ގާސިމަށް އޮތް ކިންގ މޭކަރކަން ހަތިމުވީ ކިހިނެތް!

ގާނޫނު އަސާސީ އަލިފުން ޔާއަށް ނިންމުވީ ގާސިމު އިބްރާހީމް

ގާސިމަށް އޮތް ކިންގ މޭކަރކަން ހަތިމުވީ ކިހިނެތް!

ރާއްޖޭގެ ޑިމޮކްރެޓިކް ހަޔާތް ކިތަންމެ ކުރަސް ގިނަ ކަންތައްތަކެއް ތަޖުރިބާ ކުރެވިއްޖެއެވެ. ޑިމޮކްރެޓިކް ހަޔާތުގެ ތެރެއިން ތަޖުރިބާ ކުރެވުނު އެއްކަމަކީ ކިންގމޭކަރުން އުފެދުމާއި ކިންގ މޭކަރކަން ދެމިއޮތުމާ ނެތުމެވެ. 

ރާއްޖޭގައި ސިޔާސީ އިސްލާހީ ހަރަކާތް ފުޅާދާއިރާއެއްގައި ހިނގައިގަތީ އީވާނު ނަސީމްގެ މަރާ ގުޅިގެން އެތެރެއާއި ބޭރުން އޭރުއޮތް ސަރުކާރަށް ހުރި ޕްރޭޝަރތައް ކަނޑުވާލަން ސަރުކާރުން ދިން ލުއިތަކުގެ ތެރެއިންނެވެ. ރައީސް ކަމުގެ ހަވަނަ ދައުރެއް ރައީސް މައުމޫނު ފެއްޓެވީ އީވާން ނަސީމު ޖަލުގައި މަރާލެވުމާއި ގުޅިގެން އުފެދުނު ހަމަ ނުޖެހުމުގައި ޖަލުގައި ބަޑިޖަހައިގެން އެތައް ބަޔަކު މަރުވެ މުޅި މާލޭގައި ހުޅުޖެހުމާއި އަނިޔާވެރިކަން އާއްމުވެ ނުރައްކަލަށް ވެއްޓުނު ދުވަހުގެ ފަހުންނެވެ. 2003 ވަނަ އަހަރުގެ ސެޕްޓެމްބަރ 19، 20ގެ ފަހުންނެވެ. 

ވެވަޑައިގެން މަޖުބޫރާއެކު ރައީސް މައުމޫނު ދޫދެއްވެވީ އިމެއްނެތިއެވެ. ކިޔާނެ އެއްޗެއް ކިޔަންވީއެވެ. ލިޔާނެ އެއްޗެއް ލިޔަންވީއެވެ. ނަތީޖާއެއްގެ ގޮތުން އެތެރެއާއި ބޭރުގައި އިސްލާހުގެ ނަމުގައި ސިޔާސީ ހަރަކާތްތައް ފެށުނީ ފަތުއަޑު ކިޔާފައެވެ. ގަބޫލު ކުރިޔަސް ނުކުރިޔަސް ރައީސް މައުމޫނާ ދެކޮޅަށް ހިންގި ސިޔާސީ ހަރަކާތުގެ މައި އިންޖީނަކީ ވިޔަފާރިވެރިޔާ ގާސިމު އިބްރާހީމެވެ. 

އިދިކޮޅު ސިޔާސީ ފިކުރު ފެތުރުމުގައި ދިވެހި އޮބްޒަރވަރ (ޑީއޯ) އިސް ދައުރެއް އަދާކުރިއެވެ. އިދިކޮޅު ސިޔާސީ ފިކުރު ފެތުރުމަށް މާލޭގައި ހުއްތީފައި އޮތް އައްޑުވަސް މަޖައްލާ ސިޔާސީ މަޖައްލާއެއް ގޮތުގައި ނެރެންފެށުނެވެ. އެއާއި އެކުއެކީ ގާނޫނު އަސާސީ އިސްލާހު ކުރުމަށް ރައްޔިތުންގެ ހާއްސަ މަޖިލިސް އެއްކުރެއްވުމަށް ރައީސް މައުމޫނު ނިންމެވުމުން ހާއްސަ މަޖިލީހަށް އިސްލާހީ ހަރަކާތުގެ ތެރެއިން ބަޔަކު އިންތިހާބު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރިއެވެ. މި ހުރިހާ ކަންކަމުގެ މުގުލުގައި ހުންނެވީވެސް ގާސިމް އިބްރާހީމެވެ.

