުލުހުންގެ ގަވާއިދަކަށް ބަދަލެއްގެނެސް އެ މުއައްސަސާގެ ވަކި ލިޔުންތަކެއް ނައްތާލުމުގެ ބާރު އެތާނގެ އެއްވެސް ވެރިއަކަށް ދެވޭނެކަމަށް ގަބޫލު ނުކުރައްވާކަމަށް ގައުމީ ތަރިކައާއިބެހޭ މާހިރެއް ކަމުގައިވާ މުހައްމަދު ތޯރިގު ވިދާޅުވެއްޖެއެވެ.

އާސާރާ ތަރިކައާއިބެހޭ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ ތޯރިގު ވިދާޅުވާ ގޮތުގައި ދިވެހިރާއްޖޭގެ ގައުމީ އަރުޝީފުގެ ގާނޫނު ( ގާނޫނު ނަންބަރު 16/2011) ގައި ދައުލަތުގެ ލިޔުންތަކާމެދު ގޮތްނިންމުމުގެ ބާރު ވަނީ ވަކި ފަރާތަކަށް ގާނޫނުން ދީފައިވެއެވެ.

ދިވެހިރާއްޖޭގެ ގައުމީ އަރުޝީފުގެ ގާނޫނު( ގާނޫނު ނަންބަރު 16/2011) ގެ 27 ވަނަ މާއްދާ ( ދައުލަތުގެ އޮފީހަކުން ލިޔެކިޔުމެއް ނައްތާލުން)ގައި ބުނެފައިވަނީ " ދައުލަތުގެ އޮފީހަކުން އެއްވެސް ލިޔެކިޔުމެއް ނައްތާލަންވާނީ ގައުމީ އަރުޝީފްގެ ޑިރެކްޓަރ ޖެނެރަލަށް އެކަމެއް ހުށަހަޅައި މި ގާނޫނުގެ ދަށުން ހަދާފައިވާ ގަވައިދާ އެއްގޮތްވާ ގޮތުގެ މަތީން" ކަމަށެވެ. 

ދައުލަތުގެ ލިޔުންތަކާމެދު ގޮތްނިންމުމުގެ ބާރު ގާނޫނަކުން ވަކި ފަރާތަކަށް ދީފައިވަނިކޮށް ، ފުލުހުންގެ ގަވާއިދަކަށް ބަދަލެއްގެނެސް އެ މުއައްސަސާގެ ވަކި ލިޔުންތަކެއް ނައްތާލުމުގެ ބާރު އެތާނގެ އެއްވެސް ވެރިއަކަށް ދެވޭގޮތަށް ހަދާ ގަވައިދު ވާނީ ގާނޫނަކަށްވުރެ ބާރުގަދަ ގަވާއިދަކަށެވެ. ގާނޫނަކަށްވުރެ ބާރުގަދަ ގަވާއިދެއް ނުހެދޭނެ ކަމަށާއި އެ ގަވައިދު ވާނީ ބާތިލު ގަަވާއިދަކަށް ކަމަށް މަނަދޫ ތޯރިގު ވިދާޅުވެއެވެ.