ސްކޫލް ދަންފަޅި ކުރުކޮށްގެން މޫސުމާ ރޯގާ ރަގަޅުކުރުން!
ދަންފަޅި ކުރުވިޔަސް ގަދަވަޔާއި ވިއްސާރާއިގައި ކުދިން ސްކޫލަށް ނުގޮހެއްނުވޭ!
މާދަމާ ސްކޫލްތައް ހުޅުވެނީއެވެ. މޫސުން ގޯހެވެ. ބަލިތައް ގިނައެވެ. ކަމުގެ ހައްލަކަށް ސަރުކާރަށް ފެނުނީ ދުވަސްކޮޅަކަށް ދެތިންގަޑިއިރަށް ދަންފަޅި ކުރުކޮށް ލުމަށެވެ.
ދެތިން ގަޑިއިރަށް ދަންފަޅި ކުރުމުން މޫސުން ރަނގަޅުވޭ ހެއްޔެވެ. ގަދަވަޔާއި ވިއްސާރާއިގައި ކުދިން ސްކޫލަށް ނުގޮސް ފަރުޖެހޭ ހެއްޔެވެ. ވިއްސާރަ ވީވަރަކަށް ދަންފަޅި ކުރުކޮށްފާ އަވިބާރު ވީވަރަކަށް ދަންފަޅި ދިގުކޮށްލާނީ ތާއެވެ. ދަންފަޅި ކުރުވުމަކުން ދިގުވުމަކުން މޫސުމަށް އަންނާނެ ބަދަލެއް ނޯންނާނެއެވެ.
ދިރާސީ އައު އަހަރު ސްކޫލު ފެށެން ވާއިރަށް ކުރިޔާލާ މުދައްރިސުން ސްކޫލަށް ނިކުމެ ރަސްމީ ދަންފަޅިއާއި އެއްގޮތަށް ކަންކަން ތަރުތީބުކޮށް ވަނީ ތައްޔާރުވެފައެވެ. ރަސްމީ ދަންފަޅިއާއި އެއްގޮތަށް ތަރުތީބުކޮށް ތައްޔާރުވީ ފަހުން ކުއްލިޔަކަށް ދެގަޑި ތިންގަޑިއިރަށް ދަންފަޅި ކުރުކޮށްލަން އެންގުމުން ސްކޫލުތަކުގެ ޕްރިންސިޕަލުންނާއި ޓީޗަރުން އެތިބީ ގޮތްހުސްވެ ހިރިލަން ނޭނގި ގަޑުވެފައެވެ. ކުރިހާ މަސައްކަތް ކުއްލިއަކަށް ނިއުޅާލަން ޖެހުމުން ރަތަށް އަރާފައެވެ.
މޫސުމޭ ކިޔައިގެން ކުއްލިއަކަށް ދަންފަޅި ކުރުކޮށްލުމުން އެކަމުން މޫސުމަށް އަންނަ ބަދަލެއް ނޯވެއެވެ. ގަދަވަޔާއި ވިއްސާރާގައި ކުދިންނާއި މުދައްރިސުން ސްކޫލަށް ދާން ނުޖެހިއެއް ނުދެއެވެ. ކަނޑުފަތާފައިވެސް ތިބިތާކުން ސްކޫލަށް ހާޒިރުވާން ޖެހެއެވެ. ހިސާބަށްވުރެ މޫސުން ގޯސްވީމާ މީގެކުރިން ހަދާގޮތަކީ ސްކޫލުގެ ކިޔެވުން ނުބޭއްވުމެވެ. ގެއްލޭދުވަސް ހަފްތާ ބަންދު ދުވަސްތަކުން ދުވަހެއްގައި ކިޔަވައިދީގެން ހަމަކޮށްލަނީއެވެ.
ރޯގާ މޮޅުވުމަކީ ވެސް ސްކޫލުތަކުގެ ސެޝަން ކުރުކޮށްލުމުގެ ސަބަބަކަށް އެބަބުނެއެވެ. ދެގަޑި ތިންގަޑިއިރަށް ވިޔަސް ކުދިން ސުކޫލަށް ދިޔުމަކީ ގައިންގަޔަށް އަރާ ރޯގާއެއް ފެތުރުން ހުއްޓޭ ކަމެއް ނޫނެވެ. ކިތަންމެ ކުޑަވަގުތު ކޮޅަކަށްވެސް ގިނަކުދިންތަކެއް އެއްތަންވެ އުޅެންޏާ ޑެންގޫއާއި ޗިކަންގުންޔާ ފަދަ ރޯގާތައް ގައިންގަޔަށް އެރުމެއް ނުހުއްޓުވެއެވެ. ކިޔަވާދޭ ދަންފަޅި ކުރުކޮށްގެން ރޯގާ މޮޅު ދުވަސްވަރެއްގައި ރޯގާ ޖެހުމެއް ނުހުއްޓުވެއެވެ. އިތުރަށް ފެތުރުން ނޫން ކަމެއް ނުވެއެވެ.
ސްކޫލްތައް ފެށެނީ ރޯގާ މޮޅު ދުވަސްވަރެއްގައި ނަމަ ރައްކާތެރި ވުމަށް ކުރިޔާލާ ކުރަންޖެހޭ ކަންކަން ނުކޮށްތިބެފާ ކުއްލިޔަކަށް ސެޝަން ކުރުކޮށްލުމަކީ ހައްލެއް ނޫނެވެ. ޑެންގޫ ފަދަ ނުރައްކާތެރި ބަލިތައް އުޅޭ ދުވަސްވަރެއްގައި ރައްކާތެރިވުމުގެ ގޮތުން ސްކޫލްތައް ފޮގްކުރުމާއި މަދިރި އުފެދޭތަންތަން ނައްތާލުމާއި އެނޫންވެސް ރައްކާތެރި ކަމުގެ ގޮތުން ސްކޫލުތަކުގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ބަދަލުގައި ދެތިން ގަޑިއިރަށް ދަންފަޅި ކުރު ކުރުމުން ރޯގާފެތުރުން ހުއްޓުމުގެ ބަދަލުގައި ފެތުރުންވާނީ އިތުރެވެ.