ގާނޫނު އަސާސީ އިސްލާހު ކުރަން އެއްކުރެވުނު ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ރައީސް ކަމަށް ގާސިމް އިބުރާހީމް ގެނައުމަށް ރިފޯމިސްޓުން ކުރިމަސައްކަތް ކޮޅެއްގައި ނުޖެހި ރިފޯމިސްޓުން ވޯކްއައުޓް ކުރުމުން މަޖިލީހަށް ރައީސަކު ނުހޮވި މަޖިލިސް ހުއްޓުނެވެ. ހުއްޓިފައި އޮތް ރައްޔިތުންގެ ހާއްސަ މަޖިލިސް ހިނގައިގަތީ އޮގަސްޓް 12،13ގެ އެއްވުމާ ގުޅިގެން ހުރިހާ ރިޕޯމިސްޓުން ޖަލުގައި ހައްޔަރު ކުރުމަށް ފަހުގައެވެ. އައްބާސް އިބްރާހީމް ރިޔާސަތުގައި ބައިންދައިގެން ހާއްސަ މަޖިލިސްގެ ޖަލްސާތައް ފެށުނު ނަމަވެސް ދެއަހަރު ވެގެން ދިޔައިރު ވެސް ގާނޫނު އަސާސީގެ އެންމެ އަކުރެއްވެސް ލިޔެވި ފާހެއް ނުކުރެވުނެވެ. 

ސްނަމީއާއި ގުޅިގެން ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ނަމުގައި ދުވަހެއް ފާހަގަ ކުރައްވަން ފައްޓަވާ އޮގަސްޓް 12،13 އާއިގުޅިގެން ހައްޔަރުކުރި އެންމެން ރައީސް މައުމޫނު މިނިވަން ކުރެއްވީ އިތުރު ތަހުގީގެއް ދައުވާއެއް ނުކުރާ ގޮތަށެވެ. ޖަލުން މިނިވަންވުމަށް ފަހު ދުވަސްކޮޅަކު ރާއްޖޭން ބޭރުގައި ހުންނެވުމަށް ފަހު ގާސިމް އިބުރާހީމް ގައުމަށް ވަޑައިގަތީ ރައީސް މައުމޫނުގެ ޕާޓީ ޑީއާރުޕީއަށް ސޮއިކުރައްވާ މާލީ ވަޒީރުކަމާއި މަނިޓަރީ އޮތޯރިޓީގެ ގަވަރުކަމާއެކުގައެވެ. އެންމެ ފަހުން ޑީއާރުޕީގެ ނައިބު ލީޑަރަކަށް ވެވަޑައިގެން ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ރައީސަށް ވެވަޑައިގަތެވެ. ކުރިން އެ މަގާމު ގާސިމަށް ނުދެއްވަން އުޅުއްވި ހުރިހާ މެންބަރުންގެ ވޯޓު ހޯއްދަވައިގެންނެވެ. 

ކުރިއަށް ނުކަނޑާފައި އޮތް ގާނޫނު އަސާސީގެ މަސައްކަތް އަލިފުން ޔާއަށް ނިންމީ ގާސިމު އިބްރާހީމްގެ ރިޔާސަތުގައެވެ. 2007ގައި ގާނޫނު އަސާސީ ތަސްދީގުކުރެއްވުމާއެކު ސަރުކާރުގެ މަގާމްތަކުން އިސްތިއުފާ ދެއްވާ ޖުމްހޫރީ ޕާޓީ އުފައްދަވައިގެން އެމްޑީޕީއާއި ބައިވެރިވެ ވަޑައިގެން ރައީސް މައުމޫނުގެ ވެރިކަން ނިންމެވުމުގައި ކިންގ މޭކަރަކީ ގާސިމު އިބްރާހީމެވެ. ރައީސް ނަޝީދުގެ ވެރިކަން ވައްޓާލައްވާ ޑރ. ވަހީދަށް ވެރިކަން ހޯއްދަވާ ދެއްވުމުގައި ގާސިމްގެ ދައުރު ބޮޑެވެ. ރައީސް ޔާމީނާއި ރައީސް ސޯލިހަށް ވެރިކަން ލިބި ވަޑައިގަތީވެސް ގާސިމު އިބްރާހީމްގެ ބޮޑު ދައުރަކާ އެކުގައެވެ. ނަމަވެސް 2023 ގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ގާސިމް އިބްރާހީމަށް ލިބިވަޑައިގަތީ ލަދުވެތި އަދަދެއްގެ ވޯޓާއެކު ފަސްވަނައެވެ. 2023 ގެ ކިންގ މޭކަރއަކަށް ވެވަޑައިގަތީ ރައީސް ނަޝީދެވެ. ޒަމާނުއްސުރެ ގާސިމް އިބްރާހީމަށް އޮތް ކިންގ މޭކަރކަން ހަތިމުވީއެވެ.